06 Mar 2011, 23:27
ދިވެހި ރާއްޖެ އިސްލާމްދީނަށް އަނބުރައިލުމުގެ މެދުވެރިއަކަށްވި ބޭފުޅަކާ މެދު ބޮޑެތި ހިލާފު އުފައްދަ އެވެ. އެ ޖާގަވެސް އެބައޮތެވެ. އަދި މިހާރަކު އެ ހިލާފުތައް އިހުނަށްވުރެ ބޮޑުވެއްޖެއޭވެސް ހީވާން އުޅޭ ކަހަލަ އެވެ. މި މައްސަލައިގެ މައްޗަށް އޮތް ހިޔާލު ތަފާތުވުން ބެހެނީ މައިގަނޑު ތިން ބަޔަކަށެވެ.
ބަރުބަރީ:
ރާއްޖެ އިސްލާމް ކުރެއްވީ މޮރޮކޯގެ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ކަމުގައި ބުނަނީ ފުރަތަމަ ބައި މީހުންނެވެ. "ބަރަބަރި" އޭ ނިސްބަތް ކުރެވޭ ގަބީލާއެއް މޮރޮކޯގައި އޮންނަ ކަމަށް ތާރީހު އިލްމުވެރިން ވިދާޅުވެ އެވެ. މި ދެންނެވި ބަރަބަރި ނުވަތަ ބަރުބަރީ ދަރިކޮޅެއް މޮރޮކޯގައި އަދިވެސް ހިނގަ ހިނގާ އޮންނަ އޮތުމަކީ "މޮރޮކޯގެ ބަރްބަރީއަކު" ރާއްޖެ ވަޑައިގެން ރާއްޖެ އިސްލާމް ކުރެއްވި ކަމަށް ބުނާ މީހުން އެންމެ ސީދާ މިސާލު ކަމަށް ވެދާނެ އެވެ.
ތަބުރޭޒީ:
މި ބައި މީހުން ބުރަ ވަނީ ރާއްޖެ އިސްލާމް ކުރެއްވީ މޮރޮކޯގެ ބޭފުޅަކަށް ވުރެ ބޮޑަށް އީރާނުގެ ބޭފުޅެއް ކަމަށެވެ. މިއީ ވެސް ވެދާނެ ގޮތެކެވެ. އިރާންގައި "ތަބުރޭޒް" ކިޔާ ރަށެއް އޮވެ އެވެ. އެއާއެކު ރާއްޖެ އިސްލާދީން ޤަބޫލު ކުރުމަށް ފަހު ރަށްވެހިންނަށް އެކަމަށް ގޮވައިލެއްވެވި ބޭފުޅަކު އެންމެ ފުރަތަމަ އުނގަށްނައި ދޭނީ އިސްލާމްދީނުގެ ފަސް ރުކުން ކަމަށްވާ ނެޗްރަލް ޖަސްޓިސްގެ ހުކުމަށް ބަލައި ވިސްނައިފިނަމަ އީރާނު ބަހުން ނަމާދަށް ކިޔަނީ "ނަމާޒް" އެވެ. ރޯދައަށް ކިޔަނީ "ރޯޒާ" އެވެ. ހަމައެއާއެކު މީލާދީން 1921 ވަނަ އަހަރުގެ ފަހަށް ރާއްޖޭގެ ލިޔުންތަކުން އަބުލް ބަރަކާތުލް ބަރުބަރީ" ލިޔެވެމުން އައި ނަމަވެސް ދިވެހިން ޒަމާނުއްސުރެ ކިޔައި އުޅުނީ ތަބުރޭޒުގެފާނެއްގެ ވާހަކަ އެވެ. މިސާލަކަށް ބުރާރުގެ ވާހަކަ ނަގާށެވެ. ބަރުބަރީއަކަށްވުރެ ބޮޑަށް ދިވެހިންނަށް ދޮށިވާނީ ތަބުރޭޒީއެކެވެ. އެހެންކަމުން މިބައިގައި ހިމެނޭ މީހުންނަށް އޮތް ޖާގަ ހަންޏެއް ނުވެ އެވެ.
ތަފާތު ވައްތަރެއް:
މިއަކީ މި ބަހުސާ މުޅިން ކެވެލި ޖެހޭ ވައްތަރެއް ނޫނެވެ. އެހެނީ މިއީ މި މައްސަލައިގެ މައްޗަށް އަދި މުޅިން އެހެން ފިކުރެއް ގެންގުޅޭ ބައެކެވެ. ރާއްޖެ އިސްލާމްވި ދުވަސް ކަމަށް، ތާރީހުގެ ވަކި ދުވަހެއް ދިވެހި ދައުލަތް ހިޔާރު ކުރުމުން އޭގެ މާނަ މި ޖަމާއަތުގެ މީހުން ފުރޮޅައިލަ އެވެ. ވެރިރަށް މާލެ އަށް ވުރެ ކުރިން ރާއްޖޭގެ އެހެން ރަށަކުން އިސްލާމް ދީނުގެ އަސަރު ފާޅުވާން އޮތް ކަމުގެ ވާހަކަ އިސްކޮށް އެކަން މައްޗަށް ބަހުސްތައް ބަންޑުން ކުރެތެވެ. ހަގީގަތުގައި މިއީ މުޅިން އެހެން މައްސަލައެކެވެ.
ދެރަކަމަކީ އެ ބޭފުޅަކީ މޮރޮކޯގެ ބޭފުޅެއްތޯ ނުވަތަ އީރާންގެ ބޭފުޅެއްތޯ މިކަންކަން ވަރުން އަޅުވައިލެވޭނެ ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ފުރިހަމަކޮށްފައި ނެތުމެވެ. އޮތަސް އެއީ ވާރުތަ މުދާ ކަމަށް ހީވެ އެއެއްޗެއްގައި ބަގުޑި ބައްދައިގެން ތިބި ބަޔަކު ތިބުމުންނެވެ.
ތާރީހުން ފާޅުވާ ގޮތް:
މި ތަރުޖަމާ، ބަޔާނަށް ދާށެވެ: "އަރަހުށި މާތް ﷲ ގެ ރަސްކަންފުޅަށްޓަކައި މި ބަރަކާތްތެރި ހުކުރު މިސްކިތް ބިނާކުރުމަށް އަމުރުކުރެއްވީ އައްސުލްތޯނު ދަރުމަސް މުހައްމަދު ބުނު އަބްދުﷲ އާއި އޭނާގެ އަހު ސިރީ ޔަލްވާ އެވެ. މާތް ﷲ އެ އެންމެނަށް ރަހުމަތް ލައްވާށި އެވެ. އެ މިސްކިތް ބިނާ ކުރުމަށް އަލްވަޒީރު ޝަނިވިރާޒާ އަށް ރަދުން އަމުރުކުރެއްވި ހިނދު މިސްކިތް ބިނާކޮށް އިމާރާތް ކުރެއްވީ އޭނާ އެވެ. މާތްﷲގެ ރަހުމަތް އޭނައަށް ހުއްޓެވެ. އަދި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ މިކަލޭގެ ފާނުން މާލެ ވަޑައިގެން އޭނާގެ އަތްޕުޅު މައްޗަށް ހިޖުރައިން 548 ބަނަ އަހަރުގެ ރަބީއުލް އާހިރު މަހު ރަސްގެފާނު އިސްލާމްވެ ވަޑައިގަތެވެ،"
ވިސްނައިލާށެވެ؛ މިއީ ހިޖުރައިން 738 ގައި އައްސުލްތޯނު އަހުމަދު ޝިހާބުއްދީނު ސިރީލޯކަ މަހާރަދުން މާލޭ ހުކުރު މިސްކިތް އާކުރެއްވި އިރު އެ މިސްކިތުގައި ބެހެއްޓެވި ފިލާގައި އަރަބި ބަހުން ލިޔެފައި ހުރި ފޮޅުވަތްތަކުގެ ތަރުޖަމާ އެވެ. މި ފިލާ ހުކުރު މިސްކިތަކުން ނުފެންނާނެ އެވެ. ފިލާ މިހާރު އޮންނާނީ ދާރުލް އާސާރުގަ އެވެ.
