އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އިއުލާންކުރެއްވި ދެހަނގުރާމައެއްގައި ޒަހަމްވެފައިވާ އެމެރިކާ ސިފައިންގެ މީހުންނަށް ފައިސާ ހޯދުމަށް ބޭއްވި ހަރަކާތަކަށް ވަޑައިގެން ތަގުރީރު ކުރުމަށް އޭނާ ބޮޑު އަގެއް ނެންގެވި މައްސަލައެއް ހޫނުވެއްޖެ އެވެ.


އޭބީސީ ނިއުސް ބުނީ ޢިރާޤު ހަނގުރާމައާއި އަފްޣާނިސްތާން ހަނގުރާމައިގައި ޒަހަމްވެފައިވާ ސިފައިންނަށް ފައިސާ ހޯދުމަށް " ހެލްޕިން އަ ހީރޯ" ނަމަކަށް ކިޔާ ޖަމާއަތުން ހިންގި ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ އަގަކަށް ބުޝް 100000 ޑޮލަރު ނެންގެވި ކަމަށެވެ. އަދި އޭގެ އިތުރުން އެހަރަކާތް ބޭއްވި ރަށަށް ޕްރައިވެޓް ޖެޓެއްގައި ދަތުކުރެއްވުމާއި ބުޝްގެ ދެކަނބަލުން އެރަށުގައި ތިއްބެވުމުގެ ހަރަދަށް އިތުރު 70000 ޑޮލަރު އެޖަމާއަތުން ހަރަދުކުރި ކަމަށެވެ.


ހަނގުރާމައިގައި ޒަހަމްވި ބައެއް އެމެރިކާ ސިފައިން ވަނީ އެމީހުންނަށް ފައިސާ ހޯދުމުގެ ހަރަކާތަކަށް ބުޝް ހިލޭ ވަޑައި ނުގެންނެވުމުން ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ.


"...އޭނާގެ އަމުރަށް ކުރި ހަނގުރާމައެއްގައި ޒަހަމްވި ކުރީގެ ސިފައިންނަށް ފައިސާ ހޯދުމުގެ ހަރަކާތެއްގައި ބައިވެރިވުމަށް އޭނާއަށް އަގު ދިނުން އެއީ އަހަރެންނަކަށް ނުވިސްނޭ ރަނގަޅު ކަމެއް ކަމަކަށް،" އިރާގުގެ ފައްލޫޖާގައި ހަނގުރާމަކުރަނިކޮށް 2004 ވަނަ އަހަރު ދެއަތްތިލަ ގެއްލިފައިވާ އެޑީ ރައިޓް ނަމަކަށް ކިޔާ އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ބުނިކަމަށް ނޫހުގައި ވެއެވެ.


"...ކަލޭ އަހަރެން ހަނގުރާމައަށް ފޮނުވީމު. އަހަރެން ކުރަމުން ދިޔައީ ކަލޭ ކުރަން އަމުރުކުރި ކަންތައް، އަހަރެން އެކަންތައްތައް ކުރީ ކަލެއަށް ޓަކައި އަދި އަހަރެމެންގެ ގައުމަށްޓަކައި ނުހަނު ޝައުގުވެރިކަމާއި އެކު. އެކަމަކު މިއީ މޫނުމަތީގައި ތަފާލެއް ޖެހުން ކަހަލަ ކަމެއް،" އެޑީ އަދި ބުނެފައި ވެއެވެ.


އެކިއެކި ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވައިގެން ފައިސާ ހޯއްދެވުމަކީ އެމެރިކާގެ ކުރީގެ ރައީސުން އާމްދަނީ ހޯއްދަވާ އެއް ވަސީލަތް ކަމަށް ވަނީ ހައްދަވާފައެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން 1989 ވަނަ އަހަރު ޖަޕާނުގައި ތަގުރީރު ކުރައްވައިގެން ދެ މިލިޔަން ޑޮލަރު ހޯއްދެވުމުން އޭނާއަށް އޭރު ފާޑުކިއުން އަމާޒުވިއެވެ. އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވަނީ ވެރިކަމުގެ ދައުރު ނިމުނު ފަހުން ކުރެއްވި ތަގުރީރުތަކުގެ ފީގެ ގޮތުގައި 100 މިލިޔަން ޑޮލަރު ހޯއްދަވާފައެވެ.


ބިލްކްލިންޓަންގެ އޮފީހުން ބުނި ކަމަށް އޭބީސީ ނިއުސް ބުނީ ކުރީގެ ސިފައިންގެ ބަޔަކަށް ތަގުރީރު ކުރެއްވުމަށް އޭނާ އެއްވެސް ފީއެއް ނަންގަވާފައި ނުވާ ކަމަށެވެ. އަދި ޑަބްލިއު ބުޝްގެ ބައްޕާފުޅު ޖޯޖް އެޗް ބުޝް ގެ އޮފީހުން ބުނެފައި ވަނީ ޗެރިޓީ އިވެންޓެއްގައި ވާހަކަފުޅު ދެއްކެވުމަށް އޭނާ ވެސް ފައިސާއެއް ނުނަންގަވާ ކަމަށެވެ.