10 Jul 2015, 15:40
ދަރަނި ބޮޑުވެގެން ދިޔުމުގެ ސަބަބުން އިނދަޖެހިފައިވާ ގްރީސްގެ އިގްތިސާދު އަލުން ނެގެހެއްޓުމަށް ބޭނުންވާ ތިން ވަަނަ މަރްޙަލާގެ ލޯންތައް ހޯދުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ގްރީސްއިން ހުށަހެޅީ އިތުބާރުހުރި އަދި ބިނާކުރަނިވި އިގްތިސާދީ އިސްލާޙް ތަކެއް ކަމަށް އެގައުމުން ސިފަކޮށްފި އެވެ .
ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނާ ގޮތުން މިއިސްލާޙް ތަކަކީ ބައިނަލްއަގްވާމީ މާލީ އިދާރާތައް ރުހޭފަދަ އިސްލާހްކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގްރީސްގެ ސަރުކާރުން ހުށަހެޅި އިގްތިސާދީ އިސްލާޙްތައް ބިނާވެފައި ވަނީ ޓެކްސް އިތުރުކުރުމާއި ވަޒީފާ އިން މުސްކުޅި ކުރުމުގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މައްޗަށެވެ.
ޔޫރޯ ޒޯންގެ މާލީ ވަޒީރުންގެ ފަރާތުން ވާހަކަ ދެއްކެވި ނެދަރލޭންޑްސްގެ މާލީ ވަޒީރު ޖިރޯން ޑިސިލްބްލެމް ވަނީ ގްރީސްގެ އިގްތިސާދު އަލުން ނެގެހެއްޓުމަށް ބޭނުންވާ ތިންވަނަ މަރްޙަލާގެ ލޯންތައް ދިނުމަށް މާލީ އިދާރާތަކުން އެދުނު އިގްތިސާދީ އިސްލާޙްތަކުގެ ލިޔުންތައް ގްރީސް އިން ހުށަހެޅިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.
ގްރީސްގެ އިގްތިސާދު ނެގެހެއްޓުމަށް ބޭނުންވާ ލޯން ފައިސާގެ ތެރެއިން ބޭރުގެ މާލީ އިދާރާތަކުން ވަނީ ދެ މަރްހަލާއެއްގައި 200 ބިލިއަން ޔޫރޯގެ ލޯން ފާއިތުވި 7 އަހަރު ތެރޭގައި ދީފަ އެވެ.
މިވަރުން ވެސް ގްރީސްގެ އިގްތިސާދަށް އެދެވޭ އަސަރުތަކެއް ކޮށްފައިނުވާކަމަށް ތަޖްރިބަކާރުން ދެކެ އެވެ. އަދި ގްރީސްގެ އިގްތިސާދު ނެގެހެއްޓުމަށް ބޭނުންވާ ތިންވަނަ މަރްޙަލާގެ ލޯންތައް ދޫކުރެވޭނީ އެގައުމުގެ އިގްތިސާދަށް ގެންނަންބޭނުންވާ އިސްލާޙްތައް އިއްޔެ ނިޔަލަށް ލިބުމުން ކަމަށް އެގައުމަށް މާލީގޮތުން އެހީތެރިވަމުންދާ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވަނީ ޝަރުތުކޮށްފަ އެވެ.
ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވަނީ އޭނާގެ ސަރުކާރުން އަލަށް އެކުލަވާލި އިގްތިސާދީ އިސްލާޙްތައް ގަބޫލުކުރުމަށް އޭނާގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ސިޔާސީ ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
ގްރީސްއަށް މާލީ އެހީ ދޭ ބޭރުގެ މާލީ އެއްއިދާރާ ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް )ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީން ލަގާޑް ދެކެވަޑައިގަންނަވާ ގޮތުގައި ގްރީސްގެ އިގްތިސާދަށް އޮތް ހަމައެކަނި ހައްލަކީ ދަރަނި އަދާކުރާނެގޮތްތައް އަލުން ކަނޑައަޅައި ލޯނުގެ ފައިސާ ހެޔޮގޮތުގައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމެވެ.
އުފެއްދުންތެރިކަން އިތުރުނުކޮށް ލޯންތައް އަދާނުކުރެވޭނެ ކަމަށާ ގިނަ ލޯންތައް މިހާރުވެސްވަނީ އަދާނުކުރެވިކަން ލަގާޑް ފާހަގަ ކުރެއްވިއެވެ. ގްރީސްގެ ސަރުކާރުން ބޭނުންވަނީ ބައެއް ލޯންތައް އެއްކޮށް މަޢާފްކޮށްދިނުމާއެކު އިތުރު ލޯންތައް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމެވެ. މިކަމަށް ބޭރުގެ މާލީ އިދާރާތަކުން އެއްބަހެއް ނުވެއެވެ.
މިމައްސަލަތަކާގުޅިގެން ގްރީސް އަށް މާލީ ދަތިކަންވަނީ އިންތިހާށް ކުރިމަތިވެފައެވެ. ބޭންކްތައްވަނީ ބަންދުކޮށްފައެވެ.
ފައިސާ މަދުވުމުގެ މައްސަލަވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ގްރީސްގެ ރައްޔިތުންނަށް ވަނީ ފައިސާގެ ދަތިތަކާ އިންތިހާއަށް ކުރިމަތިވެފައެވެ .ކަބޯތަކެތި ލިބުނު ކަމަށްވިޔަސް އެނޫން ގަލްޒަރީ ތަކެތި ގަންނާނެ ފައިސާއެއް އަދި ބޭރުގައުމުތަކަށް އަރާމު ދަތުރުތައްކޮށް ހިތްހަމަ ޖައްސާލުމަށްޓަކައި ޔޫރަޕްގެ އެހެންގައުމުތަކުގެ ރައްޔިތުން ޚަރަދުކުރާ ގޮތަށް ޚަރަދުކޮށްލާނެ ފައިސާއެއް ނުލިބެއެވެ.
ނަމަވެސް ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތެއްގެ މަތިންކަންކަން އިންތިޒާމް ކުރެވިފައިވާކަމަށް ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްގެ ސަރުކާރުން ބުނެއެވެ. އަދި ކާބޯތަކެތީގެ ތެރެއިންވެސް ގިނަތަކެތީގެ އަގުތަކާއި އިންފްލޭޝަންވެސް ކުރިޔާތަފާތު މިންވަރަކަށް މައްޗަށް ގޮސްފައި ނުވާކަމަށްވެސް ސިޕްރާސްގެ ސަރުކާރުން ފާހަގަކުރެއެވެ. އަދި މިއީ އެންމެފަހުން ލިބުނު ލޯންތަކުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރެވުމުގެ ނަތީޖާކަމަށްވެސް ސިޕްރާސްގެ ސަރުކާރުން ބުނެއެވެ.
ގްރީސް އަކީ އައިއެމްއެފްފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލޯންތަކުގެ ޝިކާރައަކަށްވެގެން ދިޔަ ފުރަތަމަ ގައުމެވެ.
ގްރީސްގެ އިތުރުން ޕޯޗްގަލްއާއި ސްޕޭން އާއި އިޓަލީއަކީވެސް ދަރަނި ބޮޑުވުމުގެ ސަބަބުން އިގްތުސާދު ނުސިޔާނު ފައްތަރެއްގައިވާ ގައުމުތަކެވެ. ނަމަވެސް ގްރީސްގެ ޙާލަތަށް ދިޔުމުގެ ކުރިން އެގައުމުތަކުންވަނީ އިގްތިސާދީ އިސްލާޙްތައް ގެނަސް ރަނގަނޅު ފެންވަރެއްގައި އިގްތިސާދު މެނޭޖްކުރަން އަލުން ފަށާފައެވެ.
ގްރީސްއަކީ އެއްދުވަސްވަރެއްގައި ޔޫރަޕްގެ މުއްސަނދި ގައުމެކެވެ. އެގައުމުގެ ރައްޔިތުން މުއްސަނދި ދިރިއުޅުމެއް އުޅުނު ގައުމެކެވެ. ނަމަވެސް ދަރަނި އާދަޔާ ޚިލާފަށް ނެގުމާއެކު އެދަރަނީގެ ފައިސާ ހެޔޮގޮތުގައި ބޭނުން ނުކުރެވުމުގެ ސަބަބުން ގްރީސްގެ އިގްތިސާދުވަނީ އިނދަޖެހިފައެވެ. ރައްޔިތުންވަނީ ނުތަނަވަސްކަމާއި ހާސްކަމެއްގެ ތެރޭގައެވެ. (ނޫސްއެޖެންސީތައް)