އައްސުލްތޯނު އިބުރާހިމް އިސްކަންދަރު މާލޭ ހުކުރު މިސްކިތް އާކުރެއްވި އެވެ. އެއީ ހިޖުރައިން 1064 ގަ އެވެ. އެފަހަރު މިސްކިތުގެ މިހުރާބުގޭ ދޮރުގެ ވާތް ފަރާތު ބިތުގައި ލިޔުއްވި ލިޔުމަކުން ރާއްޖޭގެ އިސްލާމް ކުރި ބޭފުޅަކާ ބެހޭ ގޮތުން ހިލާފެއް އާދެ އެވެ. ކުރިން ދެންނެވިފައިވާ ހިލާފުތައް އުފައްދައިދޭ ހިސާބަކީ މިއީ އެވެ.
އެހެންނަމަވެސް މި ލިޔުމަކީ ކުރީގެ ފިލާގެ ލިޔުމާ އަޅާކިޔާއިރު ކުޑަ ތަފާތެއް ހުރި އެ ލިޔުމުގެ ނަކަލެކެވެ. ތަފާތަކީ "އައް ތަބްރީޒީ" އާއި "އަލްބަރުބަރީ" އޮތުމުގެ ތަފާތެކެވެ. ތާރީހީ ނަޒަރިއްޔާ އިން ބަލާއިރު އަސްލަކީ އެކައްޗެކެވެ. ގިނަ ތާރީހީ އިލްމުވެރިން ބުރަވަނީ ފަހުގެ އާކުރުމުގެ އޮޅުމެއް އަރާފައި ވަނީ ކަމަށެވެ. "ކޮންމެވެސް ގޮތަކުން ކުށެއް ޖެހުނީ" ކަމަށެވެ.
ހަސަން ތާޖުއްދީނުގެ ތާރީހު ފޮތުގައި އޮންނަނީ ރާއްޖެ އިސްލާމްވީ ހިޖުރައިން 548ގެ ރަބީއުލް އާހިރު މަހުގަ އެވެ. ކުރިން ދެންނެވި ފިލާގައި ވެސް ދުވަސް ބުނެފައެއް ނޯވެ އެވެ. މުހައްމަދު އަމީނު ލިޔުއްވާ ގޮތުގައި ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމްދީން ގަބޫލުކޮށް ރައްޔިތުން އެ ދީނަށް އެނބުރުމަށް ރަދުން އަމުރުކުރީ ރަބީއުލް އާހިރު 2، 548 ގަ އެވެ. އެޗްސީޕީ ބެލް އޭނާގެ މޮނަގްރާފްގައި ބުނަނީ ރާއްޖެ އަށް އިސްލާމްދީން ގެންނެވީ ތަބުރޭޒީ ކަމަށާއި ރަސްގެފާނު އިސްލާމްވީ ރަބީއުލް އާހިރުމަހުގެ 12، 548 ގައި ކަމަށެވެ. އޭނާ ހަވާލާދެނީ ތާޖުއްދީނުގެ ތާރީހު ފޮތަށެވެ.
އިސްލާމްވި ދުވަސް ފާހަގަކުރުން:
ފުރަތަމަ ފަހަރަށް ދިވެރާއްޖޭގައި، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރީ އައްސުލްތޯނު މުހައްމަދު ފަރީދުލްއައްވަލުގެ ރަސްކަމުގަ އެވެ. އެއީ އެ ރަދުންގެ ރަސްކަމުގެ ހަނީމޫން ޕީރިއެޑްގައި އޭރު އޮތް ކެބިނެޓުން އެކަން ފާސްކޮށްގެންނެވެ. ފެންނާން ހުރި ލިޔުންތަކުން ހިސާބު ހެދީމާ އެއީ ރާބިއުލް އާހިރު 2، 1374 ކެވެ. އެއީ ނޮވެމްބަރު 28، 1954 އެވެ.
