ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތާ ބެހޭގޮތުން އެމަނިކުފާނުގެ ގާނޫނީ ޓީމުން އުފެއްދި މައްސަލައަކީ އެއްވެސް ގާނޫނީ ހަމައެއްގެ މައްޗަށް ބުރަވެ އުފައްދާފައިވާ މައްސަލައެއް ނޫންކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އދ.ގެ ވޯކިން ގުރޫޕުން ރައީސް ނަޝިދުގެ ޝަރިއާތާއި ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބު ދާރީވުމަށް ޖެނީވާގައި ރާއްޖޭގެ ފަރާތުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، މައްސަލައިގައި އިސް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ބައިވެރިވެޑައިގަންނަވާ އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީގެ ޕާޓްނަރ ޓޮބީ ކެޑްމަން ވިދާޅުވީ، ނަޝީދުގެ މައްސަލައިގެ ޝަރުއީ މަރުހަލާ ކުރިއަށް ގެންދެވުނީ ބައިނަލްއަގުވާމީ ހަމަތަކާއި ރައްޖޭގެ ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

"ބައިނަލްއަގުވާމީ ފަރާތްތަކަށް، އދ އަށް ޔޫރަޕްގެ އިއްތިހާދަށް ދިވެހި ރާއްޖެއިން ވަނީ ދައުވަތު ދީފައި ނަޝީދުގެ ޝަރުއީ މަރުހަލާ ކުރިއަށް ދިޔަ ގޮތް އޮބްޒާވް ކުރަން،" ކެޑްމަން ވިދާޅުވި އެވެ.

ކެޑަމަން ވިދާޅުވީ، ޝަރީއަތުގެ ވަކި ހިސާބަކުން ނަޝީދުގެ ގާނޫނީ ޓީމުން ޝަރީއަތުގެ މަރުހަލާއިން ވަކިވެ ޝަރީއަތް ބޮއިކޮޓްކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ޝަރީއަތުން ވަކިވި ނަމަވެސް ކޮންމެ ޝަރީއަތެއްގައިވެސް ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ނަޝީދަށް ވެސް ލިބިދީފައިވާކަން ހަނދާންކޮށްދެވުނު ކަމަށާއި ހުދު ރައީސް ނަޝީދަށްވެސް ދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު ޝަރީއަތުން ދީފައިވާ ކަމަށް ކެޑްމަން ވިދާޅުވި އެވެ.

ކެޑަމަން ވިދާޅުވީ، ރައީސް ނަޝީދުގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ނޫންކަމަށާއި އެއީ ފަނޑިޔާރަކު ނުހައްގުން ހައްޔަރުކޮށްގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން ވަރަށްބޮޑު ކުށެއްކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައިވެސް އެއީ ވަރަށް ބޮޑެތި އަދަބު ލިބޭނެ ކުށެއް ކަމަށް ކެޑްމަން ވިދާޅުވިއެވެ.

"ނަޝީދުގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ނޫން. ނަމަވެސް އެއީ ޖިނާއީ ކުށެއް ކޮށްފައިވާކަމުގެ ދައުވާއެއް. ޝަރުއީ މަރުހަލާގައި ކުރީގެ ރައީސް ނަޝީދަށް ސާބިތު ނުކޮށްދެވުނު އެމަނިކުފާން އެކަން ނުކުރާކަމަކަށް،" ކެޑްމަން ވިދާޅުވި އެވެ.

ކެޑްމަން އިތުރަށް ވިދާޅުވީ، މައްސަލައިގެ ހުކުމަށްފަހު އިސްތިއުނާފު ކުރުމަށްވެސް ނަޝީދަށާއި އެމަނިކުފާނުގެ ގާނޫނީ ޓީމަށް ފުރުސަތު ދެވުނު ކަމަށާއި ނަމަވެސް މައްސަލަ އިސްތިއުނާފު ނުކުރައްވަން ރައީސް ނަޝީދު ނިންމެވީ، އަމިއްލަފުޅަށް ކަމަށެވެ.

އަދި މައްސަލައިގެ ޝަރުއީ ލިޔުންތަކަށްވެސް ގާނޫނީ ޓީމުން ދެކޮޅު ހަދާފައިވާކަމަށް ކެޑްމަން ވިދާޅުވިއެވެ.

ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ބެލްޖިއަމްއަށާއި ޔޫރަޕްގެ އިއްތިހާދަށް ރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވީ، ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށްފަހު އެކަމުގެ ޒިންމާ ހުދު ރައީސް ނަޝީދު ނަންގަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

ޝިއާން ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެކަން ކޮމަންވެލްތާއި ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖެއާއި ގުޅިގެން ހިންގުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ތަހްގީގް ރިޕޯޓް (ކޯނީގެ ރިޕޯޓް) ން ހާމަވާ ކަމަށެވެ.

އަދި އެރިޕޯޓް ބައިނަލްއަގުވާމީ ފަރާތްކުންވެސް ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމަށް ޝިއާން ވިދާޅުވިއެވެ.

ޝިއާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮންނަ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ޝަރުއީ ދާއިރާއިން ނެރޭ އަމުރެއް ތަންފީޒުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ނަޝީދުގެ ޝަރީއަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2012 ވަނަ އަހަރު އޭރުގެ ހުޅުމާލޭ ކޯޓުންނެވެ. ނަމަވެސް ފަހުން އެމައްސަލަ އަނބުރާ ގެންދަވަން ޕީޖީ އޮފީހުން ނިންމެވިއެވެ. އަލުން ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.