އިރު އޭގެ ވާޖިބު އަދާކުރުމަށް ތައްޔާރު ވަނީއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަމުންދަނީ ޤުދުރަތީ ރީތި މަންޒަރު ތަކެވެ. އެހެންނަމަވެސް ގަދަ ނިދީގެ ތެރެއަށް ގެނބިފައިވާ އިޝާ އަށް މިއިން ކަމެއް މާ މުހިއްމު ހެނެއް ހިއެއް ނުވެއެވެ. ޑަބަލް ސައިޒްގެ ބޮޑު އެނދެއްގައި ވަށައިގެން ބާލީސް ޖަހައިގެން ނިދާލާފައި އޮތް އިރު އެޒުވާން މޫނުގައި ވނީ މައުސޫމު ކަމެވެ. ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން އިޝާ އަކީ ތަނަވަސް ދިރިއުޅުމެއް އުޅޭ ފެޝަނަށް ލޯބި ކުރާ ކުއްޖެއްކަން އެނގެއެވެ. ޑްރެސިން ޓޭބަލް ފުރިފައިވަނީ އެކި ވައްތަރުގެ މޭކަޕް ސާމާނުންނެވެ. ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީ ހުރީ އެކި ކުލަ ކުލައިގެ ތަނޑި އަޅުވާފައި ހުރި ހަރެކެވެ. އަނެއް ފަރާތުގައި ހުރީ ބޫޓު ހަރެކެވެ.

އިޝާ އަކީ ސަމީރާ އާއި މުހައްމަދުގެ ހުރި ހަމަ އެކަނި ދަރިއެވެ. މިދެމަފިރިން އިޝާ ދެކެ ވަރަށް ލޯބިވެއެވެ. އިޝާގެ ހުރިހާ އެދުންތަކެއް ފުރިހަމަ ކޮށްގެން ބަލާބޮޑުކޮށްފައިވަނީ ވަރަށް ލޯބިނެވެ. ސަމީރާ އިޝާ ލައްވާ ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރުވައެވެ. އިޝާ އަކީވެސް މިދެމަފިރިންގެ ބަސް އަހާ ވަރަށް ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ.

އަރާމުގައި ނިދާފައި އޮތް އިޝާ ސިއްސައިގެން ދިޔައީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ދެން އިވުނީ އިޝާގެ މަންމަ ސަމީރާ ގެ އަޑެވެ. ސަމީރާ އިޝާ އަށް ގޮވީ އޮފީހަށް ދާން ތައްޔާރު ވުމަށެވެ. މިއަދަކީ އިޝާ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަސް ކަމަށްވެސް ވުމާއި އެކުއެވެ. އަޑުއަހާ މީހަކަށް ސާމިރާ މިވަހަކަ ދައްކަނީ އޭނާގެ އަށާރަ އަހަރުގެ ދަރިފުޅާ ކަމެއް ނޭނގޭނެއެވެ. ސަމިރާ އިޝާ އަށް ގޮވީ އެހާވެސް ލޯބިންނެވެ. އިޝާވެސް އެހާ އިޙުތިރާމާއި އެކީ މިހޭލީ ކަމަށް ބުނުމުން ސަމީރާ އަވަސްވެގަތީ އިޝާ ނިކުންނަންވާއިރަށް ސައި ތައްޔާރު ކުރުމަށެވެ. އިޝާގެ ބައްޕަ އަކީ އަމިއްލަ ކުންފުނޏެއްގެ މަތީ މަގާމެއް ފުރަމުންދާ މީހެއްކަމުން އޭނާ އެހާ އަވަހަށް އޮފީހަށް ދާން ހެނުލާނެކަން ސަމީރާ އަށް އެނގެއެވެ.

އިޝާ ރީތިވެގެން ނިކުތް އިރު ސަމީރާ ހުރީ އިޝާ އަށް މީރުވާނެހެން ސައި ހަދާފައެވެ. އެހެންކަމުން އިޝާ ސައި ބޮއެ ނިންމާލުމަށް ފަހު ޓެކްސީ އަކަށް ގުޅާލުމަށް ފަހު މަގުމައްޗަށް ނިކުތީ ސަމީރ ކައިރީ ދަނީ އޭ ބުނުމަށް ފަހުއެވެ. އޭރު ގަޑިން އަދި އަށެއް ޖަހަން ފަނަރަ މިނެޓް ހުއްޓެވެ. އިޝާ ހީކުރި ގޮތާ ޚިލާފަށް ވަރަށް އަވަހަށް ކާރެއްވެސް ލިބުނެވެ. ކާރަށް އެރުމަށް ފަހު ދާންވީ މަންޒިލް ބުނެލުމަށް ފަހު މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އިޝާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައީ ވަޒީފާގެ ފުރަތަމަ ދުވަހު ވާނެ ގޮތަކާމެދު ވިސްނާލުމުންނެވެ. ދިމާވާނީ ކޮންފަދަ ބަޔަކާ ބާއޭ އިޝާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އިޝާ ހަގީގަތުގައި އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ރާއްޖޭގައި ވެސް ނަން މަޝްހޫރު ބޮޑު ކުންފުންޏަކުން ވަޒީފާ ލިބުނީމައެވެ. ބައްޕަގެ ކުންފުނިން ވަޒީފާ ލިބެނ އޮތް އިރުވެސް އިޝާ މިގޮތް ޚިޔާރު ކުރީ އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ބޭނުމުގައެވެ.

ޓެކްސީ އައިސް އިޝާ ބުނި މަންޒިލަށް ހުއްޓާލުމުން ފައިސާ ދީފައި ޝުކުރު އަދާ ކުރުމަށް ފަހު އިޝާ ފޭބިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އެ ރީތި ފުރިހަމަ އިމާރާތުގެ މައި ދޮރުން ވަނުމަށްފަހު އެތެރެއަށް ނަޒަރު ހިންގާލިއެވެ. ވަރަށް ފުރިހަމަ އެހާމެ ރީތި އިމާރާތެކެވެ. މޮޅު ޑިސައިނަރެއްގެ ފަޚުރުވެރި މަސައްކަތެކެވެ. ކުރިމަތީގައި ހުރީ ބަލާމީހަކު އަޅައިގަންނަހާ ރީތިކޮށް ފަރުމާ ކޮށްފައިވާ ކައުންޓަރެކެވެ. ވަށައިގެން ސޯފާ ޖަހާފައި ވުމުން އެއީ އެކި ކަންކަމު އަންނަ މީހުން މަޑުކޮށްލައިން ތިބޭ ޖަގަހަ ކަން އެނގެއެވެ. އެތަނުގައި އޭރު ވެސް ހައެއްކަ ޒުވާނުން ތިއްބެވެ. އެންމެންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އިޝާ އަށެވެ. އިޝާ ހުރީ ލަދުން ވިރވިރި އެވެ. އެހެންނަމަވެސް އެމީހުންނަށް މާބޮޑު ސަމާލުކަމެއްނުދީ އިޝާ ގޮސް ކައުންޓަރ ކައިރީ ހުއްޓުމަށް ފަހު އިޝާ އައި ބޭނުން ހަމަކޮށްލިއެވެ. އެވަގުތު ކައުންޓަރުގައި އިން މުވައްޒަފު ހިތްހެޔޮ ކަމާއި އެކު ސޯފާތަކުގައި ތިބި ޒުވާނުންނަށް އިޝާރަތް ކުރަމުން އެތަނުގައި މަޑުކޮށލުމަށް އެދުނެވެ. އިޝާ އޭނާއަށް ޝުކުރު އަދާކުރުމަށްފަހު އައިސް ސޯފާގައި އިން އަންހެން ކުއްޖެއް ކައިރީ އިށީނެވެ. އަދި އެކުއްޖާއަށް ހިނިތުންވެލިއެވެ. އެކުއްޖާވެސް ޖަވާބުގައި ހިނިތުންވުމަށް ފަހު އަމިއްލަ އަށް ތަޢާރަފް ވެލިއެވެ. އަދި ދެކުދިން އެކި އެކި ވާހަކަ ދައްކަން ފެށިއެވެ. ފެންނަ މީހަކަށް ހީވާނީ މާ ކުރިން ވެސް ރައްޓެހި ދެކުދިން ހެނެވެ. އެކުއްޖާ ފަރާތުން އެނގުނު ގޮތުގައި އެތާ ތިބީ ހުސް އަލަށް ވަޒީފާ އައި ކުދިންނެވެ. އޭރު އެތާ ފަސް ކުދިން ތިއްބެވެ. ކަންދިމާ ކުރި ގޮތުން އިޝާ އާއި އެކުއްޖާއާ ފިޔަވާ ދެން ތިބީ ހުސް ފިރިހެން ކުދިންނެވެ.

