11 Jul 2015, 10:38
ފ. ނިލަންދޫ ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލައި 500،000 ރުފިޔާ ވަގަށް ނަގައިފި އެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް އަހުމަދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލި ސީދާ ވަގުތު ނޭނގޭ ކަމަށެވެ. އެހެންނަމަވެސް "އެކަމެއް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ތިޖޫރީގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށެވެ. އެހެންނަމަވެސް "ސީދާ އެމައުންޓް" ވިދާޅުވުމަށް ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީދާ އެމައުންޓް ދަންނަވަން ދަތި. ސީދާ އެމައުންޓް ބުނެލަން އެނގޭނީ ހިސާބު ކިތާބުތައް ބަލައިލާފައި. އެކަން ކުރިބައެއް އަދިވެސް ނޭނގޭ. އެހެނެއް ވަކި ޝައްކު ކުރެވޭ މީހަކު ވެސް ނެތް." އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އެކަން އެނގުމާ އެކު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.