އެދުވަހުގެ މާލޭ ހުކުރު މިސްކިތު ހަރުގޭގައި މައުލޫދު ކިޔުމާއި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖައްސައި އެކަންކަން ވަރަށް ހާއްސަ ކަންތައްތަކުގެ ގޮތުގައި ފުރިހަމަ ކުރި އެވެ. އެގޮތަށް 1377 ހަމައަށް ފާހަގަ ކުރަމުން އައީ ރާބިއުލް އާހިރު 2 އެވެ. އެހެންނަމަވެސް 1378 އިން ފެށިގެން ފާހަގަކުރީ އެ މަހުގެ 10ގެ ފަހުން އަންނަ ފުރަތަމަ ހުކުރުގަ އެވެ. ތާރީހަށް ވުރެ ބޮޑަށް އިސްކަން ދެވުނީ ހަފުތާ ދުވަހަށެވެ. އެކަން އެގޮތަށް ނިންމެވީ އޭރު އޮތް ތާރީހު ކޮމެޓީގެ ލަފަޔަކަށް ދިވެހި ސަރުކާރުން އެގޮތަށް ނިންމައިގެއިގެނެވެ.
ދުވަސް ފާހަގަ ކުރުން ހުއްޓައިލުން:
ދިވެހި ރާއްޖޭގައި ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުން ދިވެހި ސަރުކާރުން ހުއްޓައި ވެސް ލި އެވެ. އެކަން އެގޮތަށް ނިންމެވީ ރައީސް ނާސިރުގެ ބޮޑުވަޒީރު ކަމުގެ އެންމެ ފަހު އަހަރު އެވެ. އަހުރެން ހޯދައި ހޯދައި ވެސް އަދިއަކު އެ ސަބަބެއް މިހާތަނަށް ތިލަވެގެނެއް ނާދެތެވެ. ނަމަވެސް އޭގެ އެތަކެއް އަހަރު ފަހުން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ނިންމެވީ، މޭ 4، 2000 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ކެބިނެޓުންނެވެ.
އިސްލާމް ދީނުގެ އަލިގަދަ ދަންމަރުން ދިވެހި ފަސްގަނޑަށް އަލި އެޅި ދިވެހި ރަށްވެހިންގެ ހިތްތައް އަލިކޮށްދިން ބަހާތައް އެއް ފޯއްޔަކަށް ބަނދެލީމާ މައިގަނޑު ސަބަބެއް ކަމަށް ފެންނަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތް ސަރަހައްދެވެ.
އިސްލާމް ވުމަށް ދިމާވި މައިގަނޑު ބަހާތައް:
އިންޑިޔާ ކަނޑުގެ ދަތުރުފަތުރުގެ "ހުންގާނު" އަރަބީންގެ މުށު ތެރޭގައި އޮތީ 15 ވަނަ ގަރުނުގެ ތެރޭ ޕޯޗުގީޒުން "ކަނޑުގެ ބާޒު"ގެ ގޮތުގައި މާ ގަދަފަދަ ބާރަކަށް ވެގެން އައިސް އިންޑިޔާ ކަނޑަށް ޖެއްސުމާ ހަމައަށެވެ. އޭގެ އިހަށް ވެސް އަދި ފަހަށް ވެސް އިންޑިޔާކަނޑަކީ ދުނިޔޭގެ ދަތުރުވެރިންގެ މައި ހުރަސް ކަނޑެވެ. އަރަބި ވިޔަފާރި ފްލީޓްތަކާއި ޕޯޗުގަލް މީހުންގެ ދަތުރުތައް ކުރީ ވެސް އެ ބިޔަ ކަނޑުގެ ހުރަސް މަގުތަކުންނެވެ. ނަމަވެސް އެންމެ ގިނަ ޒަމާން ވަންދެން އެހެން ދަތުރުކުރީ ވެސް އަރަބި ފްލީޓްތަކެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގަދަ ބާރުތަކާއި ދީން ފެތުރުއްވުމުގެ އުޅުއްވި ބޭފުޅުންގެ ދަތުރުތައް ވެސް އިސްތިސްނާއެއް ނުވެއެވެ.
