ހެލްތުކޯޕަރޭޝަން ތަކުން ދީފައިވާ އާސަންދައިގެ ހިދުމަތަށް، އާސަންދަ ކުންފުނިން ހެލްތު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިނުވާތީ މުވައްޒަފުންނަށްނަށް މުސާރަދޭން ބޭނުންވާ ފައިސާ ނެތިގެން ފިނޭންސް މިނިސްޓްރީން ތިން ފަހަރެއްގެ މަތިން އެފައިސާ ހެލްތު ކޯޕަރޭޝަންތަކަށް ދީފައިވާ ކަމަށް 2012 އަދި 2013 ވަނަ އަހަރުގެ އާސަންދައިގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މި މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އާސަންދަ ކުންފުނީގެ ދެ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ސަރުކާރުގެ ސައްތައިން ސައްތަ ހެލްތު ކޯޕަރޭޝަންތަކުން ދީފައިވާ އާސަންދައިގެ ހިދުމަތަށް އާސަންދަ ކުންފުނިން ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ނުދައްކައި ބިލްތައް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ކޯޕަރޭޝަންތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ހިދުމަތް ދިނުމަށްް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހެލްތު ކޯޕަރޭޝަންތަކުގެ މުވައްޒަފުންނަށް ބޭނުންވާ ފައިސާ ސީދާ ފިނޭންސް މިނިސްޓްރީން ތިން ފަހަރެއްގެ މަތިން ހެލްތު ކޯޕަރެޝަންތަކަށް ދީފައިވާ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން 108 މިލިއަން ރުފިޔާ އަދި 2013 ވަނަ އަހަރު 144.66 މިލިއަން ރުފިޔާ ހެލްތު ކޯޕަރޭޝަންތަކަށް ފިނޭންސުން ދީފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހެލްތު ކޯޕަރޭޝަންތަކަށް ދެ އަހަރުތެރޭ ޖުމްލަ 252.69 މިލިއަން ރުފިޔާ ދީފައިވާތީ އާސަންދަ ކުންފުންޏަށް ކޯޕަރޭޝަންތަކުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން އެފައިސާގެ އަދަދަށްވާ ބިލަށް އެކޯޕަރޭޝަންތަކަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ނިންމައި ސަރުކާރުން އާސަންދަ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެފައިސާގެ އަދަދު އުނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ހެލްތު ކޯޕަރޭޝަންތަކުން ހުށަހަޅާފައިވާ ބިލުތަކަށް އާސަންދަ ކުންފުނިން ދައްކަންޖެހޭ ފައިސާ ސީދާ ފިނޭންސުން ދައްކާފައިވުމުން ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަށްވުރެ އިތުރަށް ނުވަތަ ހުށަހަޅާފައިވާ ބިލުތަކަށްވުރެ އިތުރަށް ފައިސާ ދެއްކުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަދި ދައްކަން ނުޖެހޭ ފައިސާއެއް އާސަންދަ ކުންފުންޏަށް ދެއްކުމުގެ ފުރުސަތު ފަހިވެފައިވާ ކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އާސަންދައިގެ ހިދުމަތްދޭ މަރުކަޒުތަކަށް ފައިސާ ނުދެވި ލަސްވެފައިވަނީ ސަރުކާރުން އެފައިސާ އާސަންދަ ކުންފުންޏަށް ދައްކާފައިނުވާތީ އެވެ.

އާސަންދައިގެ އޮޑިޓް ރިޕޯޓުގައި އަދި ބުނެފައިވަނީ އާސަންދައަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ ސްކީމަކަށް ވީނަމަވެސް އިތުރު އިންޝުއަރެންސް ޕޮލިސީތަކަށް ދައުލަތުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެގްޒެކެޓިވް ބްރާންޗްގައި ހިމެނޭ އޮފީސްތަކާއި މުސްތަގިއްލު މުއައްސަސާތަކާއި، ކައުންސިލްތަކުގެ އިސްވެރިންނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގެ ދަށުން އެމަގާމްތައް ފުރާ ބޭފުޅުންނަށް އެ ބޭބޭފުޅުންގެ އާއިލާ މެމްބަރުން ހިމެނޭގޮތަށް ވަކިން މެޑިކަލް އިންޝުއަރެންސް ހަމަޖައްސާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ވެސް އެފަރާތްތަކަށް ވަކި އިންޝުއަރެންސް ޕެކޭޖްތަކެއް ހަމަޖައްސުމަށް އެ އިދާރާތަކުގެ ބަޖެޓުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މުވައްޒަފުންނަށް 2012 ވަނަ އަހަރު ވަކިން އިންޝުއަރަންސް ޕޮލިސީ ނަގާފައިވުމުން އާސަންދަ ހެލްތު ސްކީމް ހިންގުމަށް ދައުލަތުން ކޮށްފައިވާ ހޭދައިގެ އިތުރުން ސިއްހީ އިންޝުއަރެންސް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން އިތުރު ހަރަދު ތަކެއް ކޮށްފައިވާ ކަމަށެވެ.