މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވަނީ ވެހިފަ އެވެ.

މެޓުން ބުނީ ލަފާކުރާ ގޮތުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ކުރިއަށް 24 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށެވެ.

" މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. ދެކުނުގެ އަތޮޅުތަކަށް ކެރީގެއަސަރުފޯރާނެ." މެޓުން ބުންޏެވެ.

އެންމެދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ.

އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓުން ބުންޏެވެ.

އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އާންމުކޮށް ވެސް ކޮންމެ އަހަރެއްގެ ޖޫން އަދި ޖުލައި މަހު ވިއްސާރަ ކުރެވެ.