ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ތަންފީޒު ކުރަމުންދާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ނަޝިދުގެ ދިފާއުގައި މަސައްކަތް ކުރުމަށް އެކުލަވާލައިފައިވާ ބައިނަލްއަގުވަމީ ވަކީލުންގެ ޓީމުގައި އދ.ގެ ރެޕެޓުއާގެ މަގާމުގައި ހުރި އިނގިރޭސި ވިލާތުގެ މަޝްހޫރު ގާނޫނީ ވަކީލް ބެން އެމަސަން ހިމެނިވަޑައިގަތުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތާ ބެހޭގޮތުން އެމަނިކުފާނުގެ ގާނޫނީ ޓީމުން އުފެއްދި މައްސަލައަށް ޖަވާބުދާރީވުމަށް ސްވިޒަލޭންޑްގެ ވެރިރަށް ޖެނީވާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ މައްސަލައިގައި ސަރުކާރުގެ އިސް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ބައިވެރިވެޑައިގަންނަވާ އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީގެ ޕާޓްނަރ ޓޮބީ ކެޑްމަން ވިދާޅުވީ، އދ.ގެ ސްޕެޝަލް ރެޕެޓްއާއެއް ގޮތުގައި ހުރި އެމެސަން، ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނި އދ. އަށް މައްސަލައެއް ހުށަހެޅުމަކީ އޭނާ އަދާ ކުރާ މަސްއޫލިއްޔަތުގެ ގޮތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ އދ.ގައި އޭނާ އަދާކުރައްވާ މަސްއޫލިއްޔަތާ ފުށުއަރާ ކަމެއް ކަމަށެވެ.

ކެޑްމަން ވިދާޅުވީ، އެއް ވަކީލަކު އަނެއް ވަކީލަކަށް މައްސަލަ ހުށަހަޅައި ކުށްވެރިކުރުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އދ.ގެ މަގާމެއްގައި ހުރި މީހަކު އދ.އަށް ހުށަހެޅޭ މައްސލައެއްގައި ވަކާލާތު ކުރަން ހުރުމުމަކީ މަސައްލަހަތު ފުށުއަރާ ކަމެއް ކަމަށްވާތީ ވޯކިން ގުރޫޕަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަަށެވެ.

ކެޑްމަން ވިދާލުވީ، އދ.ގެ ވޯކިން ގުރޫޕުން ނިންމާ ނިންމުމުގައި ގާނޫނީ ހެކިތަކަށް ރިއާޔަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން ވޯކިން ގުރޫޕުން ނިންމުމެއް ނިންމާއިރު މިޑިއާއިން ގެނެސްދޭ ވާހަކައަކަށް ނުބަލައި ހުށަހަޅާފައި ހުރި ގާނޫނީ ހެކިތަކަށް ރިއާޔަތް ކުރާނެ ކަމަށް،" ކެޑްމަން ވިދާޅުވި އެވެ.