ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި ރޭ ކުރިއަށް ގެންދިޔަ ތަރާވީހަށް ފުލުހުން ހުރަސް އެޅުމުން ދޭހަ ވެގެން ދަނީ ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ ބާރުކެނޑި ނިކަމެތިވެފައިވާ މިންވަރުގެ ބޮޑުކަން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ތަރާވީހަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން އެފަދަ ތަފާތުކުރުން ގެންގުޅެ، ޤާނޫނާ ޚިލާފު ޢަމަލުތައް މިހާ ފާޅުކަން ބޮޑުގޮތެއްގައި ހިންގަމުން ގެންދަނީ މިނިވަން މުވައްސަސާތައް ޤާނޫނާ ޚިލާފު އެޢަމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ މިންވަރުގެ ބޮޑުކަމުން ކަމަށެވެ.

"ނަމަވެސް ޙާލަތާ ނުބައްދަލު ގިނަ އަދަދެއްގެ ފުލުހުން އެ ތަރާވިސް ޙަފުލާގެ ތެރެއަށް ކުއްލިޔަކަށް ވަދެގަނެ، މޭޒުތައް މަތީގައި ބަހައްޓާފައި ހުރި ކާބޯތަކެތި މަގުމައްޗަށް އަޅާލައި، މޭޒުތައް ނަގައިގަނެގެން ގެންގޮސް، އަދި އެތަނުގައި ތިބި މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި، ބާރުވެރިކަން ދައްކައި މިފަދަ ޣައިރު ޤާނޫނީ އަދި ދަށުދަރަޖައިގެ ޢަމަލު ހިންގާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެމްޑީޕީން ބޭއްވި އެ ތަރާވިސް ޙަފުލާއާ މެދު ފުލުހުން އެގޮތަށް ޢަމަލުކުރި އިރު، މި ސަރުކާރު ނިސްބަތްވާ ޕީޕީއެމް އިން އެމްޑީޕީ އޮފީސް ކުރިމަތީ ސޯސަން މަގު މެދުގައި ގޮނޑިޖަހައި މޭޒުފަތުރައިގެން މި ރަމަޟާން މަހު ބޭއްވި ތަރާވިސް ޙަފުލާއަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނުވާކަމުން އެނގެނީ ފުލުހުން ޤާނޫނާ ޚިލާފަށް އެކި ފަރާތްތަކާމެދު ތަފާތުކުރުން ގެންގުޅޭ މިންވަރެވެ."

އެމްޑީޕީން ބުނީ ރޭގައި އެ ތަރާވިސް ޙަފުލާ ބާއްވާފައި ވަނީ މީގެ ކުރިން ވެސް އެފަދަ ކަންކަމުގައި ފުލުހުންނަށް އަންގަމުން ގެންގޮސްފައިވާ ބީދާއިން އެކަމުގެ މަޢުލޫމާތު ފުލުހުންނަށް އެންގުމަށް ފަހުގައި ކަމަށެވެ.

އަދި އެ ތަރާވިސް ޙަފުލާ ބާއްވާފައި ވަނީ އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ދުއްވާ އެއްޗެއްސަށް ހުރަސް ނޭޅޭ ގޮތަށް ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އޮފީސް ކުރިމަތީގައ ހުންނަވައި އެޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު ރޭ "ސަން" އަށް ވިދާޅުވީ

ތަރާވީސް ކުރިއަށްގެންދަން ބަހައްޓާފައި ހުރި މޭޒުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެއީ ސިޔަސީ ހަރަކާތެއް ނޫންކަމަށާއި އެއީ އެޕާޓިގެ މެންބަރުން ބޭއްވި ތަރާވީހެއް ކަމަށެވެ. އެ ތަރާވީސް ކުރިއަށްގެންދިޔައީ މަގުގެ ދެފަރާތުން ދުއްވާ އެއްޗިއްސައް ދެވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިން ހުއްދަ ނެގުމަކައި ނުލައި އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީ އިން ލިބިދޭ ކަމަށާއި ސަރުކާރުން ގާނޫނު އަސާސިއަށް އަހުލުވެރިވާން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ.