07 Mar 2011, 08:35
ޖޫން 8، 2010: އުމުރުން 24 އަހަރުގެ ޝަރީފާ ޚާނީ އާއި އަހުމަދު ނަޒީފު 25، އަށް ބޮޑުވެގެންވާ އުފަލެއް ލިބުނެވެ؛ އަލަތު ކައިވެނީގެ ފުރަތަމަ ދަރިފުޅަށް ޝަރީފާ ބަލިވެ އިން ކަމުގެ ހިނިތުންވުމުގެ ހަބަރެވެ. އެ ޚަބަރު ލިބުނުތާ ބަރާބަރު ނުވަމަސް ފުރޭނީ މާދަމާ އެވެ. އެހެން ނަމަވެސް އޭގެ މާކުރިން އެދެމަފިރިންގެ އަލަތު ދަރިފުޅަށްކުރި ފޮނި އިންތިޒާރު، ވަނީ މުޅި ގައުމު ސިއްސުވައިލައި، ކަރުނައިގެ "ރާޅެއް"ގެ ތެރެއަށް ގަންބައިލާފަ އެވެ. ކޮންފަދަ ބަދު ނަސީބު ހާލަތެއް ހެއްޔެވެ؟ މަންމައަކާއި ބައްޕައަކަށްވާން އުފަލުން ތައްޔާރުވި ޒުވާން ދެމަފިރިން ވެގެން ދިޔައީ ދަރިފުޅު، ބޮޑުކަމުން ނުވިހި، ކަރުބުރިކޮށްލައިގެން ޑޮކްޓަރުން ނެގި ތުއްތު ދަރިފުޅުގެ ބަދުނަސީބު މައިންބަފައިނަށެވެ.
ބަލިއެނދުގައި އޮތް ޝަރީފާއަށް އޭނާގެ ވިހެއުމުގެ ތެރޭ ދަރިފުޅު މަރުވިކަން އެނގިފައިވެ އެވެ. އެކަމަކު އަލަތު ދަރިފުޅުގެ ކަރު ބުރިކޮށްގެން ނެގިކަމެއް އަދިވެސް ނޭނގޭނެ އެވެ. އޭނާގެ ހާލު ރަނގަޅުވަންދެން އެކަން ވަނީ ސިއްރުކޮށްފަ އެވެ.
http://sun.mv/albums/l_313.jpg
މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވި ބޮޑު، މި ހާދިސާގެ ސަބަބުން އެންމެ ފުން ހިތާމައެއް އުފުލަން ޖެހިފައިވާ މީހަކީ ބޮލާއި ހަށިގަނޑު ވަކިކުރި ކުޑަ ދަރިފުޅުގެ ބައްޕަ، ނަޒީފެވެ. ދަރިފުޅުގެ ބޯ ބުރިކޮށްލި ހިސާބުން ފެށިގެން ކަފުންކޮށް ވަޅުލުމަށްފަހު ވެސް އޭނާ ހުރީ ކަރުނަތައް ބަންޑުންވިޔަ ނުދީ ހިފަހައްޓައިގެނެވެ. ހަމަ އެންމެ ސަބަބަކަށްޓަކަ އެވެ. އަނބިމީހާ، ޝަރީފާއަށްޓަކައެވެ.
ބަލިވެ އިނުން:
ނަޒީފާއި ޝަރީފާ ދިރިއުޅެމުންދިޔައީ ތ. ކިނބިދޫގަ އެވެ. ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ވަޒީފާއަށްދާ ލާންސް ކޯޕްރަލްގެ މަގާމު ފުރާ ނަޒީފަށް އަންހެނުން ބަލިވެއިންކަން އެނގުނީ އަންހެނުން ގޮވައިގެން ވޭމަންޑޫ ހޮސްޕިޓަލަށް ދިޔުމުންނެވެ. އުފާވެރި ހަބަރު ލިބުނު އިރު ބަނޑަށް އެއް މަސްފުރިއްޖެ އެވެ.
"ބޮޑަށް އެކަން ޔަގީންކުރަން މާލެ އައީ. އައިސް މާލެއިން ވެސް ޓެސްޓް ހެދިން. ވަރަށް އުފާވި އަންހެނުން ބަނޑުބޮޑު ޚަބަރު ލިބުނީމަ،" ސަންއަށް އިންޓަވިއު ދެމުން ނަޒީފު ބުންޏެވެ. އޭގެ ފަހަށް ގަވާއިދުން ވޭމަންޑޫ ހޮސްޕިޓަލަށް އަންހެނުން ދައްކައި، ޓެސްޓްތައް އައީ ހަދަމުންނެވެ. އޭރުވެސް ވޭމަންޑޫ ހޮސްޕިޓަލުން އިރުޝާދެއް ދެމުން ދިޔައެވެ. އަންހެނުންނަކީ ހަކުރު ބަލީގެ މީހަކަށްވާތީ މާލެ ގޮސް ޓެސްޓްތައް ހެދުމަށެވެ.
