10 Jul 2015, 15:29
ސޯލް (ޖުލައި 9 :) ވެލައާއި ކަހަނބު އާލާކޮށް ދިރުވުމަށް އުތުރު ކޮރެޔާ ސަރުކާރުން ހިންގާ ފާމެއްގެ ވެރިޔާގެ ފަރުވާ ކުޑަކަމުގެ ސަބަބުން އޭނާ އަށް މަރުގެ އަދަބު ދީފި އެވެ.
އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ބީބީސީ ބުނާ ގޮތުން ފާމްގެ ވެރިޔާގެ ފަރުވާކުޑަކަމާއި އެތަން ރަނގަނޅަށް ހިންގުމުގައި އޭނާ ނާކާމިޔާބުވިކަން ފާހަގަކުރެއްވީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން
އެފާމްއަށް ޒިޔާރަތް ކުރައްވައި އެތަން ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމުންނެވެ . ކިމް ޖޮންގް އުން އަކީ އުތުރު ކޮރެޔާ ސަރުކާރުގެ މުއްސަސާތަކާއި ކުންފުނިތަކަށް ވަޑައިގެން އެތަންތަން ހިނގާ ނުހިނގާ ގޮތް ބައްލަވާ ރައީސެއްކަމަށްވެ އެވެ.
މިޚަބަރާ ގުޅިގެން އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީން ވެސްވަނީ ވެލައާއި ކަހަނބު އާލާކޮށް ދިރުވުމަށް ޓަކައި އެތަކެތި
ވިއްސައި ބަލާބޮޑުކުރާ ފާމްއަކަށް ޒައީމް ކިމް ޖޮންގް އުން ވަޑައިގެން އެތަނުގެ ހިންގުންތެރިކަން ދަށްކަމުން ކޯފާވެ
ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފަ އެވެ .ނަމަވެސް އެފާމްގެ ޑައިރެކްޓަރަށް މަރުގެ އަދަބު ދިނުމަށް ކިމް ޖޮންގް އުން
އަމުރުކުރެއްވިކަން ހާމަކޮށްފައެއް ނުވެ އެވެ. އުތުރުކޮރެޔާއަކީ ހުރިހާ ކަމެއްވެސް ސަރުކާރުންކުރާ ކޮމިއުނިސްޓް އިގްތިސާދު
ގެންގުޅޭ ގައުމެކެވެ. އެގައުމުގެ ޕްރައިވެޓް ސެކްޓަރ ވަރަށް ކުޑަވެފައި ބަލިކައްޓެވެ.
އުތުރުކޮރެޔާގެ ސަރުކާރުން ހިންގާ މުއްސަސާތަކާއި ކުންފުނިތަކުގައި ފަރުވާކުޑަކަމުގެ އަމަލެއްފެނިއްޖެނަމަ އެކުންފުންޏެއްގެ
ވެރިންނާއި މުވައްޒަފުންނަށް ހަރުކަށި އަދަބު ދިނުމަކީ އެގައުމުގައި އާންމުކަމެކެވެ .ނަމަވެސް މަރުގެ އަދަބު ދޭކަން ހާމަވެފައެއް
ނުވެއެވެ .ދާދިފަހުން އުތުރުކޮރެޔާގެ ދިފާޢީ ވަޒީރަށްވެސްވަނީ މަރުގެ އަދަބު ދީފައެވެ .މިކަން އެންމެފަހުން އެގައުމުން ވަނީ
ކަށަވަރުވެސް ކޮށްދީފަ އެވެ .ނަމަވެސް އުތުރުކޮރެޔާއާ ބެހޭ ގޮތުން އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާއިން ފަތުރަމުންދާ
ޚަބަރުތަކުގެ ސައްހަކަމާމެދު ސުވާލުތައް އުފެދިފައިވެ އެވެ. (ބީބީސީ)