11 Jul 2015, 12:52
ބްރަޒިލްގެ ގައުމީ ޓީމްގެ ވާތު ބެކް މާސެލޯ ވިއޭރާ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރާއި ހަމަޔަށް އާ ކޮށްފި އެވެ.
ބްރަޒިލްގެ ފުލްމިނެންސޭ އިން 2007 ވަނަ އަހަރު ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި ރެއާލްއާ ގުޅުނު މާސެލޯ އަލުން ރެއާލްގެ އެއްބަސްވުމުގެ މުއްދަތު އާ ކުރިއިރު، އެއެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ކަމަށް ރެއާލްއިން ބުނެ އެވެ.
އުމުން 27 އަހަރުގެ މާސެލޯ ރެއާލްގައި ކުޅުނު 320 މެޗްގައި އޭނާ ވަނީ 23 ލަނޑު ޖަހާފަ އެވެ.
ރެއާލްގެ އެއްބަސްވުން އާ ކުރުމުގެ ރަސްމިއްޔަތަށް ފަހު ރެއާލް މެޑްރިޑް ޓިވީއަށް ދީފައިވާ އިންޓަވިއުގައި މާސެލޯ ބުނެފައި ވަނީ އޭނަ އަބަދު ވެސް މަސައްކަތް ކުރަނީ ޓީމް އެންމެ ކުރިއަށް ގެންދިއުމަށް ކަމަށާއި އާ އެއްބަސްވުމާ އެކު އޭނާ މަސައްކަތް ކުރާނީ ކުރިން ހޯދި ކާމިޔާބުތައް ތަކުރާރު ކުރުމަށް ކަމަށެވެ.
ކުރިއަށް އޮތް ސީޒަނަށް ރެއާލްގެ ޕްރީސީޒަން ފަށާފައިވާ އިރު ކުރިއަށް އޮތް ސީޒަންގައި އެޓީމްގެ ވައިސް ކެޕްޓަނަކަށްވުން އެންމެ ގާތީ މާސެލޯ އެވެ. އެއީ ރެއާލްގެ ކެޕްޓަން އިކާ ކަސިއަސް ޕޮޗްގަލްގެ ޕޮޓޯއަށް ބަދަލުވުމަށް ނިންމާފައިވާތީ އެވެ.
ރެއާލްއިން ވަނީ މިދިޔަ ހަފުތާގައި ބްރަޒިލްގެ ކަނާތު ބެކް ޕޯޓޯއަށް ކުޅެމުން ދިޔަ ޑަނިލޯ ވަނީ 31.5 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅިފަ އެވެ. ޑަނިލޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޑަނިލޯ ރެއަލްގެ ކޮންޓރެކްތް ގައި ސޮއި ކުރުމަށްފަހު --- ފޮޓޯ/ މާސާ
އަދިމިދިޔަ ހަފުތާގައި ވަނީ ރެއާލް އަނެއް ކަނާތު ބެކް ޑެނިލް ކަރަވަހާލްގެ ކޮންޓްރެކްޓް ވެސް 2020 ވަނަ އަހަރަށް އާކޮށްފަ އެވެ.

ޑެނީ ކަރަވަހަލް ވަނީ ރެއާލްގެ ކޮންޓްރެކްޓް 2020 ވަނަ އަހަރާއި ހަމަޔަށް ރެއާލްގެ ކޮންޓްރެކް އާކޮށްފައި --- ފޮޓޯ/ މާސާ