"ވޭމަންޑޫން ޑޮކްޓަރު ބުނި ރަނގަޅުވާނީ މާލެ ދިޔުމޭ ހަކުރު ހުރީމަ. މާލެ ގޮސް، ސްކޭނެއް އެއްޗެހި ހަދާށޭ )އަންހެނުންގެ( ހަކުރު ހުރީމަ ދަރިފުޅުގެ އައިބެއް އެއްޗެއްވެސް ހުރުން އެކަށީގެންވެއޭ ހަކުރު ހުންނާތީވެ. ދެން އައިސް ހަތަރު މަހުގައި ޑރ. އަސީލަށް ދެއްކީ. ހަތަރު މަހު ސްކޭން ހެދީމަ ޑރ. އަސީލް ވިދާޅުވީ، ރަނގަޅޭ އެއްވެސް މައްސަލައެއް ނެތޭ. އެހެންވެ އެނބުރި ރަށަށް ދިޔައީ،" ނަޒީފު ކިޔައިދިނެވެ.
ފުރަތަމަ އިންޒާރު:
ނަޒީފު ޝަރީފާ ގޮވައިގެން ދަތުރަށް އެރި އެވެ. ލ. އަތޮޅުގައި އަންހެނުންގެ މޮޅު ޑޮކްޓަރެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އެ ޑޮކްޓަރު ގާތަށް ދިއުމަށެވެ. އެކަމަކު އޭނާ ބުނާ ގޮތުންނަމަ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހުނީ އެހިސާބުންނެވެ.
"ލ. އަތޮޅުގެ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ތަޖުރިބާހުރި މޮޅު ޑޮކްޓަރެއް އެބަހުއްޓޭ ބުނީމަ އަޅުގަނޑުމެން ދިޔައީ. ގޮސް ދެއްކީމަ އެޑޮކްޓަރު ވިދާޅުވީ ނުވަ މަސްވާ ދުވަހު ތިމަންނަ ނަގާނަމޭ ކުއްޖާ! ދެން އަޅުގަނޑު އެހިން އެއީ ކީއްވެހޭ ގޮތް ތިނިންމީ ތިހާ އަވަހަށް. ބުނީމަ ވިދާޅުވީ އެއީ ހަކުރު ހުންނާތީވެއޭ. ބަނޑުގައި ބާއްވައިގެންވާ ކަމެއްގެ ޒިންމާއެއް ތިމަންނަ ނުނަގާނަމޭ )ޑޮކްޓަރު( ބުނި،"
ނަޒީފު ބުނާ ގޮތުން ނަމަ އެއީ އޭނާގެ ދަރިފުޅު ވިހެއުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ވިސްނައިލުމަށް ލިބުނު ފުރަތަމަ އިންޒާރެވެ. އަންހެނުން ވިއްސަން މާލެ އައުމަށް ނަޒީފު ނިންމީ އެހިސާބުންނެވެ: "އަންހެނުންވެސް ފުރަތަމަ ފަހަރަށްވެފައި އެކަހަލަ )ކަންބޮޑުވުމުގެ( އިހުސާސްތަކެއް ހުރީމަ މާލެ ގެންނަން ނިންމީ. މިކޮޅުގައި ރަނގަޅު ނާސަރީއެއްވެސް ހުރީމަ، އަދި ހާލުދެރަވިޔަސް ރަނގަޅު ނާސަރީއެއް ހުރިތަނަކުން )ރަނގަޅު ފަރުވާ( ދެވޭނީ،"
ލިބެނީ ފިރިހެން ކުއްޖެއް
ނަޒީފާއި ޝަރީފާވެސް ތައްޔާރު ވަމުން ދިޔައީ ފުރަތަމަ ދަރިފުޅަށެވެ. ދެ މީހުންނަށް ވެސް ލިބިފައި އޮތް އުފަލަކީ ވިހާ ދުވަސް ކައިރިވަމުން ދިއުމެވެ. އެހެންވެ ވިހެއުމުގެ ފަހުގެ ތައްޔާރީތައް ވުމަށް ޝަރީފާ ގޮވައިގެން ނަޒީފު މާލެ އައީ މިދިޔަމަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭރު އަންހެނުންގެ ބަނޑަށް އަށް މަހެވެ. ތައްޔާރުވެލަން އަދި ވަގުތުކޮޅެއް އެބައޮތެވެ.
