ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރާ ހ. ހިލްޓަން އަޒްލީފް ރައޫފުއާ އެކު ސީރިއާގެ ހަނގުރާމައަށް ދިޔަ ޝަބީން (ޝަބީނިއޯ) ވެސް މަރުވެއްޖެ ކަމުގެ އަޑުތައް ފެތުރެން ފަށަައިފި އެވެ.

ޝަަބީން އަކީ އަޒްްލީފާ އެކު ސީރިއާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ އިމިގްރޭޝަންގެ ދެ އޮފިޝަލުންގެ ތެރެއިން އެކަކު ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އޭނާ މަރުވިކަން އާއިލާ އަށާއި ރަހުމަތްތެރިންނަށް އެނގިފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ޝަބީން ސީރިއާ އަށް ގޮސްފައިވަނީ އޭނާގެ އަންހެނުންނާއި އެއް އަހަރުގެ ކުޑަ ދަރިފުޅުވެސް ގޮވައިގެންނެވެ.

ސަން އަށް އިތުބާރު ކުރެވޭ ފަރާތަކުން މައުލޫމާތު މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ސީރިއާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

ޝަބީން މަރުވެފައިވާ ކަމުގެ އަޑު ފެތުރިފައިވާއިރު އޭނާއާ އެކު އެ ގައުމަށް ހަނގުރާމަ އަށް ދިޔަ އަޒްލީފް ރައުފް ވެސް ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާކަން އޭނާގެ އާއިލާއިން ވަނީ މީޑިއާގައި ބުނެފަ އެވެ.

ެއެހެންނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މިދިޔަ ޖެނުއަރީގައި ވިދާޅުވެފަ އެވެ.

ަޝަބީނިއޯ ސީރިއާއަށް ދިއުމަށްފަހު އޭނާގެ ނަން ވަނީ އަބޫ އުސާމަހްއަށް ބަދަލުކޮށްފަ އެވެ. އަދި އޭނާގެ އަންހެނުންގެ ނަން އުއްމު އުޝާމަހް އަށް ބަދަލުކޮށްފައިވާއިރު ޝަބީންގެ އަންހެނުންގެ އެފްބީ އެކައުންޓުގައި ވެސް ޝަބީން މަރުވެފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އޭނާގެ އަންހެނުން ވަނީ އެކަމުގެ ހިތާމައިގައި ޅެމެއް ސްޓޭޓަސްގައި އަޕްކޮށް ޖަންނަތުން ދިމާވާނެ ކަމަށް ބުނެފަ އެވެ.

އަޒްލީފް ރައޫފު އާ އެކު ސީރިއާއަށް ދިޔަ މީހުންނަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަތް މީހުންނެވެ. އެމީހުންގެ ތެރޭގައި އަޒްލީފާއި ޝަބީނިއޯގެ އިތުރުން އިމިގްރޭޝަންގެ އިތުރު އޮފިޝަލެއް ކަމުގައިވާ އިބްރާހިމް ސޮލާހު (ސޮލާ) އާއި ިޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ ތިން މީހަކު ހިމެނެ އެވެ.

އެ މީހުންގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާން "ގެއްލުވާލި" މައްސަލައިގައި ހައްޔަރުކޮށް، ދޫކޮށްލި މީހަކާއި ބަޔަކަށް ބިރުދައްކައި ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމަށް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުން ވީއްލާފައި ހުރި މީހަކު ވެސް ހިމެނެ އެވެ. އަދި ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން އާންމު ކުރި ލިސްޓުގައި ހިމެނޭ މީހަކު ވެސް އެ މީހުންނާއެކު ބައިވެރިވެފައިވެ އެވެ.