ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލައެއްގައި ޏ. ފުވައްމުލަކުން 10 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، "ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން މިރޭ ދަންވަރު 2:00 އާއި ހަމައަށް ފުވައްމުލަކުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން،" ކަމަށެވެ.

މި މައްސަލައިގައި އެރަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި، ހިމެނެނީ "55 އަހަރާއި 20 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން،" ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް ކަަށަވަރުވެފައިވާ ގޮތުގައި، ފުވައްމުލަކުގައި ކުޑަ އަންހެން ކުދިންތަކަކަށް މަސްތުވާތަކެތި ދީ، އެކުދިން ލައްވައި ހަށިވިއްކުވައި، އެކުދީންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނަގައި، އެކުދިން ބްލެކްމެއިލް ކުރުމުގެ ހަޑިމުޑުދާރު އަމަލު ހިންގާފައިވަނީ ގިނަބަޔަކު ޝާމިލްވެގެންނެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ޓީމެއް ގުޅިގެން ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނޭ ކަމަށް ފުލުހުން ބުންޏެވެ.