http://sun.mv/albums/l_314.jpg
މާލެ އައުމަށްފަހު ނަޒީފު އަވަސްވެގަތީ ޑޮކްޓަރަށް ދައްކާށެވެ. ނަމަވެސް، ޑރ. އަސީލުގެ އެޕޮއިންޓްމަންޓެއް ނުލިބުމުން ދާންޖެހުނީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ބޭރުގެ ގައެނެކޮލޮޖިސްޓް ޑރ. ޔަގާނެގީ ގާތަށެވެ. ނަޒީފާއި ޝަރީފާއަށް ލިބެނީ ފިރިހެން ކުއްޖެއް ކަމުގެ އުފާވެރި ހަބަރު އެ ދެމެފިރިންނަށް ދެއްވީ ޑރ. ޔަގާނިގީ އެވެ.
"ވަރަށް އުފާވި ދެމީހުން ވެސް، ހަމަ ވަރަށް އުފާވި،" ހިނިތުންވާން ނަޒީފު މަސައްކަތް ކުރި އެވެ.
ފިރިހެން ކުއްޖަކު ލިބޭކަން އެނގުނު ހިސާބުން ދެން މަސައްކަތް ފެށީ ދަރިފުޅަށް ކިޔާނެ ރީތި ނަމެއް ހޯދުމަށެވެ. އެގޮތުން ދެމަފިރިންނަށް ވެސް އެންމެ ރީތިވި ނަމަކީ އަހުމަދު ނީޝަމް އެވެ.
"އަހަރެމެން ކިޔަން ނިންމާފައި އޮތީ އަހުމަދު ނީޝަމް، އެ ނަމުގެ މާނައަކީ ހަރަކާތްތެރިކަން،" ނަޒީފު ބުނެލި އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްވުން
ޝަރީފާގެ ޑިއުޑޭޓަކީ މާޗް 15 އެވެ. ނަމަވެސް ސްކޭންތައް ބެއްލެވުމަށްފަހު ހަކުރު ބަލީގެ ޕޭޝަންޓަކަށްވާތީ ލަސްނުކޮށް ހޮސްޕިޓަލުގައި އެޑްމިޓްވުމަށް ޑރ.ޔަގާނިގީ އިރުޝާދު ދެއްވުމުން ޑިއުޑޭޓާ މެދު ވިސްނުން ދޫކޮށްލައި އަންހެނުން ގޮވައިގެން ނަޒީފު އަވަހަށް އައިޖީއެމްއެޗަށް ދިޔައެވެ. އޭރުވެސް ހުރިހާ ކަމެއް އޮތީ އުފަލުގެ ތެރޭގަ އެވެ. ޝަރީފާ ވެސް ހުރީ އުފަލުގަ އެވެ. މަންމައަކަން ވާން މާ ގިނަ ވަގުތެއް ނެތުމުންނެވެ. ނަޒީފު ވެސް ހުރީ އެހާ އުފާވެފައެވެ. ބައްޕައަކަށް ވާތީ އެވެ. އުރައިލާއި ކޮލުގައި ހިފާލައި "ދަރިފުޅާ ނީޝަމްއޭ" ގޮވައިލަން ތައްޔާރުވެގެނެވެ. ތިންމައިން އެކުގައި ފޮޓޯތައް ނަގަން ހިތްއެދެމުން ދިޔައެވެ.
ދެމަފަރިން ހޮސްޕިޓަލަށް ދިޔައީ ފިރިހެން ދަރިފުޅު، ނީޝަމްއާ ގުޅޭނެހެން ބޭނުންވާ ހުރިހާ ސާމާނެއް ނޫކުލައިން ހަމަކުރުރުމަށް ފަހު އެވެ. އެއެއްޗެއް ހުންނަންޖެހޭ ގޮތަށް ފުރިހަމައަށް ތައްޔާރު ކުރުމަށްފަހު އެވެ. ނީޝަމް އަށްޓަކައި ގަތް ހެދުންކޮޅުތަކާއި ތުވާލިކޮޅުތަކާއި، ރަޖާތައް ދޮވެ އިސްތިރިކޮށް، ނަލަކޮށް ފަތްޖެހީ ޝަރީފާ އެވެ.
