ޖެނީވާ (ޖުލައި 11) : ޖެނީވާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔާ ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް އެންމެފަހުން ކަނޑައެޅި މުއްދަތު ކަމަށްވާ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވެސް އެއްބަސްވުމަކާ ހަމައަށް ނުދެވުމުން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް އެމުއްދަތު އިތުރުކޮށްފި އެވެ.

މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް އީރާނާއި ބޮޑެތި ބާރުތަކުން ކަނޑައެޅި ސުންގަނޑި އިތުރުކުރި ތިންވަނަ ފަހަރެވެ. މިފަހަރުގެ ސުންގަޑި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުުރުކުރުމާ އެކު އީރާނާއި އެމެރިކާ ވަނީ އެއްގައުމު އަނެއްގައުމަށް ފާޑުކިޔާފަ އެވެ. ސުންގަޑި އިތުރުކުރުމަށް ނިންމުމަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ވާހަކަތައް ދިގުލަމުންދާތީ އެމެރިކާގެ ކެތްތެރިކަމަށް ވެސް ހުދޫދެއް އޮންނާނެ ކަމަށް ވިދާޅުވެ ނުސީދާގޮތަކަށް އީރާނަށް ފާޑުވިދާޅުވެފަ އެވެ. ރައްދުގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ އެމެރިކާ އިން ކަންތައް ބޮޑުކުރަމުން ގެންދާކަމަށާ އަދި ކުރިން ނޭދޭކަންތައްތަކަށް އެމެރިކާ މިހާރު އެދެމުންދާކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އީރާނުގެ ދިނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި މުސްތަޝާރު ޑރ. އަލީ އަކްބަރު ވިލާޔަތީ މިދިޔަ ބުރާސްފަތި ދުވަހުވަނީ ނިއުކްލިޔާ މައްސަލާގައި ޚަމަނާއި ކަނޑައަޅުއްވާފައިވާ ރަތްރޮނގުތައް ފަހަނަޅައި އީރާން ނުދާނެކަމާއި ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފްދުން މިރަތްރޮނގުތަކަށް އިޙްތިރާމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޑރ. ވިލާޔަތީ ވިދާޅުވެފައި ވަނީ ޖެނީވާގައި ކުރިޔަށްދާ ވާހަކަތަކުގައި އީރާނަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް ޚަމަނާއި ކަނޑައަޅުއްވާފައިވާ ރަތްރޮނގުތައް އީރާނުން ހުރަސްނުކުރާނެ ކަމުގަ އެވެ.

އީރާނާއި ދުނިޔޭގޭ ބޮޑެތި ބާރުތަކާ ދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތައް އޭގެއެންމެ ހައްސާސް މަރްޙަލާއަށް ވަދެފައިވާއިރު މަދު މައްސަލައެއް ހައްލުނުވިނަމަވެސް މައްސަލަތަކުގެ 95 އިންސައްތަ ހައްލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އިއްޔެ ވިދާޅުވެފައިވަނީ ވާހަކަތައް މިހާރުވަނީ އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބުގައި ކަމަށާ އެއްބަސްވުމުގައި ސޮއިކުރުމަށް ދެން ލާންޖެހެނީ ވަރަށް ކުޑަބާރެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މުހައްލިލުން ބުނާގޮތުގައި އީރާން ވެސް އަދި އެމެރިކާ ވެސް މިގޮތަށް ބަޔާންތައްދީ އެއްބަސްވުމުގައި ސޮއިކުރުން ލަސްކުރަނީ އެއްބަސްވުމާ އިދިކޮޅުހަދާ އެދެގައުމުގެ ހަރުކަށި ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެންނެވެ. އަދި ލަސްކުރަނީ މިފަރާތްތައް ރުއްސުމުގެ ބޭނުމުގައި ކަމަށް ބެލޭކަމަށް ވެސް މުހައްލިލުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)