ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ޚާއްޞަ ކޮށްގެން ބޭއްވި ރޯދަ ވީއްލުމުގައި ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އިސްކަންދަރު ކޮށީގައި އޮތް އެ ރޯދަވީއްލުމަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް އެކުގައި ބައްދަލުކޮށް ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކޮށްލުމަށް ކޮންމެ އަހަރެއްގެ ރަމްޟާންމަހު އޮންނަ ޚާއްޞަ ރޯދަ ވީއްލުމެއް ކަމަށެވެ.

އެ ރޯދަ ވީއްލުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ބައެއް ބައެއް އިތުރު ވަޒީރުން ބައިވެރިވެވަޑައިގަތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބައްދަލުކުރުމުގައި ރައީސުލްޖުމުހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައެއް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ޙާލު އަހުވާލު އައްސަވައި ގިނަ ޢަދަދެއްގެ ފުލުހުންނާ ސަލާމް ކުރެއްވި ކަމަށެވެ.

އެ ރޯދަވީއްލުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސް ބައެއް އޮފިސަރުންނާއި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރު އަޙްމަދު ސަޢުދީ އާއި މުޙައްމަދު ޞާދިޤު އާއި ޙަސަން ޙަބީބުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ޓީމުގެ މެމްބަރުންނާއި އެހެނިހެން އޮފިސަރުން ވެސް ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.