ކުޑައިރުކޮޅަކުން ތަނުގެ މުވައްޒަފަކު އައިސް އިޝާމެންނާ ހަވާލުވެ މަސައްކަތްތައް އޮޅުން ފިލުވާ ދިނެވެ. ނަމަވެސް ފުރަތަމަ ދުވަސް ކަމުން މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. ގިނައީ ހުސް ވަގުތެވެ. އިޝާމެން މުޅި ދުވަސް ހޭދަކޮށްލީ އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައެވެ. ބޮޑަށް މިބައި ކުޅުނީ އަޒޫއެވެ. އަޒޫ އަކީ އިޝާ އާއި 'ވެއިޓިންގ އޭރިއާ' އިން ބައްދަލުވި އަންހެން ކުއްޖާއެވެ. އިޝާ ވާހަކަ ދެއްކި ހަމައެކަނި އަޒޫއާއެވެ. އިޝާ އަށް ފާހަގަކުރެވުނު ގޮތުގައި އަޒޫއަކީ ވަރަށް މަޖާ މިޒާޖެއްގެ އެންމެނާވެސް ގުޅޭ ކުއްޖެކެވެ. ހަމައެއާއި އެކު އިޝާ އަށް ފާހަގަ ކުރެވުނު އަނެއްކަމަކީ އެތަނުން އެއް ފިރިހެން ކުއްޖަކު މާވަރަކަށް އިޝާ އަށް ބަލަމުންދާ ކަމެވެ. ނަމަވެސް އިޝާ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިފަދަ ގޮތަކަށް ދުވަސް ނިންމާލުމަށްފަހު އިޝާއަށް ގެއަށް އާދެވުނުއިރު ފަސްގަޑި ބައި ވަނީ އެވެ.

ހަފްތާއެއް ވީއިރު މަސައްކަތުގެ މާހައުލަށް އިޝާ ހޭނިއްޖެއެވެ. އާ އޮފިހާއި އެކުގައި މަސައްކަތްކުރާ އެންމެނާ ދޭތެރޭވެސް އިޝާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހު އިޝާ އަށް އެވަރަށް ބެލި އަލާއު އާއި އިޝާ އެހާ ވާހަކަ ދައްކައެއް ނުޅެއެވެ. އަލާއުވެސް ހަމަ އެގޮތެވެ. އިޝާ އާއި މާ ވާހަކަ ދައްކާކަށްވެސް ނޫޅެއެވެ.