ބަނޑު މޫނާ ހަމައަށްދާ ޝަރީފާ ހަރަކާތްތެރިކަމާއެކު އެ ހުރިހާ ކަމެއް ނިންމިއިރު ޝަރީފާގެ މަންމަ މާ ބަނޑުވުމަށްފަހު ދަރިފުޅު ނުވިހާ ނިޔާވި ހަނދާން ހުރިހެނެއް ހީއެއް ނުވެ އެވެ. ޝަރީފާގެ އުމުރުން ދެ އަހަރަށް އޮއްވައި މަންމައެއްގެ ލޯބިން މަހްރޫމްވި ހަނދާންތައް އަލެއް ނުކުރެއެވެ. އެދުވަހު އޭނާ އުޅުނީ އުނގަށް ވަންނާނެ، އުރުގައި އޮންނާނެ، ރޮއިގަންނާނެ އާއިލާގެ އާ މެހުމާން، ނީޝަމްއަށް މަރުހަބާ ކިޔުމަށެވެ.
"ދައްތަ އުޅުނީ ވަރަށް އުފަލުން. އަމިއްލައަށް މިހުރިހާ އެއްޗެހި ދޮވެ، އިސްތިރިކޮށް، ރީތިކޮށް ފައްޖަހައިފަ ދިޔައީވެސް،" މާލޭގައި އެދަމަފިރިން މަޑުކޮށްގެން ތިބި ކޮޓަރިތެރޭ ބަހައްޓައިފައި ހުރި ނީޝަމްއަށް ހާއްސަ ސާމާނުތައް ދައްކަމުން ނަޒީފްގެ ކޮއްކޮ ކިޔައިދިނެވެ.
ސުވާލުތަކުގެ ތެރޭގައި
ކުރިން ދީފައިހުރި ހުރިހާ ލިޔުންތަކާއެކު ނަޒީފާ ޝަރީފާ އައިޖީއެމް އެޗަށް ދިޔައީ ފެބްރުއަރީ 13އިގަ އެވެ. އެދުވަހު އެޑްމިޓްވުމަށް ފަހު 25 ވަނަ ދުވަހު ސްކޭނެއް ކުރި އެވެ. އޭރުވެސް ދެމުން އައި ހަބަރަކީ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. ޑިއުޓީ، ޑޮކްޓަރުން އައިސް އަހްނެނުންގެ ހާލަތު ބަލަމުންދެ އެވެ. ވޭންވަރު ނުނަގާ ކަމަށް ވިދާޅުވަމުން ދިޔަ އެވެ.
"ވޭނެއް ނުނަގާ. ތަދުކުރާ ޖެލް ޖެހީ މާޗް ދެވަނަ ދުވަހު ވިއްސަންވެގެން. އެކަމަކު އެވީ ދުވަސްތަކުގައ ިވެސް ނެތް ސިޒޭރިއަނަކަށްދާން ބުނެފައެއް. އެދުވަހު އިރުއްއްސި 7:30 ގައި ވެއްދީ ލޭބާ ރޫމަށް. ދެން އިރުކޮޅުކޮޅުން ނެރޭ ހިނގަންވެގެން ބޭބީ ތިރިއަށް ޖައްސަން. ދެން އެގޮތަށް އެ ދުވަސް ދިޔައީ. އެތެރޭގައި އޮތްއިރުވެސް ދޭތެރެ ދޭތެރެއިން ގުޅައި ޚަބަރުބަލަމުން ދިޔައީ،" ލޭބާ ރޫމް ބޭރުގައި ކުރެވުނު ތަޖުރިބާތައް ނަޒީފު ކިޔައިދެމުން ދިޔަ އެވެ.
ފެންދުއްޔަށް ވީކިހިނެއް؟
ޖެހިގެން އައި ދުވަހު ހެނދުނު 7:00 ޖަހަން އުޅެނިކޮށް އަންހެނުންގެ ފެން ދުލި ފަޅައިގެން ދިޔަ ޚަބަރު ލޭބާ ރޫމުން ނަޒީފަށް ދިނެވެ.
