ފަރުނީޗަރުގެ ރީޓެއިލް ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބިޔަ ކުންފުނިކަމަށްވާ އިކެއާއިން އިންޑިއާގެ ހައިދަރުއާބާދުގައި އެ ކުންފުނީގެ ޝޮޕިން މޯލެއް ގާއިމުކުރުމަށްޓަކައި 13 އޭކަރުގެ ބިމެއް ގަނެފިއެވެ.

އިކެެއާއިން މީގެ ކުރީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އެކި ހިސާބުތަކުގައި، ފަރުނީޗަރުގެ އިތުރުން ޓެކްސްޓައިލްސްއާއި ކާނާއާއި އެނޫން ވެސް ކުންފުނީގެ 30 ޕްރޮޑަކްޓްލައިނެއް ހިމެނޭ ގޮތަށް 25 އައުޓްލެޓް ހެދުމަށް ޕްލޭންކޮށްފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި އެ މަޝްރޫއަށް 2 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓް ކުރާނެ އެވެ.

"މި ފިޔަވަޅަކީ، އިންޑިއާގައި އިކެއާގެ ވިޔަފާރި ފުޅާކުރުމަށް ކޮށްފައިވާ ޕްލޭނަށް ލިބުނު އިތުރު ކުރިއެރުމެއް. މި ކުންފުނިން މިހާރު ވެސް މިދަނީ މަސައްކަތް ކުރަމުން ދިގުމުއްދަތެއްގެ ތެރޭގައި ހުޅުވަން ރާވާފައިވާ 25 ފިހާރަ ހެދުމަށް ބެންގަލޫރު، މުމްބާއީ، އަދި ދިއްލީގެ ސަރަހައްދުތަކުން ރަނގަޅު ސައިޓްތައް ހޯދުމަށް،" އިކެއާގެ ސްޓޭޓްމަންޓެއްގައި ބުނެފައިވާ ކަމަށް އެންޑީ ޓީވީން ބުނެފައިވެ އެވެ.

އިކެއާއަށް 13 އޭކަރުގެ ބިމެއް ގަނެފައި ވަނީ، ހައިދަރުއާބާދުގެ އައިޓީ ހަބް ކަމަށްވާ އައިޓެކް ސިޓީންނެވެ.

އިންޑިއާ ސަރުކާރުން ވަނީ، ސްވިޑުންގެ ފަރުނީޗަރު ކުންފުނި އިކެއާއިން އިންޑިއާގައި 10،500 މިލިއަން ރުޕީސްއަށް ވުރެ ބޮޑު އިންވެސްޓެއް ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް 2013ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ބަލައިގެންފަ އެވެ.

އިކެއާ އިންޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔުވެންސިއޯ މައުޒޫ ވިދާޅުވީ، އިންޑިއާއަކީ އެ ކުންފުނީގެ ވިޔަފާރިއަށް ވަރަށް ރަނގަޅު މާކެޓެއް އޮތް ތަނެއް ކަމަށާއި އެގޮތުން އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ، އިންޑިއާގައި އެ ކުންފުނީގެ އަމިއްލަ ބިމެއްގައި ހަދާ ފުރަތަމަ ފިހާރަ ހައިދަރުއާބާދުގައި ބިނާކުރުން ކަމަށެވެ.

ވޭތުވެ ދިޔަ 28 ވަރަކަށް އަހަރު ދުވަހުން ފެށިގެން އިންޑިއާގައި ހަރަކާތްތެރިވަމުން އަންނަ އިކެއާއިން ވަނީ، 2020 ވަނަ އަހަރުގެ ކުރީން އިންޑިއާގައި އެކުންފުނިން ކުރާ ވިޔަފާރި ދެގުނައަށް އިތުރުކުރުމަށް ނިންމައިފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ، އާ ސަޕްލަޔަރުން ހޯދުމަށްޓަކައި އިންޑިއާގެ ތެލަންގާނާ ފަދަ ސްޓޭޓްތަކުގައި ކުންފުނީގެ ވިޔަފާރި ޕްރޮމޯޓްކޮށް ކެމްޕެއިންތައް ފަށައިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން އިންޑިއާގައި މިހާރު 50 ވަރަކަށް އިކެއާ ސަޕްލަޔަރުން ތިބިއިރު، އެމީހުންގެ ވަޒީފާތަކުގައި 45،000 މީހުން ހަރަކާތްތެރިވެ އެވެ.