09 Jul 2015, 17:53
މިނިވަން 50 އޮފީހުގެ މަސައްކަތްތަކުގައި ގަވައިދާ ޚިލާފު ކަމެއް ހިނގާތޯ ބެލުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ މަސައްކަތް ފެށުމުގެ ގޮތުން ކޮމިޝަންގެ މެމްބަރުން މިނިވަން50 އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން50 އޮފީހުގައި ކަންތައް ހިނގާގޮތް ބަލައިދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ވެސް އެ ކޮމިޝަންގައި އެދިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ގިނަ ގިނައިން އެ އޮފީހަށް ވަދެ ޗެކްކުރަން ޖެހިދާނެ ކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު އެ ކޮމިޝަނުން އެ އޮފީހަށް ނުދާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
މިނިވަން50 ގެ އޮފީހުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްފަހު އެއްވެސް މަސައްކަތެއް ނުގަވާއިދުން ހިނގާނަމަ އެކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގެ ތަހުގީގު ޓީމުން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.