މިގޮތް މަތީން ރޭވިފައިވާ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ހާއްސަކޮށް އަރަބީންގެ ދަތުރުތަކުގައި ރާއްޖެއާ ދެމެދު ގުޅުންތަކެއް ހިނގައި މުއާމަލާތްތަކެއް ކޮށްފައިވާނެ ކަމީ އެއްވެސް ޝައްކެއް ނެތި ޔަގީންވާ ކަމެކެވެ. ހަމައެއާއެކު އެ ނިޒާމުގެ ތެރެއިން ރާއްޖެއާ ގުޅުނު އެންމެ މުހިންމު ގުޅުމަކީ އިސްލާމްދީނުގެ ސާފު ތެދުމަގުކަން ގައިމެވެ.
މީހުން ވަޒަންވެރިވެ ބޯހިމެނުމަކަށް ދެވޭވަރަށް ދިވެހި ރަށްވެހިން އުފެދުނުއިރު ރާއްޖޭގައި އޮތީ ބުޑިސްޓް ދީން ކަމަށް ބަލަމާ ހެއްޔެވެ؟ (ބުޑިސްޓް ދީނުގެ ކުރިން ދިވެހިން އެހެން ގޮތަކަށް ތިބި ނަމަ އެތިބަ ތިބުމަކީ އަދި މުޅިން އެހެން ވާހަކައެވެ.)
ކޮންމެއަކަސް ދިވެހި ދައުލަތް ބުދު ދީން ދޫކޮށް އިސްލާމް ދީނަށް އެނބުރުމުގެ އަމުރުމައުރޫފު ހިންގީ ހިޖުރަ އިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހު އެވެ. އެ ތާރީހު މީލާދީ ސަނަތުން ދިމާވަނީ 1153 ގެ ޖޫން މަހަށެވެ. އޭރު ރަސްކަމުގައި އިންނެވީ ތީމުގޭ މަހާކަލަމިންޖާ އެވެ. އިސްލާމް ވުމަށް ފަހު އައްސުލްތޯނު މުހައްމަދު ބުނި އަބްދުﷲ އެވެ.
މިހާތަނަށް ދިވެހި ދައުލަތް ރަސްމީކޮށް ގަބޫކުރަނީ ރާއްޖެ އިސްލާމްކުރީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ. ތާރީހުން އެނގޭ ގޮތުގައި އޭނާ ވަނީ ރާއްޖޭގެ ފަނޑިޔާރުމަނިކުފާނުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ ތަބުރޭޒީ ކަމަށް ވިޔަސް ބަރުބަރީ ކަމަށް ވިޔަސް ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި ބޭފުޅާ ފަސްދާނުލެވިފައިވަނީ މާލޭ މެދު ޒިޔާރަތުގަ އެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ރަސްގެފާނު ވެސް ފަސްދާނުލާފައިވަނީ އެ ޒިޔާރަތުގެ ގޯތިތެރޭގަ އެވެ. ފަހުން މުލީއާގެއާ ގުޅުވައިގެން ރައީސް އޮފީހުގެ ބައެއް ގޮތުގަ އާއި ފުރަތަމަ ސުޕްރީމް ކޯޓު ހުރި އިމާރާތް ހެދި އިރު މި ރަސްގެފާނުގެ ހަށިކޮޅު ފަސްދާނު ލާފައިވާ ތަނުން ނަގައި ބަދަލު ކުރީ ޒިޔާރަތުގެ ގޯތީގެ އެހެން ދިމާއަކަށެވެ.