10 Jul 2015, 15:24
ގަދީމީ ޢަރަބީންގެ ތެރޭގައި އަޚްލާޤިއްޔާތުގެ މިންގަނޑަކީ ތިލަފަތުގެ ދެކޮޅު އެއްވަރުކުރުމެވެ. މުސްކުޅި ބުނުމުގައިވާގޮތަށް މިނެދިންނާޅިއަކުން މިނެދިނުމެވެ. އެދުވަސްވަރުގެ އަރަބީންގެ އުސޫލަކީ ތިމާއާމެދު އަނެކަކު ކަންކުރާގޮތަކަށް އެމީހަކާމެދު ކަންކުރުމެވެ. ހެޔޮކޮށް ހިތައިފިނަމަ ހެޔޮކޮށްހިތުމެވެ. ނުބައިކޮށް ހިތައިފިނަމަ ނުބައިކޮށް ހިތުމެވެ. ޖާހިލީ ޒަމާނުގެ ޢަރަބި ޅެންވެރިޔަކު އޭނާގެ ވާދަވެރި ޤަބީލާއާ ބެހޭގޮތުން ހަދައިފައިވާ ޅެމެއްގައިވެއެވެ. "ހައްދުފަހަނަޅައި ދިޔުމުގެ އެއްވެސް ކަމެއް އަހަރެމެން ނުކޮށް ދޫކޮށެއް ނުލަމުއެވެ. އެބައިމީހުން އަހަރެމެންނާ މެދު ކަންކުރި ކޮންމެ ގޮތަކަށް އަހަރެމެންވެސް ކަންތައް ކުރީމުއެވެ. އަހަރެމެން ބަދަލުދީފައިވަނީ އެގޮތަށެވެ."
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަ ވަޑައިގެން އަޚްލާޤުގެ އެތަޞައްވުރު ބަދަލުކޮށްލެއްވިއެވެ. ތިލަފަތުގެ ދެކޮޅު އެއްވަރު ކުރުމުގެ ބަދަލުގައި ހެޔޮކަމުގެ ކޮޅު ބަރުކުރުމަށް އަމުރުކުރެއްވިއެވެ. އިތުރު ސާހިބާ އިރްޝާދުދެއްވީ ނުބައިކޮށް ހިތާމީހާއަށްވެސް ހެޔޮކޮށްހިތުމަށެވެ.
އިތުރު ސާހިބާ އިރްޝާދުދެއްވައިފައިވެއެވެ.
ތިޔަބައިމީހުންނަކީ އަމިއްލަ ވިސްނުން ބޭނުން ނުކޮށް އެހެން މީހުންގެ ވިސްނުމާއެއްގޮތަށް ކަންތައްކުރާ ބަޔަކު ކަމުގައި ނުވާށެވެ. އެމީހުން ބުނެއުޅެއެވެ. ތިމަންމެނަށް ހެޔޮކޮށްހިތާ މީހުންނަށް ތިމަންމެން ހެޔޮކޮށް ހިތާނޫނެވެ. ތިމަންމެނަށް އަނިޔާވެރިވެއްޖެނަމަ ތިމަންމެންވެސް އަނިޔާވެރިވާނޫއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުންނަށް ހެޔޮކޮށް ހިތާމީހުންނަށް ހެޔޮކޮށް ހިތުމަށާއި ތިޔަބައިމީހުންނަށް ނުބައިކޮށްހިތާ މީހުންނަށްވެސް ނުބައިކޮށް ނުހިތަން ތިޔަބައި މީހުންގެ ނަފުސުތައް ތައްޔާރުކުރާށެވެ. (މިޝްކާތުލް މަޞާބީޙު: 3 ވަނަބައި ޞަފުޙާ: 1418)
ހެޔޮކޮށްހިތާ މީހުނަށް ހެޔޮކޮށް ހިތުމާއި ނުބައިކޮށް ހިތާމީހުންނަށް ނުބައިކޮށް ހިތުމަކީ ލޭންދޭނުގެ އަޚްލާޤެވެ. ގަނެވިއްކުމުގެ އަޚްލާޤެވެ. ގޮނަކަށް ގޮނެއްދިނުމުގެ އަޚްލާޤަކީ މާތްﷲގެ ޙަޟުރަތުގައި ކުޑަވެސް ލޮބުވެތި ކަމެއް ހުރި އަޚްލާޤެއްނޫނެވެ. އެގޮތަށް ކަންކުރާމީހާ އެވަނީ އެމީހަކަށް ލިބެންވީ އެއްޗެއް މިދުނިޔެއިން ހަމަޔަށް ލިބިގެންފައެވެ. އޭނާ އާޚިރަތަށްޓަކައި އެއްވެސް އެއްޗެއް ފަސްކޮށްފައެއްނުވެއެވެ. އެހެންކަމުން އެމީހަކަށް އާޚިރަތުގައި ލިބޭނެ އެކައްޗެއްވެސް ނެތެވެ. އާޚިރަތަށްޓަކައި ޖަމާކުރެވޭ އެއްޗަކަށްވާނީ މިދުނިޔެއިން ބަދަލު ނުހޯދާ ތަކެއްޗެވެ. އަނެކާގެ ކިބައިން ބަދަލު ލިބިނުގަނެ އަނެކާއަށް ހެޔޮކޮށްހިތުމެވެ. ދީލަތިވުމެވެ. މާތްﷲ އަށްޓަކައި މަތިވެރި އުސޫލެއްގައި ހިފެހެއްޓުމެވެ. ތިމާގެ މިދުނިޔޭގެ މަޞްލަޙަތަށްޓަކައި ކަންތައްތަކެއް ކުރުމެއްނޫނެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ތެރޭގައި ހިމެނޭ އެއްކަމަކީ މީސްތަކުންގެ އަޚްލާޤީ ޝުޢޫރު މަތިވެރި ކުރެއްވުމެވެ. އަޚްލާޤުމާތްކުރެއްވުމެވެ. ޚުލުޤު ރީތިކުރެއްވުމެވެ. ހުރިހާ ގޮތުންވެސް މީސްތަކުން ތަހްޒީބުކުރައްވައި މަތީދަރަޖަތަކަށް ވާޞިލުކޮށްދެއްވުމެވެ.
އިންސާނުންގެ އިންސާނީވަންތަކަން މަތިކުރުމާއި ފިކުރީ ގޮތުންނާއި، އިލްމީގޮތުންނާއި އަޚްލާޤީ ގޮތުން އަރާތިބި ބަޔަކަށް ހެދުމަކީ އިންސާނިއްޔަތަށް ކުރެވޭ ވަރަށް މުހިންމު ޚިދުމަތެކެވެ. އެކަމުގައި އެކުލެވިފައިވަނީ ފަރުދުންގެ ލާބައެވެ. މުޅި މުޖްތަމައުގެ ފައިދާއާއި މަޞްލަޙަތެވެ. މިކަންކަން ދިރުވައި އާލާކޮށް ތަރައްޤީ ކުރުމަކީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތްދިރުވުމެވެ.