14 Apr 2010, 15:50
19:00
ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އިދާރީ ބަޔާއި ބަޖެޓް ބައިން ވިއްސަކަށް މުވައްޒަފުން ވަޒީފާއިން ވަކިވާންޖެހޭކަން ރައީސް އޮފީހުން އަންގައިފި އެވެ.
ރައީސް އޮފީހުގެ ދަށުން ހިނގްމުން އަންނަ ގަވަނަންސް ރިފޯމް ކޮމިޓީގެ ފަރާތުން، ގައުމީ މަރުކަޒުގެ މުވައްޒަފުންނާ، މުލީއާގޭގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ދެއްވި ދެ ޕްރެޒެންޓޭޝަނެއްގައި ވިދާޅުވީ، ގައުމީ މަރުކަޒުގައި ވަޒީފާ އަދާކުރަމުން އަންނަ ފަންސާހަކަށް މުވައްޒަފުންގެ ތެރެއިން ބަހާއި ތާރީހުގެ ބައިގައި މަސައްކަތްކުރާ މުވައްޒަފުން ދާނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނަށް ކަމަށާއި ތަރިކަ ނުވަތަ ހެރިޓޭޖްގެ މަސައްކަތް ކުރަމުން އައި މުވައްޒަން ދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށަށް ކަމަށެވެ. ނަމަވެސް އެ މަރުކަޒުގެ އިދާރީ ބަޔާއި އައިޓީ ސެކްޝަނާއި ބަޖެޓް ސެކްޝަންގައި މަސައްކަތްކުރާ ވިއްސަކަށް މުވައްޒަފުންނަށް ޖެހޭނީ ވަޒީފާ އިން ވަކިވާން ކަމަށް އެ ޕްރެޒެންޓޭޝަންގައި ބުނެފައިވާ ކަމަށް، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ގައުމީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތަށް ނުވަތަ ވިޔަފާރިއެއް ފެށުމަށް ދެ ލައްކަ ރުފިޔާގެ ލޯނު ސަރުކާރުން ދޭނެ ކަމަށް ގަވަނަންސް ރިފޯމް ކޮމިޓީގެ ފަރާތުން ބުނި ކަމަށް ވެސް ގައުމީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދާއި އެންވަޔަރަންމަންޓް މިނިސްޓަރު މުހައްމަދު އަސްލަމާއި ހިއުމަން ރިސޯސަސް މިނިސްޓަރު ހަސަން ލަތީފު ބައިވެރިވެވަޑައިގެން، ހެނދުނު 10.30 އިން ފެށިގެން މެންދުރު 12 ޖަހަންދެން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޓްރޭނިންއާ ބެހޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ހިއުމަން ރިސޯސަސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މަރިޔަމް ނޫރައްދީނެވެ. ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ސަލީމް މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ގައުމީ މަރުކަޒުގެ މުވައްޒަފުންގެ ސުވާލުތަކަށް ރައީސް ނަޝީދު ވެސް ޖަވާބު ދެއްވި ކަމަށާއި ގައުމީ މަރުކަޒުގެ ހިންގުމަށް މި ގެންނެވި ބަދަލަކީ އެއްވެސް މުވައްޒަފަކަށް ދެރައެއް ދެއްވަން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ގައުމީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ސަލީމު ވިދާޅުވީ ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ކުރެވިދާނެ މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށާއި، އެގޮތުން އެމެރިކާއާ ޔޫރަޕްގެ ޤައުމުތަކަށް ރޯނު އެކްސްޕޯޓްކުރެވިދާނެ ކަމަށާއި އެ ފަރާތްތަކުން މިހާރު ވެސް އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅިގެން އަންނައިރު ވެސް ކުރެވިދާނެ ވަރަށް ގިނަ ވިޔަފާރީތައް އެބަހުރިކަން އާދިލް ފާހަގަކުރައްވައި، އެގޮތުން ރާއްޖޭގެ އަތޮޅެއްގައި ބަޖިޔާ ހަދާ އަންހެނެއްގެ މިސާލު ދެއްވައި އެއީ ވެސް ކުރެވިދާނެ ކަމެއް ކަމުގައި އާދިލް ވިދާޅުވި އެވެ.
ވަޒީފާ އިން ވަކިވާންޖެހޭ ގައުމީ މަރުކަޒުގެ ބައެއް މުވައްޒަފުން މި ބައްދަލުވުމުގެ ތެރޭގައި ވެސް ރޮއެ ހެދި ކަމަށާއި ގިނަ ދުވަސްތަކަކު ސަރުކާރުގެ ވަޒީފާގައި އުޅެފައި ވަކިގެން ގޮސް، ރޯނު ވަށައިފައި، ބަޖިޔާ އާއި ތަފާތު ހެދިކާ ހަދަން ބުނުމުން އިތުރަށް އަސަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީފާ އިން ވަކިވާންޖެހޭ ބައެއް މުވައްޒަފުންނަކީ ގެދޮރު ކުއްޔަށް ހިފައިގެން، ވަރަށް ދަތި ހާލުގައި ކުދިންނަށް ކިޔަވައިދެމުން އަންނަ މީހުންނަށް ކަމަށް ވުމުން، އެކަމާ ވަރަށް ކަންބޮޑުވެފައި ތިބި މުވައްޒަފުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމާ ބެހޭ ގޮތުން ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން އާދިލް ސަލީމް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާ ހުށަހަޅުއްވައިދެއްވި ޕްރެޒެންޓޭޝަނަކީ ޤައުމީ މަރުކަޒުގެ ވަޒީފާއިން ވަކިވާން ބޭނުންވާ ނުވަތަ ވަކިވާ މުވައްޒަފުންގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ކަމަށެވެ. އޭގެ ތެރޭގައި އެ މީހުންނަށް ލޯން ދޫކުރުމާއި، އެމީހުން ވިޔަފާރިތަކަށް އަހުލުވެރިކުރުމުން ހިމެނޭ ކަމަށާއި އެގޮތުން ރާއްޖޭގައި އުފައްދާ ބައެއް ތަކެތި ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓްކުރެވިދާނެ ކަމަށް ފާހަގަކުރައްވި ކަމަށް އާދިލް ވިދާޅުވި އެވެ.