ބެންޣާޒީ : ގައްޒާފީގެ ކުލީ ސިފައިންގެ ބާރުތަކާއި އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންގެ ބާރުތަކާދެމެދު އެތަށް ރަށެއްގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެއެވެ.

މިކުރިމަތިލުންތަކަށްފަހު ލީބިޔާގެ ހުޅަނގުގެ ރަށެއްކަމަށްވާ ޒާވިޔާގެ ބޮޑުބަޔަކާއި ތެލުގެ ސިނާޢަތުގެ ރަށެއްކަމަށްވާ ރައުސްލާނޫފް ގައްޒާފީގެ ބާރުތަކުގެ އަތްދަށަށް ހިނގައްޖެ ކަމަށްބުނެ ލީބިޔާގެ ރަސްމީ ޓީވީން ފެތުރި ޚަބަރެއް ރައްޔިތުންގެ ބާރުތަކުންވަނީ ދޮގުކޮށްފައެވެ.

ރައްޔިތުންގެ ބާރުތަކުގެ ކޮމާންޑުން ބުނިގޮތުގައި މިދެރަށުގައި ހިނގި ހަނގުރާމަތަކަށްފަހު ގައްޒާފީގެ ބާރުތައް މިހާރުވަނީ މިދެރަށުންވެސް ބޭރުކޮށްލެވިފައެވެ. މިދެރަށުން ވާހަކަދެއްކި މުރާސިލުންވެސްވަނީ ގައްޒާފީގެ ބާރުތައް އެދެރަށުގައި ނެތްކަން ހާމަކޮށްފައެވެ.

ޒާވިޔާއާއި ރައުސްލާނޫފް ހިފަން ގައްޒާފީގެ ބާރުތަކުން މަސައްކަތްކުރީ ބޮންއަޅާ ފައިޓަރ ޖެޓް މަތިންދާބޯޓާއި ޓޭންކް ބޭނުންކޮށްގެން ކަމަށް އެދެރަށުގެ ރައްޔިތުންގެ ބައެއްމީހުން ހާމަކުރެއެވެ.

ޒާވިޔާއަށް ގައްޒާފީގެ ބާރުތަކުން ދިންޙަމަލާތަކުގައި އެރަށުގެ 16 މީހަކު މަރުވެ 30 މީހަކު ޒަޚަމްވިއިރު ރައްސުލާނޫފަށް ދިން ޙަމަލާތަކުގައިވެސް ގިނަޢަދަދެއްގެ ބަޔަކު މަރުވެ ޒަޚަމްވިއެވެ.

މީގެއިތުރުން މިސްރާތާ ރައްޔިތުންގެ ބާރުތަކުގެ އަތްދަށުން އަތުލުމަށް ގައްޒާފީގެ ބާރުތަކުން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައި ކަމަށް އެރަށުން ވާހަކަދެއްކި އަލްޖަޒީރާގެ މުރާސިލު ބުނެއެވެ.
ރައްޔިތުންގެ ބާރުތަކުން މިހާރު މަސައްކަތް ކުރަމުންގެންދަނީ ގައްޒާފީގެ ބާރުތަކުގެ އަތްދަށުގައިވާ ލީބިޔާގެ ބޮޑުރަށެއްކަމަށްވާ ސިރްތު ހިފުމަށް މަސައްކަތްކުރަމުންނެވެ. ސިރްތު އަކީ ގައްޒާފީގެ ރަށެވެ. މިރަށުގައި ގައްޒާފީގެ ޤަބީލާގެ ގިނަބަޔަކު ދިރިއުޅެއެވެ.

ރައްޔިތުންގެ ބާރުތަކުންވަނީ ސިރްތުގެ ކައިރީގައިވާ ބިންޖަވާދު ކިޔާ ރަށެއްގެ ކައިރިއަށް ގައްޒާފީގެ ބާރުތަކުގެ ޢަސްކަރީ ދެބޯޓަކާއި ޢަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލާފައެވެ.

މިދެބޯޓު ދުއްވަންތިބީ ސޫރިޔާގެ ދެޕައިލެޓުން ކަމަށާއި މިދެމީހުން އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވިފައިވާކަމަށް ރައްޔިތުންގެ ބާރުތަކުން ބުނެއެވެ. -- އަލްޖަޒީރާ