މައިލޯ ވެޓަރަންސް ކަޕްގައި މިއަދު ކުޅުނު މެޗްގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ވިކްޓަރީގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖައާކުން މޮޅުވެ މާލޭ ވެޓަރަންސް ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

މައިލޯ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގެ ހަތް ވަނަ މިނެޓްގައި ވިކްޓްރީގެ ޢަބްދުﷲ ހާޝިމްއަށް ވަނީ ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗްގައި މޭލާ ވެޓަރަންސްއިން ކާމިޔާބު ކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރި ދެ ވަނަ ހާފުގައެވެ.

ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓް ކާމިޔާބު ކުރީ މުޙައްމަދު ނީސާމް ނާޞިރެވެ.

އެޓީމްގެ ދެ ވަނަ ލަނޑު މުޙައްމަދު ޢަރީފް ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައެވެ.

އޭގެ ހަ މިނެޓް ފަހުން އަހްމަދު ޢާޒިމް ވަނީ ވިކްޓްރީ އަށް ނަތީޖާ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ދެ މިނެޓްފަހުން މާލޭ ވެޓަރަންސްގެ ފުރަތަމަ ލަނޑު ޖެހި ނީޝާމް ވަނީ އެޓީމް ތިން ވަނަ ލަނޑު ކާމިޔާބު ކޮށް ނަތީޖާ ފުޅާ ކޮށްފައެވެ.

މާލޭ ވެޓަރަންސްގެ ހަތަރު ވަނަ ލަނޑު ޢަބްދުﷲ ޙަސަން ކާމިޔަބު ކުރި މެޗްގެ 41 ވަނަ މިނެޓްގައެވެ.

މާލޭ ވެޓަރަންސްގެ ފަސް ވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޢަބްދުﷲ މުފީދެވެ.

އޭގެ ދެ މިނެޓް ފަހުން އަހްމަދު ޝާމިން ވަނީ މާލޭ ވެޓަރަންސްގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުން މޮޅުވެ މިހާތަނަށް ލިބުނު ހަ ޕޮއިޓާއެކު މާލޭ ވެޓަރަންސް ވަނީ ސެމީއަށް ދިއުމުގެ އުންމީދު އާ ކޮށްފައެވެ.

އެޓީމަށް ސެމީގެ ޖާގައެއް ކަށަވަރު ވަނީ މިދިޔަ ހޮނިހިރު ދުވަހު އެޓީމައި މާޒިޔާ ކުޅުނު މެޗްގައި ހަމަނުޖެހުންތަކާ ގުޅިގެން ކުރިއަށް ނުގެންދެވިގެން ހުއްޓާލި މެޗް އަލުން ކުޅެން ނިންމާފައިވުމާއެކު، މިއަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުން މޮޅުވެގެންނެވެ.

އެމެޗުން މާޒިޔާ މޮޅުވެއްޖެނަމަ ސެމީއަށް ދާނީ މާޒިޔާއެވެ.

މިއަދުގެ މެޗަށް ނިކުތް އިރުވެސް މުބާރަތުން ކަޓާފައިވާ ވިކްޓަރީ މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއްވެސް ނިލިބިއެވެ.