"ނަރުހެއް ކަމެއް ޑޮކްޓަރެއް ކަމެއް ނޭނގޭ، އޭނަ އެންގީ ފެން ދުލި ފަޅައިގެން ގޮއްސިއޭ، މިހާރު ތަދުވުންވެސް ފުދޭވަރަކަށް ދުރުކޮށޭ އުޅެނީ. އެހެންވީމަ އެބަޖެހެޔޭ ތަދުކުރާ އިންޖެކްޝަން ޖަހަން. ދެން ތަދުކުރާ ކޮޓަރިއަށް ވެއްދުމުގެ ކުރިން އެއްޗެއްގައި ސޮއިކުރުވި. އޭގަ އޮންނަނީ ތަޖުރިބާއަށް ބަލައިއިރު އެކަހަލަ އެއްޗެއްސޭ ބޭނުންކުރަނީ،" ނަޒީފް ބުންޏެވެ. "އެކަމަކު ފަހުން އަންހެނުންގެ ވާހަކައިން އެނގޭ ފެންދުލި ފަޅައިގެން ދިޔައީ ނޫންކަން ފަޅައިލީކަން،"
އާދަޔާހިލާފު ހަބަރެއް
ނުނިދައި ހޭލާ ހުންނަތާ ދެދުވަސްވެފައިވާ ނަޒީފަށް އެއްވެސް ވަރަކަށް އާދަޔާހިލާފު ކަމެއް ވަމުންދާ ކަމަކަށް ވިސްނާލެވިފައެއް ނެތެވެ. ހަމައެކަނި ހުރެވުނީ އުފާވެރި ވަގުތުކޮޅަށް އިންތިޒާރު ކޮށްގެނެވެ. ނަމަވެސް އެދުވަހު 9:00 ޖަހަން އުޅެނިކޮށް ނަރުސް ކުއްޖަކު އޭނާއަށް ގެނެސްދިނީ އާދަޔާ ހިލާފު ހަބަރެކެވެ. އެ ހަބަރުން ނަޒީފަށް ހާސްކަން ގެނުވި އެވެ. އެއީ ދަރިފުޅުގެ ބޯ ވިހެއުމަށްފަހު، ކޮނޑުތާށިވެ ހަށިގަނޑު ބޭރުނުވާ ކަމަށާއި ހަށިގަނޑު ނުކުތުމުން އަންގާލާނެ ކަމުގެ ހައިރާން ކުރުވަނިވި ހަބަރެވެ.
"އެހެންބުނެފައި ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓުވަރުކަންނޭގޭ ވާނީ ލޭބާ ރޫމަށް އަޅުގަނޑު ވައްދައިފަ ބުނަނީ )ކުއްޖާގެ ކޮނޑުއަޅައިގަނެފަ( އިންނަތާ މިހާރު 10 މިނެޓު ވެއްޖޭ. އެހެންވީމަ ވަރަށް ސީރިއަސްއޭ. ހަށިގަނޑު އަދިވެސް ނާދެއޭ. ކޮނޑު އަޅައިގަނެފައޭ އިނީ،"
އެގޮތަށް އެންގީ އަންހެނުން ވިއްސަން މަސައްކަތްކުރަމުންދިޔަ ޑޮކްޓަރުންގެ ޓީމުގެ އިންޗާޖަކަށް ހުންނެވި ޑރ. ތަސްނީމް ފާރޫގު ކަމަށް ވެސް ނަޒީފު ބުންޏެވެ.
އޭރުވެސް ނަޒީފު ހުރީ ޑޮކްޓަރުންނަށް އިތުބާރުކޮށްގެންނެވެ. "އަޅުގަނޑު ބުނިން ޑޮކްޓަރުންނަށް ނޫންހޭ ބޮޑަށް އެނގޭނީ އަޅުގަނޑުގެ ފަރާތުން ދޭންވީ އެއްބާރުލުމެއް ދޭނަމޭ،" އެހެން ބުނަމުންދިޔަ ނަމަވެސް ދަރިފުޅުގެ ހާލެއް އަންހެނުންގެ ހާލެއް ނަޒީފާކަށް ނޭނގެ އެވެ. ނުވެސް އަންގަ އެވެ.
ނަޒީފަށް ކިޔައި ދިނުމެއް ނެތި ކަމަށް އޭނާ ބުނާ މަރުހަލާ ތަކަކަށް ފަހު ސިޒޭރިއަން ހަދަން އޮޕަރޭޝަން ތިއޭޓަރަށް ޝަރީފާ ގެންދިޔައިރު ވެސް ދަރިފުޅުގެ ހާލަތާ ބެހޭ ގޮތުން ޑޮކްޓަރުން އެއްޗެއް ވިދާޅު ނުވާ ކަމަށް ނަޒީފު ބުންޏެވެ. ނަމަވެސް، އޭނާ ބުނީ "ބައެއް ބޭރު ނަރުހުންގެ ވާހަކައިން ބޭބީގެ ހާލު ސީރިއަސްކަން އެނގޭ" ކަމަށެވެ.
