07 Mar 2011, 00:25
ލ. ގަމުގައި މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ޒުވާނެއްގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ލ. ގަމު ޕޮލިސްޓޭޝަން ކައިރީގައި މިރޭ އިރާކޮޅު ހިންގި މާރާމާރީގައި ވަޅިން ހަލާދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ ގަމު މުކުރިމަގު މޫންލައިޓް އުމުރުން 20 އަހަރުގެ އަނީސް އަދުނާން އެވެ.
މަންޒަރުންދުން މީހަކު ސަންއަށް މައުލޫމާތު ދެމުން ބުނީ މީގެ ގަޑިއެއްހާއިރު ކުރިން ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލި އަނީސްއަކީ ޕްރޮވިންސް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި އޭނާއަށް ހަމަލާދީފީފައިވަނީ މޫނު ނިވާކޮށްގެން ތިބި ފަސް ވަރަށް މީހުން ކަމަށެވެ.
މޫނު ނިވާކޮށްގެ ތިބި ބަޔަކު ޕޮލިސްޓޭޝަން ކައިރީގައި ހިންގި އެ މާރާމާރީގައި އަނީސްގެ އަތަށް ވަޅި ހަރައި އަތުގެ ކަށިގަނޑު ފެންނަ ވަރަށް ޒަހަމްކޮށްލާފައިވާ ކަމަށާއި އަދި އެ ސަރަހައްދުގައި އޭނާގެ ހަށިގަނޑުން އޮހޮރުނު ވަރަށް ގިނަ ލޭ އެބަހުރި ކަމަށް މަންޒަރު ދުން މީހާ ސަން އަށް ކިޔަދިނެވެ.
"އަތުގެ ކަށިގަނޑުވެސް ފެނޭ. މަސްތައް ވެސް ހުރީ ނެއްޓިފަ ކަހަލަގޮތަކަށް. ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން"
އޭނާ ބުނީ އަނީސް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ ހޭނެތިފާއިވާ ކަމަށެވެ. އަދި މިހާރު އޭނާއަށް އެމެޖެންސީގައި ފަރުވާދިނުމަށްފަހު އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމާރާމާރީއާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއަހަރު ފެށުނީސް ސުރެ ގަމުގައި އަންނަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ. އަދި މިހާތަނަށް ގްރޫޕް މާރާމާރީގެ ގޮތުގައި ހަތް ވަރަށް މާރާމާރީ ހިންގާފައިވާ ކަމަށް ގަމުން ވާހަކަދެއްކި މީހަކު ބުންޏެވެ.