މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގަން ހަވާލުވިތާ ހަތަރު ވަނަ މަހުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް ޖެޓް ފިއުލްގެ އަގުބޮޑުކޮށް، ޖެޓް ފިއުލް ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ވިއްކާ އަގު 15.35 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.

ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް ކޮމާޝަލް އޮފިސާ ޕްރަސާދު ގޯޕާލަން ސޮއި ކުރައްވައި މިދިޔަ މަހު 28ގައި ނެރުނު ސާކިއުލާގައިވާ ގޮތުން، މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ވިއްކަނީ، މި ދިޔަ މަހު ޖެޓް ފިއުލް ލިޓަރެއް ވިއްކި 1.04599 ޑޮލަރަށް ވުރެ، 0.14901 ސެންޓް، ނޫނީ 1.91 ރުފިޔާ ބޮޑުކޮށެވެ. އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް މި މަހުން ފެށިގެން ފިއުލް ވިއްކާ ރޭޓް، 1.10442 ޑޮލަރަކީ މިދިޔަ މަހު ވިއްކި 0.96636 ޑޮލަރަށް ވުރެ، 0.13806 ޑޮލަރު ނޫނީ 1.77 ރުފިޔާ ބޮޑު އަދަދެކެވެ.