ސަޢުދީ ޢަރަބިއްޔާގެ ކުރީގެ ފޮރިން މިނިސްޓަރު ޕްރިންސް ސަޢުދު ބިން ފައިސަލް އަވަހާރަވެއްޖެއެވެ.

ސަޢުދީ އަރަބިއްޔާގެ އޮފިޝަލުންނާ ހަވާލާދީ އަލް ޖަޒީރާ ބުނީ ޕްރިންސް ސަޢުދު މިއަދު އަވަހާރަވެފައިވާ ކަމަށާއި އެކަމާ ބެހޭ ރަސްމީ ބަޔާނެއް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.

ޕްރިންސް ސަޢުދު އަވަހާރަވީ، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރުކަން 40 އަހަރުވަންދެން ކުރެއްވުމަށް ފަހު އެމަގާމުން ރިޓަޔާކުރެއްވިތާ ދެމަސް ފަހުންނެވެ.

ޕްރިންސް ސަޢުދަށް ފޮރިން މިނިސްޓަރުކަން ލިބިވަޑައިގެންނެވީ 1975 ވަނަ އަހަރުއެވެ. އަދި އޭނާ އެމަގާމުން ވަކިކުރެއްވީ، މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާއަށް ފަހު ފޮރިން މިނިސްޓަރުކަމަށް ވަޑައިގެންނެވީ އެހައިތަނަށް އެމެރިކާގައި ހުންނެވި ސައުދީ ސަފީރު އާދިލް އަލް ޖުބައިރެވެ.

ޕްރިންސް ސަޢުދަކީ ދުނިޔޭގެ ގައުމެއްގެ ފޮރިން މިނިސްޓަރުކަން މިހައިތަނަށް އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.

ޕްރިންސް ސަޢުދު ވަނީ، ސަޢުދީ ޢަރަބިއްޔާގެ ހަތަރު ރަސްކަލެއްގެ ދައުރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ފާހަގަ ވެފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ސިޔާސަތު ބައިނަލް އަގުވާމީ މަޝްރަޙުގައި ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މެދު އިރުމަތީގައި އީރާނުގެ ނުފޫޒު ކުޑަކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށުމުން އޭނާ ތާއީދު ކުރައްވާފައި ވަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަ ވެރިންނަށެވެ. އެގޮތުން "އިދިކޮޅު ހަނގުރާމަ ވެރިންނަށް ހަތިޔާރު ދިނުމަކީ ރަނގަޅު ވިސްނުމެއް" ކަމަށް 2012 ވަނަ އަހަރު އޭނާ ވިދާޅުވެފައި ވެއެވެ.