10 Jul 2015, 21:42
ޕާކިސްތާނުގައި އަންނަ އަހަރު ބާއްވާ ދެކުނުއޭޝިއާ ސަރަހައްދީ ގައުމުތަކުގެ އެންމެ ބޮޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ވަޑައިގަންނަވާނޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރަޝިއާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި ހުކުރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވަނީ، 2016 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވާ ސާކު ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ބޮޑުވަޒީރު މޯދީއަށް އަރުވައިފަ އެވެ. އަދި މޯދީ ވަނީ އެ ދައުވަތު ގަބޫލުފުޅުކުރައްވައިފަ އެވެ.
"އެ ދެބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސަރަހައްދު ތަރައްގީކުރުމާއި އަމަންއަމާންކަން ގާއިމްކުރުމަކީ ދެ ގައުމުގެ ވެސް ހަމަހަމަ ޒިންމާއެއް،" ދެގައުމުގެ ބޮޑުވަޒީރުންގެ ބައްދަލުވުމަށް ފަހު، އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް. ޖައިޝަންކަރުއާއި ޕާކިސްތާންގެ ފޮރިން ސެކްރެޓަރީ އައިޒާޒް އަހްމަދު ޗައުދަރީ ބޭއްވެވި ޕްރެސް މީޓީންގައި އެ ދެބޭފުޅުން އިއްވެވި ގުޅިފައިވާ ބަޔާނުގައިވެ އެވެ.
ަޝަރީފާއި މޯދީއާ ދެ ބޭފުޅުން ވަނީ އެ ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި ގުޅުން ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އެގޮތުން ދެގައުމުގެ ދެމެދުގައި ގުޅުން ހަރުދަނާކުރުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯއާއި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ވެސް ކުރުމަށް ދެ ގައުމުގެ ވެރީން އެއްބަސްވެވަޑައިގެންފައި ވާ ކަމަށެވެ.
"މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދިއުމުގައި އެހީވެދެވެދިނުމާއި، އޭގެ އިތުރުން އެކަމަށް ބޭނުންވާ ވޮއިސް ސާމްޕަލް ފަދަ ތަކެތި ފޯރުކޮށްދިނުމަށް މަޝްވަރާކުރެވުނު،" ޕާކިސްތާނާއި އިންޑިއާގެ ބޮޑުވަޒީރުންގެ މަޝްވަރާތަކަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި ކަންކަމުގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލްއާއި ޕާކިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސަރުތާޖް އަޒީޒު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބައްދަލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ސަރަހައްދުގެ އެންމެ ބޮޑު ދެގައުމުގެ ވެރީންގެ ބައްދަލުވުމުގައި ވަނީ، ދެގައުމުގެ ސަލާމަތީ ބާރުތަކުގެ ވެރީންގެ މަޝަވަރާތައްވީ އެންމެ އަވަހަކަށް ބޭއްވުމާއި އެ ދެގައުމުގައި ހިފަހައްޓާފައި ތިބި އަނެއް ގައުމުގެ މަސްވެރީންނާއި އެމީހުންގެ އުޅަނދުތައް 15 ދުވަހުގެ ތެރޭގައި ދޫކޮށްލުމަށް ވެސް އެއްބަސްވެވަޑައިގެންފަ އެވެ.