އިޝާމެން އޮފީހަކީ 24 ގަޑިއިރު ޚިދުމަތް ދޭ އޮފީހެއް ކަމުން އޮނަނީ ޝިފްޓް ޑިއުޓީ އެވެ. އަދި އެކިމީހުންނަށް 'އޮފް' ވަނީ އެކި ދުވަހުއެވެ. އެގޮތުން މިއަދަކީ އިޝާގެ 'އޮފް' ދުވަހެވެ. އިޝާއަކީ މާ ގިނައިން ބޭރަށް ގޮސް އުޅޭ ކުއްޖެއްނޫން ކަމުން އޮފް ދުވަހު ވެސް އިޝާ އިންނަނީ ގޭގައެވެ. އެގޮތަށް ޓީވީ ބަލަން އިންދާ ފޯނަށް މެސެޖް އެއް އައެވެ. "ކުއްޖެއްގެ އޮފް ދުވަސް ވީމަ ފޫހި ފިލުވާލަން ހިނގާލަން ދާންވީނު" މެސެޖްގައި އޮތީ މިހެނެވެ. ނަމަވެސް އެއީ ނުދަންނަ ނަމްބަރަކުން އައި މެސެޖަކަށް ވުމުން އިޝާ މާބޮޑު ސަމާލު ކަމެއް ނުދީ އިންދާ ދެން ފެށީ ފޯނު ރިންގް ވާށެވެ. ގުޅަނީ މެސެޖް ފޮނުވި ނަންބަރުންނެވެ. އިޝާ ދެހިޔާލެއްގައި ހުރެވެސް ފޯނނު ނެގީ އެއީ ކާކުތޯ ބަލާލުމަށް ހިތުގައި އޮތް ޝައުގެއްގެ ބޮޑުކަމުނެވެ. ފޯނނު ނަގައި ކަންފަތުގައި ޖައްސާލުމަށްފަހު މަޑުމަޑުން ތީ ކާކުތޯ އިޝާ އަހާލިއެވެ. އެކޮޅުން ޖަވާބުގައި ބުނެލީ މީ އަލާއު ކަމުގައެވެ. އިޝާ އަށް ލިބުނީ ހައިރާން ކަމެކެވެ. އިޝާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަލާއު ތަކުރާރުކޮށްލީ މެސެޖްގައި އޮތް ވާހަކައެވެ. އިޝާއަށް އިންކާރުކުރާކަށް ނުކެރުނެވެ. އަވަސްގޮތަކަށް ރީތިވެގެން ނިކުތްއިރު އަލާއު ހުރީ ދޮރުމަތީގައެވެ. ދެކުދިން ހިނިތުންވުމެއް ރައްދު ކޮށްލާފައި މަޑުމަޑުން ހިނގަން ފެށީ އަތިރިމައްޗާ ދިމާއަށެވެ. ހިނގަމުން ދިޔައިރު އެކަކު ވެސް އަނގައިން ނުބުނެއެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް އަތިރިމަތީ ހުރި ފާރުބުރި މަތީގައި އިޝާމެން އިށީނެވެ. ދެކުދިންގެ ދެމެދު މާގިނަ ވާހަކަ ނުދެކެވުނު ނަމަވެސް އަލާއު ބޭނުންވެގެން އައި ސުވާލުގެ ޖަވާބު އަލާއު ހޯދިއެވެ. އެއީ އިޝާގެ ލޯބިވެރިއަކު ހުރޭތޯއެވެ. އަދި އިޝާގެ ފަރާތުން އޭނާގެ ލޯބިވެރިޔަކު ނުހުންނަކަން އެނގުމުން އަލާއު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިޝާއަށް ވެސް އެދުވަހުގެ ފަހުން މާބޮޑަށް އަލާއު އާއި ދޭތެރޭ ވިސްނެން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ދެކުދިންގެ ގުޅުންވެސް ދިއައީ ބަދަހި ވަމުންނެވެ. އެގޮތުން ރަހުމަތްތެރިކަން އެހެން ނަމަކަށް ބަދަލުވެއްޖެއެވެ. ލޯބިވެރިންގެ ލިސްޓަށް އިޝާ އާއި އަލާއުގެ ނަންވެސް އިތުރުވެއްޖެއެވެ. އަތްގުޅުވައިގެން ރާޅުފަށުގައި ހިނގުމާއި ހަދިޔާ ބަދަލު ކުރުމާއި ގިނަވަގުތު ފޯނުގައި ތިބުން އާންމު ވެއްޖެއެވެ. އިޝާ އަށް އަންނަމުންދާ ބަދަލު ސަމީރާއަށް ފާހަގަވާކަށް މާގިނަ ދުވަހެއް ނުވެއެވެ. ސަމީރާ އިޝާ ގާތުން ވެގެން އުޅޭ ގޮތެއް