މީގެ ތިން އަހަރުކުރިން ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީގައި ހުއްޓައި މީހަކު ވަޅިން ހަމަލާދީ މަރާލާފައިވާ އެރަށު ކެތި، އާދަމް ހަލީމްގެ ތުއްތު ދަރިފުޅުގެ ގާތަށް ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވީ، ކާށިދުއާއި ކ. ގާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ކާށިދުއަށް ވަޑައިގެން ސީޕީ ވަހީދު މިރޭ ވަނީ، މަރްހޫމް އާދަމް ހަލީމްގެ އާއިލާކައިރިއަށް ޒިޔާރަތްކުރައްވައި އާދަމް ހަލީމްގެ ތުއްތު ދަރިފުޅު އަހްމަދު އަޔާމިން އާދަމް، 4، އާއި ހަލީމްގެ ހުވަފަތް އަނބިމީހާ މަރިޔަމް ޝިފާގެ ހާލުބައްލަވައިލައްވަވައިފައެވެ.

"ކޮމިޝަނަރު ވަނީ، އާދަމް ހަލީމްގެ ދަރިފުޅާއި އާދަމް ހަލީމްގެ ހުވަފަތް އަނބިކަނބަލުންގެ ހާލުބައްލަވާލައްވާފައި. އަދި އާދަމް ހަލީމްގެ އާއިލާއަށް ދަތިވާ ކަންތައްތައް އެއްސެވި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު، މަރުހޫމް އާދަމް ހަލީމްގެ ދަރިފުޅު އަހްމަދު އަޔާމިންއާ ސަލާމްކުރައްވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނަރު ހުސައިން ވަހީދު ކާށިދުއަށް ވަޑައިގަތީ، މާދަމާ ގާފަރުގައި ބާއްވާން ހަމަޖެހިފައިވާ، އާދަމަ ހަލީމްގެ ހަނދާނުގައި ފައިސަލް ފައުންޑޭޝަނުން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްޓަކައެވެ.

އާދަމް ހަލީމް ގަޔަށް ވަޅި ހަރައި މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީ އަށް އޭނާ ދިޔަ މަގުމަތީގަ އެވެ. އަދި އާދަމް ހަލީމްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.