އޮޕަރޭޝަން ތިއޭޓަރަށް ޝަރީފާ ވައްދައިފި އެވެ؛ ބައިގަޑިއިރަށްވުރެ ގިނައިރުވެފައި ޑރ. ތަސްނީމު ދެއްވި ޚަބަރުން ނަޒީފަށް ލިބުނީ ބޮޑު ޝޮކެކެވެ. ޑޮކްޓަރުގެ ޖުމްލައިން އޭނާގެ މުޅި ދިރިއުޅުން އޮކޮޅުކޮޅުން ޖެހުނު ކަހަލަ އެވެ.
"ދަރިފުޅުގެ ކަރު..." ފުލުހުންގެ ތަމްރީނު ލިބިފައިވާ ނަޒީފު އިންޓަވިއު ދެމުން ގޮސް ބަޑި ފަޅައިގެން ދިޔައެވެ. ރޯން ފެށި އެވެ. އެއީ ވޭން ހުރި އަޑެކެވެ. ގިސްލަމުން ދިޔަ ނަޒީފުގެ އަޑު ރަނގަޅަށް ބޭރު ނުވެ 10 ވަރަކަށް މިނެޓް ވުމަށް ފަހު އަނެއްކާވެސް ކިޔައިދޭން ފެށި އެވެ؛ އޭނާ ބުނި ގޮތުގައި ޑޮކްޓަރު އޭނާއަށް ގެނެސްދިން ހަބަރަކީ އަންހެނުންގެ ބަނޑުގައި އޮތް ދަރިފުޅު ވިއްސުމަށާއި ސިޒޭރިއަން ހަދައިގެން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އަންހެނުންގެ ފުރާނަ ސަލާމަތްކުރުމަށް "ކުޑަ ދަރިފުޅުގެ ކަރުބުރިކޮށްލުން ނޫން ގޮތެއް ނެތް" ކަމުގެ ހިތާމަވެރި، ބިރުވެރި ހަބަރެވެ. ނަޒީފު ބުނީ ހީވީ އޭނާގެ ދުނިޔެ ހިމޭންވެ ކަފުން ލެވެމުން ދިޔަހެން ކަމަށެވެ.
"]ޑޮކްޓަރު[ ވިދާޅުވީ މީގަ އިންނަނީ އެންމެ ޗޮއިސްއެކޭ. އިތުރު ޗޮއިސްއެއް ނީންނާނޭ. އެއީ މައިމީހާ ފުރާނަ ސަލާމަތްކުރަންވެއްޖެއްޔާ ޖެހޭނީ ކުއްޖާ ކަރު ބުރިކޮށްލާށޭ. ބުރިކޮށްފައި )ބޮލާއި ހަށިގަނޑު ވަކިން( ދެކޮޅަށް ނެރޭށޭ،" އަނެއްކާ ވެސް ނަޒީފު ރޯން ފެށި އެވެ. "އެގޮތަށް މިއެންގީ. އެންގީމަ ދެން ތީގަ އިތުރު ޗޮއިސެއް ނެތް ކަމަށްވަންޏާ މައިމީހާ ފުރާނަ ސަލާމަތްކުރަންނޫންހޭ ޖެހޭނީ އަޅުގަނޑު ބުނިން،"
ނަޒީފު ބުނާ ގޮތުން ނަމަ އެހާލަތަށް ދިޔައިރު ވެސް ދަރިފުޅު މަރުވިކަން ނުވަތަ ނޫންކަން ވެސް އޭނާގެ ގާތުގައި ބުނެފައެއް ނުވެއެވެ. ސުވާލު ކުރުމުން ވެސް ނުބުނެ އެވެ. އެންމެ ފަހުން ގެންގޮސް ދެއްކީ ހަރަކާތްތެރި ކަމުގެ މާނައިގައި ނީޝަމް ކިޔަން ނިމިފައި ކުޑަ ފިރިހެން ދަރިފުޅުގެ ހަރަކަތެއް ނެތް މަސްގަނޑެވެ. ބޮލައި ހަށިގަނޑު ދެތަންކޮށްފަ އެވެ.