އެހިއެވެ. އިޝާ އަކީ ދޮގު ހަދަން އާދަވެފައި ހުރި ކުއްޖެއް ނޫންކަމުން ސަމީރާ ހަމަ އެހުމާއި އެކު އަލާއުގެ ވާހަކަ ކިޔާދިނެވެ. އަލާއު އާއި ބެހޭ މާބޮޑު މައުލޫމާތެއް ޚުދު އިޝާއަށް ވެސް ނޭނގުމާއިއެކު ސަމީރާ ބޮލުގައި ރިއްސާލިއެވެ. އަދި ވަރަށް ލޯބިން އިޝާ އަށް ވިސްނަދެވޭތޯ މަސައްކަތްކުރިއެވެ. އިޝާދެކެ ހަޤީޤަތުގައިވެސް ލޯބިން އުޅޭ މީހެއްނަމަ އަމިއްލަ މީހާގެ އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ ކަމާއި އެއްވެސް ގޯސް މަގަކުން ދިއުމަށް ބާރު ނާޅާނެކަން ތަކުރާރުކޮށް ހަނދާން ކޮށްދިނެވެ. މަންމަގެ ވާހަކައަށް ދެކޮޅުނެހެދިއެއް ކަމަކު އިޝާ ތަކުރާރުކޮށް ބުނަމުން ދިޔައީ އަލާއު އިޝާއަށް ގޯސްމަގަކުންދާކަށް ބަރުނާޅާކަމަށެވެ. އަދި އަލާއުއަށް އިތުބާރު ކުރާކަމަށެވެ. ސަމީރާ އަކީ އިޝާގެ ކަންތަކާ މާބޮޑަށް ދެކޮޅު ހަދާ މީހެއް ނޫންކަމުން ސަމީރާ ވެސް ދޫކޮށްލީއެވެ. ސަމީރާ އޭނާގެ ދަރިފުޅު އިޝާ އަށް އިތުބާރު ކުރާތީ އާއިވެސް އެކުއެވެ.

މަންމަގެ ގާތުގައި އަލާއުއަށް އިތުބާރު ކުރާކަމުގައި ބުނި ނަމަވެސް އިޝާއަށް އެކަމާއި ވިސްނެންފެށުނެވެ. އަލާއުގެ އާއިލާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އަލާއު އިޝާ އަކަށް ނުދެއެވެ. އެކަމާބެހޭ ގޮތުން އެހިއަސް ވާހަކަ އޮޅުވާލައެވެ. އާއިލާ އާއި ބެހޭގޮތުން ކީއްކުރަން ހެއްޔެވެ؟ ރައްޓެހިންނާވެސް ބައްދަލު ނުކޮށްދެއެވެ. އަބަދުވެސް ދިމާވަނީ އެކަންޏެވެ. ހީވަނީ ސިއްރުން ކުރާކަމެއްހެނެވެ. ވިސްނިވަރަކަށް އިޝާގެ ބޮލުގައި ރިހުން ވީ އިތުރެވެ. ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. އަލާއުގެ ލޯބީގައި ދިވާނާވެފައި ހުރިވަރުން އިޝާއަށް ވިސްނާނުލެވުނު ސުވާލު ތަކެކެވެ. އިޝާނިންމީ އަލާއުއާއި ކުރިމަތިލުމަށް ފަހު ހުރިހާ ސުވާލެއް ކުރުމަށެވެ. ޖަވާބު ލިބެންދެނެވެ.

އާދައިގެ މަތިން ދެމީހުން ބައްދަލުވީ އަތިރިމަތިންނެވެ. އިޝާ ވަރަށް ހިތްވަރުކޮށްފައި ސުވާލު ކޮށްލަން އަނގަ ހުޅުވާލުމާއިއެކު އަލާއު ބުނި ޖުމްލަ އަޑުއިވުމުން ހުއްޓުން އެރިއެވެ. ޔަގީން ނުވެފައި އަލާއުއަށް ބަލަން އިޝާއަށް ހުރެވުނީއެވެ. އަލާއު އަނެއްކާވެސް އެޖުމްލަ ތަކުރާރު ކޮށްލިއެވެ. އިޝާއަށް އުފަލުން ރޮވުނެވެ. އަލާއު އެދުނީ އަލާއު އާއި އެއްކޮށް އޭނާގެ ގެއަށް އޭނާގެ އާއިލާ އާއި ބައްދަލުކުރުމަށް ދިއުމަށެވެ. އިޝާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އިޝާ އަށް ވިސްނުނީ ބޭކާރު ވިސްނުންތަކެކޭ އިޝާގެ ހިތަށް އެރިއެވެ. އަލާއު ހަޤީޤަތުގައިވެސް އިޝާދެކެ ތެދުވެރި ލޯބި ވާކަން އިޝާ އަށް ޔަޤީން ވިއެވެ.

