އިސްލާމިކް ޔުނިވާސިޓީ ގާއިމް ކުރުން އަވަސް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ޔުނިވާސިޓީއަކަށް ބަދަލު ވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އޭގައި ކަނޑައަޅާފައި ވަނީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ވާނީ އެ ގާނޫނު ތަސްދީގު ކުރާތާ ތިން މަސް ހަމަވާ ދުވަހުން ފެށިގެން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވާނެ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކުއްލިއްޔާގައި އޮތް މަޖިލިސް ވެގެން ދާނީ އިސްލާމިކް ޔުނިވާސިޓީގެ އިންތިގާލީ މަޖިލީހަކަށެވެ.

އިންތިގާލީ މަޖިލީސް ދެމި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވާސިޓީގެ ޗާންސެލަރު އަދި ވައިސް ޗާންސެލަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަންދެނެވެ.