11 Jul 2015, 00:38
ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި ކުރިއަށް ގެނދިޔަ ތަރާވީހެއް ފުލުހުން މިރޭ ހުއްޓުވާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ އޮފީސް ކުރިމަތީގައ ހުންނަވައި އެޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު ސަން އަށް ވިދާޅުވީ ތަރާވީސް ކުރިއަށްގެންދަން ބަހައްޓާފައި ހުރި މޭޒުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޝިފާޒު ވިދާޅުވީ އެއީ ސިޔަސީ ހަރަކާތެއް ނޫންކަމަށާއި އެއީ އެޕާޓިގެ މެންބަރުން ބޭއްވި ތަރާވީހެއް ކަމަށެވެ. އެ ތަރާވީސް ކުރިއަށްގެންދިޔައީ މަގުގެ ދެފަރާތުން ދުއްވާ އެއްޗިއްސައް ދެވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތަރާވީހެއް މިތަނުގައި ބޭއްވީ ދެ ފަރާތުން ބަރާބަރަށް ދުއްވާ އެއްޗިހި ދިޔަ މީހުން ތިބި. އެސްއޯ ފުލުހުން މޭޒާއި ހުރިހާ އެއްޗިހި ގެންދިޔައީ. ދެން އެބޭފުޅުން މިވިދާޅުވަނި ހުއްދައެއް ނަގަން ޖެހޭނޭ ސޫޖީ ބޯންވެސް ހައުސިންގ މިނިސްޓްރީއިން ހުއްދަ ނަގަންޖެހޭނޭ،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީ އޮފީސް ކުރިމަތީގައި ބޭއްވި ތަރާވީހުގައި ބޭނުން ކުރި މޭޒުތައް ފުލުހުން ގެންދިއުމުން ތަރާވީހުގައި ބޭބުން ކުރި ބައެއް އެޗިހި އެމްޑިޕީ އޮފީސް ކުރިމަތީގައި --- ސަން ފޮޓޯ: ޙުސައިން ހަބީބު
ކުރިން ހުއްދަ ނެގުމަކައި ނުލައި އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީ އިން ލިބިދޭ ކަމަށާއި ސަރުކާރުން ގާނޫނު އަސާސިއަށް އަހުލުވެރިވާން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދަިޔަ ހަފްތަގައިވެސް މާކަރީ ހޮޓެލް ކައިރީގައި އެޕާޓީން ތަރާވީހެއް ބޭއްވިކަމަށާއި އެރެއަކު ފުލުހުން އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށެވެ.
"އެބޭފުޅުން މިރޭވެސް މިފަރާތުން ދުއްވާ އެއްޗި ދުވޭނެ ގޮތް ހަދައިފައި އަޅުގަނޑުމެންނަށްވެސް މިތަނުން ފުރުސަތު ދެއްވިނަމަ މިއީ އެއްވެސް ކަމެއް ދިމާވާނެ މައްސަލައެއް ނޫން. ރީތިކޮށް ނިމެން އޮތްކަމެއް މީއީ،" ޝިފާޒު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީން ބޭއްވި ތަރާވީހެއް ފުލުހުން ހުއްޓުވާފައިނުވާނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި ސޯސަންމަގުގެ ބޮޑުބައެއް ބަންދުކޮށްގެން ތިއްބައި ފުލުހުން އެކަން ހުއްޓުވާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.