10 Jul 2015, 14:34
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ހަސަން ހަމީދު އިސްތިއުފާ ދެއްވާފައި މިވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނު އިސްލާހުކޮށްފައިވަނިކޮށެވެ.
ޔުނިވާސިޓީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އިސްތިއުފާގެ ސިޓީ އިއްޔެ ހަސަން ހަމީދު ޔުނިވާސިޓީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އިސްތިއުފާދެއްވި ސަބަބު ބަޔާންކުރައްވާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވައިސް ޗާންސެލަރުގެ އިތުރުން ޔުނިވާސިިޓީގެ ކައުންސިލްގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން ނުވަ މެންބަރުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ވެއެވެ.
މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޔުނިވާސިޓީއަށް އައްޔަން ކުރައްވާ މެމްބަރުން:
- ޔުނިވާސިޓީގެ ޗާންސެލަރ
- ޔުނިވާސިޓީގެ ވައިސް ޗާންސެލަރ
- ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)
- ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން)
ތިރީގައިވާ ދާއިރާތަކުން ފަސް މެމްބަރުން ޔުނިވާސިޓީ ކައުންސިލަށް އައްޔަން ކުރުމުގެ ބާރު ގާނޫނަށް ގެނައި އިސްލާހުން ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ލިބިދީފަ.
- އިސްލާމީ ޝަރީޢާ ނުވަތަ ދީނީ ތަޢުލީމުގެ ދާއިރާ
- ވިޔަފާރި ނުވަތަ މާލީ ނުވަތަ އިޤްތިޞާދީ ދާއިރާ
- ތަޢުލީމީ ދާއިރާ
- ޤާނޫނީ ދާއިރާ
- ޞިއްޙީ ދާއިރާ
- ބައިނަލްއަޤްވާމީ ނުވަތަ ޤައުމީ ފެންވަރުގައި ޢިލްމީގޮތުން ފާހަގަކުރެވޭ ޔުނިވާސިޓީ ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން އެހީތެރިވެދީފައިވާ ފަރާތެއް.
- ޔުނިވާސިޓީ ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން އެހީތެރިވެދީފައިވާ ފަރާތެއް.