06 Mar 2011, 21:48
ވޯޓުލާ މީހުންގެ ރަޖިސްޓްރީ އޮޅުވާލައި އެހެން މީހުންގެ އަސާސީ ހައްގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
ކޮމިޝަނުން ބުނީ ނ. މިލަދޫ ބަޔަކު އެމީހުންނަށް ނޭނގި އެމީހުންގެ ވޯޓުލާ ތަން ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާ ހުށަހެޅުމުން ފުލުހުންނާއި ނެޝަނަލް ކޮމްޕްލައިންސް ބިއުރޯއިން މައްސަލަ ތަހުގީގުކޮށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ދައުވާ ކޮށްދިނިމަށް އެދިފައި ވަނީ ކާކުގެ މައްޗަށް ކަމެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 10 މީހަކު ރަޖިސްޓަރީވެފައިވާ ރަށް އެމީހުންގެ ރުހުމަކާ ނުލައި އޮޅުވާލައިގެން އެހެން ރަށަކަށް ރަޖިސްޓްރޭޝަން ބަދަލުކޮށް އެ 10 މީހުންގެ ވޯޓު ދިނުމުގެ ހައްގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދުނީ މިދިއަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.