"އޭރުވެސް ނާންގާ ދަރިފުޅު މަރުވެފައި އޮތްނަމަ އެވާހަކައެއް. އަޅުގަނޑު އެހެން ބުނީމަ ދުވެފަ ކަހަލަ ގޮތަކަށް ޑޮކްޓަރު ދިޔައީ ރޫމާ ދިމާއަށް. ދެން އޮޕަރޭޝަން ތިއޭޓަރުން ނިންމައިފަ އަޅުގަނޑު ވެއްދީ. ވައްދައިފަ ކުއްޖާ ދެއްކީ،" ނަޒީފު ހިތްވަރުކޮށްފައި ކިޔައިދިނެވެ. "އަޅުގަނޑު ބުނިން ދަރިފުޅު ބަލައިލަން ބޭނުމޭ. ދެއްކިއިރު ހުރީ ހަމަ އެއްކޮށް ކަރު ބުރިކޮށްލުމަށްފަހު ފަހައިފަ ކަރުގެ މެދާ ހިސާބުން،" ވިހޭއިރު ހަތަރު ކިލޯ ހުރި ދަރިފުޅާ ގުޅޭ ގޮތުން ނަޒީފު ބުންޏެވެ.
އެތައް ސުވާލެއް
ނަޒީފު ބުނި ގޮތުގައި އެހިސާބުން ފެށިގެން އޭނާ ހިތުގައި ޖަވާބު ބޭނުންވާ ބޮޑެތި ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ނަމަވެސް، އިސްކަން ދިނީ އަވަހަށް ކުޑަދަރިފުޅު ވަޅުލުމަށާއި މަސްލަހަތަށެވެ.
ދަރިފުޅު ވަޅުލުމަށްފަހު ހިތާމައިގެ ތެރޭގައި ހުރެގެން ނަޒީފު އެނބުރި ހޮސްޕިޓަލަށްދިޔަ އެވެ. ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. އުރައިލުމަށް އުންމީދު ކުރަމުން އައި އަލަތު ދަރިފުޅުގެ ކަރު ބުރިކޮށް މައިމީހާ ސަލާމަތްކުރަންޖެހޭ ހިސާބަށް ކަންތައްދާން ޖެހުނީ ކީއްވެގެންތޯ އޮޅުން ފިލުވާށެވެ. ނަމަވެސް އެތައް އިރެއްވީއިރު ވެސް ޑޮކްޓަރަކާ ބައްދަލެއް ނުވި އެވެ. އޭނާގެ އާދޭސް އަޑު އަހާނެ ކަންފަތެއް އައިޖީއެމްއެޗަކުން ނުވި އެވެ. ބުންޏެވެ: "އެއް ކައުންޓަރަށް ދިޔައިމަ އަނެއް ކައުންޓަރަށް ފޮނުވަނީ. އަޅުގަނޑަށް އެއްވެސް ފަރާތަކުން ޖަވާބެއް ނުދޭ،"
ޑރ. ތަސްނީމްއާ ސުވާލު ކުރުން
އެރޭ 11:00 ޖަހަން އުޅެނިކޮށް ޑރ. ތަސްނީމްއާ ނަޒީފާ ބައްދަލުވި އެވެ. ޑޮކްޓަރުގެ ވާހަކައިން، ވިއްސުމުގައި ބޮޑެތި އިހުމާލުތަކެއްވާކަން ފާހަގަކުރެވުނު ކަމަށް ވެސް ނަޒީފު ބުންޏެވެ.
"ތަސްނީމް ފާރޫގާ ވާހަކަދެއްކިއިރު، ފެންދުލި ފާޅައިގެން ގޮއްސަ ހުރިކަން އެނގޭހޭ އެހުމުން ބުނީ ނޭނގޭއޭ ތިކަމެއް! ތި މައުލޫމާތެއް ނުލިބެއޭ! ތިމަންނަ ޑިއުޓީ އަށް އައީ 8:00 ޖެހިއިރުއޭ. ދެން އަޅުގަނޑު ބުނިން ތިހާ ދޯދިޔާކޮށް ހަވާލުވާންޖެހޭ ތަނެއްހޭ މިއީ. ބުނީމަ )ތަސްނީމް( ވިދާޅުވީ ތިކަން ތިމަންނަ ޖެހޭނީ ސާފުކުރާށޭ،" ނަޒީފު ބުންޏެވެ.
މީގެ އިތުރުން ތަސްނީމަށް މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު ބޮޑުކަން ނޭގޭ ކަން ވެސް ވާހަކައިން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޒީފް ބުންޏެވެ.
"ޑޮކްޓަރު ގާތު ވަރަށް ގިނަ ސުވާލު އެހިން، ބޭބީ މިހާ ބޮޑުކަން އެނގޭހޭ. އެކަމަކު ތަސްނީމް ވިދާޅުވީ ނޭނގެއޭ. ތިމަންނައަށް ލިބިފައި އޮތީ މީގެ ދެހަފްތާ ކުރީގެ ސްކޭންއެކޭ. އޭގެން ދައްކާގޮތުން ދެކިލޯއޭ ކުއްޖާ ގައިގަ ހުރީ. އެކަމަކު އަޅުގަނޑުމެން ފެބްރުއަރީ 25 ވަނަ ދުވަހު ވެސް ސްކޭން ހެދިން،" ނަޒީފް ބުންޏެވެ.