ޖެހިގެން އައި ރެއެވެ. އިޝާ އާއި އަލާއު ތިބީ ހެންވޭރު ފިނިރޯޅިގޭގެ ކުރިމަތީގައެވެ. އިޝާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައި އަލާއުގެ އާއިލާ މީހުން އިޝާއާއި މެދު ދެކޭނެގޮތެއް ނޭނގޭތީއެވެ. އަލާއު މަޑު މަޑުން އިޝާގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން ހަމަޖެހުމަށް އެދުނެވެ. ދެމީހުން އެކުގައި ގޮސް އެގޭގެ ތިންވަނަބުރި އަށް އެރުމަށް ފަހު ގޭގެ ދޮރު ހުޅުވާލިއެވެ. އިޝާ އަށް ލިބުނީ ހައިރާން ކަމެކެވެ. ގޭގެ ސިޓިން ރޫމުން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ނަމަވެސް އެކަކު ކައިރީވެސް ނުބުނެ އިޝާ އެގެއަށް ގެނައުމުން އިންތިޒާރުގައި މީހަކު ނެތީކަމަށް އަމިއްލަ ހިތަށް ވިސްނާ ދިނުމަށް ފަހު އެތެރެއަށް ވަނެވެ. އަލާއުގެ އިޝާރަތަށް ސޯފާގައި އިޝާ އިށީނެވެ. ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރިން ނިކުތީ ޒުވާން ފިރިހެނެކެވެ. ބޯދިގު ކޮށްފައި ވަރަށް ޒަމާނީ ކޮށް ހުރި ރީތި ޒުވާނެކެވެ. ބަލާ ބެލުމަށް އުމުރުން 27 އަހަރު ވަރެވެ. އޭނާ ނިކުމެގެން އައިސް އިޝާގެ ކުރިމައްޗަށް ހުއްޓުމުން އަލާއު އޭނާ އަށް އިޝާ ތަޢާރަފް ކޮށްދިނެވެ. އަދި އެޒުވާނާގެ ތަޢާރަފްގައި އެއީ އަލާއުގެ ބޭބެ ކަމަށް ބުންޏެވެ. އޭނާ އިޝާ އަށް ހިނިތުންވުމެއް ދީފައި ނިކުމެގެން ދިޔައީއެވެ. ދެން އަލާއު އިޝާ އަތުގައި ހިފައިގެން ގެންގޮސް ވެއްދީ ދެންމެ އެޒުވާނާ ނިކުތް ކޮޓަރިއަށެވެ. ކޮޓަރީގައި އިތުރު އެއްވެސް މީހަކު ނެތެވެ. އަލާއު އިޝާ ގެންގޮސް އެނދުގައި ބޭންދުމަށް ފަހު އަލާއު އާއި ގާތް ކޮށްލިއެވެ. އަދި ދެން އަލާއުގެ ފަރާތުން ފެނުނީ އިޝާ ހީކޮށްގެން ހުރި އަމަލު ތަކެއް ނޫނެވެ. އަލާއު އިޝާގެ ހަށިގަނޑުގައި ފިރުމަމުން ދިޔައީ ރަނގަޅު ނިޔަތެއްގައި ނޫންކަން ވިސްނާލާކަށް އިޝާ އަކަށް މާގިނައިރު ތަކެއް ނުނެގިއެވެ. އިޝާ ކުއްލިއަކަށް އަލާއި މޭގައި އަތް އަޅާ ކޮށްޕާލިއެވެ. އަދި އެދުން ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ. ނަމަވެސް އަލާއު އެއަށްވުރެ ހުށިޔާރެވެ. އިޝާގެ އަތުގައި ހިފާ އެނދުމައްޗަށް ކޮށްޕާލިއެވެ. އިޝާ ބާރު ބާރަށް ހަޅޭލަވައި ގަތެވެ. އަލާއު