ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވައިފައިވާ ގޮތުގައި އޫރުމަހަކީ އަޑިމުޑުދާރު އެއްޗެކެވެ. (އަލްއަންޢާމް: 145) ހަމައެފަދައިން މުޝްރިކުންނަކީ ނަޖިސް ބައެއްކަމުގައިވެސް ކީރިތި ޤުރްއާނުގައިވަނީ ވަޙީކުރައްވައިފައެވެ. (އައްތައުބާ: 28) އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ މިދެބަސްފުޅުގައި ހުރި އެއްގޮތްކަމުގެ ސަބަބުން މުސްލިމުންކުރެ ބައެއް މީހުން ދެކޭގޮތުގައި މުޝްރިކުންގެ ހަށިތަކަކީވެސް ހަޑިމުޑުދާރު ނަޖިސް އެއްޗެކެވެ. އޫރު ނުވަތަ އޫރުމަސް ނަޖިސް އެއްޗަކަށްވާ ފަދައިންނެވެ. އެހެން ކަމުން މުޝްރިކުންގެ ހިފައިގެންގުޅޭ ތަކެއްޗާއި، ކާބޯ ތަކެއްޗާއި، ފޭރާމާއި އަދި މިނޫންވެސް ތަކެތީގެ ތެރެއިން މުޝްރިކަކު ބީހިފައިވާ ކޮންމެ އެއްޗަކީ ނަޖިސް އެއްޗެއް ކަމުގައި ބައެއް މީހުންދެކެއެވެ. މިހިސާބަކުންވެސް ނުނިމެއެވެ. މުސްލިމަކު މުޝްރިކަކާ އަތާ އަތްޖޯޑުކޯށްފިނަމަ އޭނާގެ އަތްދޮވެ، ވުޟޫކޮށް ތާހިރު ވާންޖެހޭ ކަމަށްވެސް ފަތުވާ ދެވެމުންދެއެވެ.

ނަމަވެސް މިއީ ރަނގަޅު ވިސްނުމެއްނޫނެވެ. އިސްވެދިޔަ ދެއާޔަތުގައި ބޭނުން ކުރައްވައިފައިވާ ރިޖުސާއި ނަޖްސަކީ ދާދިއެއް މަފްހޫމެއްގެ ދެލަފުޒު ކަމުގައި ވިޔަސް އެދެއާޔަތުގެ މަޠްލަބު މުޅީން އެއްގޮތެއްނޫނެވެ. އޫރުމަހަކީ ހަޑިމުޑުދާރު އެއްޗެއް ކަމުގައި އެންގެވުމުގެ މުރާދަކީ އޫރަކީ ނަޖިސް ޖަނަވާރެއްކަން ބަޔާން ކުރެއްވުމެވެ. ނަމަވެސް މުޝްރިކުންނަކީ ނަޖިސް ބައެކޭ އެންގެވުމުގެ މުރާދަކީ މުޝްރިކުންގެ ޢަޤީދާއަކީ ހަޑިމުޑުދާރު ޢަޤީދާއެއްކަން އެންގެވުމެވެ. މުސްލިމު ޢިލްމުވެރީކްގެ ޖުމްހޫރުންގެ ޚިޔާލުފުޅުގައި މުޝްރިކުންގެ ހަށިތައް ނުވަތަ އެބައިމީހުންގެ ވުޖޫދަކީ ނަޖިހެއްނޫނެވެ. (ތަފްސީރު އިބްނުކަޘީރުގެ ޖިލްދު: 2 ޞަފްޙާ: 346)

ޢަބްދުއްރަޙްމާނު އަލްޖަޒާއިރީ ލިޔުއްވައިފައިވެއެވެ.

" އަރަހުށި މާތްﷲ މުޝްރިކުންނަކީ ނަޖިސްބައެކޭ އަންގަވައިފައިވާ ބަސްފުޅުގެ މުރާދަކީ މައުނަވީ ނަޖިސްކަމެވެ. ޝާރިޢު އެކަމުގެ ޙުކުމް ބަޔާންކުރައްވައިފައިވާ ފަދައިން އެބަސްފުޅުގެ މުރާދަކީ މުޝްރިކުންގެ ވުޖޫދަކީ ނަޖިހެއްކަން އެންގެވުމެއްނޫނެވެ. އޫރުގެ ވުޖޫދަކީ ނަޖިހެއްކަމުގައިވާ ފަދައިން މުޝްރިކުންގެ ވުޖޫދަކީ ނަޖިހަކަށް ނުވެއެވެ. "

ތެދުތެދަށް ދަންނަވާނަމަ މިބާވަތުގެ ހުރިހާ މައްސަލަތަކެއް އުފަންވެގެން އަންނަނީ ޣައިރު މުސްލިމުންނަށް އިސްލާމްދީނަށް ދައުވަތު ދިނުމަށް މުސްލިމުންގެ ހިތުގައި އޮންނަން ޖެހޭ ރޫޙު ފިނިވުމުގެ ބަޑުންނެވެ. ދީނީ ދަޢުވަތުގެ ޝައުޤު ނެތިގެންދިޔުމުގެ ސަބަބުންނެވެ. ޣައިރު މުސްލިމުންނާމެދު އިސްލާމްދީނަށް ގޮވައިލާންވީ ބައެއް ކަމުގައި ދެކޭނަމަ އެބައިމީހުންނާމެދު ބަލަންޖެހޭނީ ހިލޭމީހުންކަމުގައި ވުމާއެކުވެސް އެބައެއްގެ ރުހުން ހޯދަންޖެހޭ ބައެއްގެ ނަޒަރުންނެވެ. ތިމާމެންނަށް ހިތް ލަންބަންޖެހޭ ބައެއްގެ ގޮތުގައެވެ. އެފަދަބަޔަކާމެދު ނަފްރަތާއި ފަކުރާއި ފޫހިކަން ގެންގުޅުމަކީ ޚުދު އެމީހުންވެސް މުސްލިމުންދެކެ ފޫހިވެ ރުޅިއަރާނެ ކަމެކެވެ. ޝައްކެއްނެތް ގޮތުގައި އޭގެ ނަތީޖާއަކަށްވާނީ އެބަޔަކު އިސްލާމްދީނަށް ހިތްނުބައިވުމެވެ. މުސްލިމުންނަށް ނަފުރަތު ކުރުމެވެ. ޢަދާވަތްތެރިވުމެވެ. މާތްﷲގެ ދީން ފެތުރުމަށް ހުރަސް ތަކެއް ކުރިމަތިވުމެވެ.