އައިޖީއެމްއެޗްގެ ބަޔާނާއި އާއިލާގެ ބަސް
ކަން ހިނގައިދިޔަ ގޮތް ނަޒީފް ސަންއަށް ކިޔައިދިން ނަމަވެސް، އައިޖީއެމްއެޗްއިން މިހާތަނަށް އެކަމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. ނެރުނީ ހަމައެކަނި ބަޔާނެކެވެ. އެއިން އެނގޭ މިންވަރަކީ ކުއްޖާގެ ބޯ ހަށިގަނޑާ ވަކިކުރީ މައިމީހާ ސަލާމަތްކުރަން މަޖުބޫރުވެ، އާއިލާއިގެ ހުއްދަ ހޯދައިގެން ކަމަށެވެ.
އައިޖީއެމްއެޗްގެ ބަޔާނަށް އާއިލާ އިއުތިރާޒުކުރެ އެވެ. ބުނަނީ، އެ ހުއްދަ ދިނީ މައިމީހާ ސަލާމަތްކުރަން އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އެހެންނަމަވެސް، އެކަމަށް ހުއްދަ ދިނުމުގެ މާނައަކީ އެ ހާލަތު އައުމުގެ ކުރިން ޑޮކްޓަރުން ކަންތައް ކުރި ގޮތުން ގެއްލިދިޔަ ފުރާނައެއްގެ ޒިންމާ ހޮސްޕިޓަލުން އުފުލަން ނުޖެހޭނެ ސަބަބެއް ކަމަށް އާއިލާއިން ނުދެކުމެވެ.
"އާއިލާގެ ރުހުން ލިބޭނެތާ! އާއިލާއަކަށް ނެތް އިތުރު ޗޮއިސްއެއް! މައިމީހާގެ ފުރާނަ ސަލާމަތްކުރެވެން އޮތީ އެގޮތަށް އެކަންޏޭ ބުނަނީ. އެކަމަކު އޭގެ ކުރިން އެބައޮތްތާ ފުރުސަތު އެމީހުންނަށް ޚިޔާލުވެސް ދޭން. ފެންދުލި ފަޅައިގެންދިޔަ ހިސާބުންވެސް އެމީހުންނަށް އެބައޮތްދޯ ސިޒޭރިއަނަކަށްދާން ލަފާދޭން، ނަމަވެސް، އެއްވެސް ވަރަކަށް ލަފާ ނުދޭ"
ނަޒީފު ބުނީ އިއްޔެ އައިޖީއެމްއެޗްގެ ޖެނެރަލް މެނޭޖަރު އޭނާއާ ބައްދަލުކޮށް އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއްވާ ކަމަށް ވިދާޅުވި ކަމަށާއި އަދި އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނަށްވެސް ބަޔާންދީފައިވާނެ ކަން އޭނާ ބުންޏެވެ.
ނަޒީފު ބުނީ އޭނާގެ ދަރިފުޅުގެ ބޮލާއި ހަށިގަނޑު ވަކިކުރި މައްސަލައިގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ނަމަވެސް އެއީ ބަދަލެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ނަޒީފުގެ ހަމައެކަނި ބޭނުމަކީ ގައުމަށް ޝޮކެއް ލިބުނު ބޮޑު ހާދިސާއިން އާންމުންނަށް މެސެޖެއް ފޯރުކޮށް ދިނުމެވެ. އިތުރު އެއްވެސް އާއިލާއަކަށް އެފަދަ ބަދުނަސީބެރިވެރިކަން ދިމާވެދާނެ ކަމުގެ ރައްކަލަކަށެވެ.
ފުރަތަމަ ފެނިލުމާއެކު ނީޝަމް ކަފުންކޮށް ވަޅުލުމަށްފަހު، ނަޒީފު ވަނީ ބުރަ އަދި ދިގު ދަތުރެއް ފަށައިފަ އެވެ. އެއީ ސަރުކާރުގެ މައި ހޮސްޕިޓަލު ޖަވާބުދާރީކުރުވުމަށް ދެވެން އޮތް އެންމެ ދުރަކަށް ދާށެވެ.
-- އިންޓަވިއު: މުންޑޫ އާދަމް ހަލީމް