ކައިރީ އޭނާ ދޫކޮށްލުމަށް އެދި އާދޭސް ކޮށް ރޯން ފެށިއެވެ. އަލާއު އަށް މީހަކު އެއްޗެކޭ ކިޔާ ހެންވެސް ހީނުވާ ކަހަލައެވެ. އިޝާ ވަރަށް އަސާރާ އެއްކޮށް އަލާއު އިޝާދެކެ ވާ ލޯތްބަކީ ތީތޯ އެހިއެވެ. އަލާއު ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އަދި މަލާމާތުގެ ރާގަށް 'ލޯބި' މި ލަފްޒު ކިޔާލިއެވެ. އަދި އެއްވެސް އަސަރަކާއި ނުލާ ބުނެލީ އަލާއު އިޝާ ދެކެ އެއްވެސް ލޯތްބެއް ނުވާ ކަމަށެވެ. ތެދެކެވެ. އަލާއު އަށް އެންމެ ފުރަތަމަ އިޝާ ފެނުނު ދުވަހުވެސް އަލާއު ކަޅި އެޅީ އިޝާގެ އެ ރީތި ލޫޅާފަތި އަންހެންވަންތަ ހަށިގަނޑަށެވެ. އެދުވަހުން ފެށިގެން އަލާއު ވިސްނަމުން ރާވަމުން ދިޔައީ އިޝާގެ ހަށިގަނޑުން ފޮނި މީރުކަން ލިބޭނެ ގޮތަކާ މެދުއެވެ. މިހުރިހާ ވާހަކައެއް އަޑު އިވުމަށް ފަހު އިޝާގެ ހިތާމަތަށް ރުޅިއަށް ބަދަލުވިއެވެ. އަދި ގައިގައި ހުރި ބާރެއް ލާފައި އަލާއު ކޮށްޕާލިއެވެ. މިފަދަ ހަމަލާއަކަށް ވިސްނާނުލާ ހުރި އަލާއު ދިޔައީ ސިއްސައިގެންނެވެ. އަދި ހަށިގަނޑު ހަމައަކަށް ނޭޅުވެ އުޅެނިކޮށް ވެއްޓި ގޮސް ބޯ ޖެހުނީ އެތާ ހުރި ގޮނޑީގައެވެ. އަލާއު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވަގުތުގެ ބޭނުން ހިފައި އިޝާ ދުއްވައިގަތީ ކޮޓަރިން ނިކުންނާށެވެ. އެދިޔަ ބާރުމިނުގައި ގޮސް އިޝާ ހުއްޓުނީ މަގުމައްޗަށް ނިކުމެވުމުންނެވެ. އަލާއު ކަހަލ ނުބައި ނުލަފާ މީއެއްގެ އަތްދަށުން ދެރަގޮތެއް މެދުވެރި ނުވެ ސަލާމަތް ވެވުނީތީ އެވަގުތުވެސް އިޝާ ހެއްދެވި ފަރާތަށް ޝުކުރު ދެންނެވިއެވެ.

އިޝާ ވަޒީފާއިން ކެނޑި ގޭގައި ނެގިމަޑުވެފައި އިންނަން ފެށިއެވެ. މިކަމާއި ސަމީރާ އާއި މުޙައަމަދު ވަރަށް ހިތާމަ ކުރެއެވެ. ނަމަވެސް ރެއާއި ދުވާލު އެދެމަފިރިން އިޝާއަށް ހިތްވަރުދީ އަލުން އާ ހަޔާތެއް ފެށުމަށް ބާރު އަޅަމުންދެއެވެ. ނަމަވެސް އިޝާ އަށް ކުއްވެރި ކުރެވެނި އަމިއްލަ ނަފްސެވެ. މައިންބަފައިން ދިން ނަސޭހަތް އަޑު ނޭހުމުން ލިބުނު ކެއްސެއް ކަމަށް އިޝާ ވަނީ ނިންމާފައެވެ. އިޝާ އެކަމާ އުމުރު ދުވަހުވެސް ހިތާމަ ކުރާނެއެވެ. ނަމަވެސް އަލުން ދިރިއުޅުމާއިގެން ކުރިއަށް ދާކަށް ދެނެއް އިޝާ އަށް މާ ފަސޭހައެއް ނުވާނެއެވެ.