11 Jul 2015, 10:54
ފިތުރު ޒަކާތް ބަލައިގަންނަ މުއްދަތު އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ކުރިން ނިންމާފައި ވަނީ މި މަހު 14 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަތުމަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހު 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބުރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ މުއްދަތު އިތުރުކޮށްފައި ވަނީ އެންމެ ލަހުން ޒަކާތް ދައްކާ ފަރާތްތަކުގެ ޒަކާތް ވެސް ސަރުކާރުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންނަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދީގެންމިކަން ކުރަން، ސަރުކާރުގެ ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެނީ ޒަކާތް ލިބިގަތުމަކީ،" އިބްރާހިމް ވިދާޅުވި އެވެ.
ފިތުރު ޒަކާތަކީ އީދު ދުވަހުގެ އީދު ނަމާދުގެ ކުރިން ދެއްކުން ފަރުޟެކެވެ. ޒަކާތް ބަަލައިގަތުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ވަނީ މޭޒްތަކެއް ގާއިމް ކޮށްފަ އެވެ. ރަށްރަށުން ޒަކާތް ބަލައިގަންނަނީ އެ ރަށްރަށުގެ ކައުންސިލްގެ އިދާރާ އިންނެވެ.
މި އަހަރު ވެސް ފޯނުން ޒަކާތް ދެއްކޭއިރު ބޭންކްތަކުން ވެސް ވަނީ ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.
ޒަކާތް ދައްކަން ޖެހޭ މިންވަރު:
އާދައިގެ ހަނޑޫ ނަމަ މީހަކަށް 12 ރުފިޔާ.
- ތައިލެންޑް ހަނޑޫ ނަަމަ މީހަކަށް 50 ރުފިޔާ.
- ބާސްމަތީ ހަނޑޫ ނަމަަ 75 ރުފިޔާ.
ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވެހު އެވެ.