މާލެ-ހުޅުމާލެ ބްރިޖަކީ އޭގެ ޒާތުގައި ކޮންކްރީޓް އިންފްރާސްޓްރަކްޗާ އެއް ނޫންކަމަށާއި އެއީ އިގްތިސާދީ އިންފްރާސްޓްރަކްޗާ އެއް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

މާލެ-ހުޅުމާލެ ބްރިޖުގެ ފައިސާ ހަަމަޖެއްސުމާ ގުޅޭގޮތުން ދެ ގައުމުން ކަނޑައަޅާ ނުކުތާތަކާ ބެހޭ ލިޔުމުގައި މިއަދު ހައުސިން މިނިސްޓްރީގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޖިހާދު ވިދާޅުވީ ގައުމެއް ތަރައްގީކުރެވޭނީ ގައުމުގެ ރައްޔިތުންނާއި މުދާ ފަސޭހަ ކަމާއި އެކު އެއްތަނުން އެއްތަނަށް ގެންދެވޭ ކަަމަށްވަންޏާ ކަމަށް ޖިހާދު ވިދާޅުވިއެވެ.

ބްރިޖްގެ ސަަބަބުން ރައްޔިތުންނާއި އެ މީހުންގެ މުދާ އެއްތަނުން އަނެއް ތަަނަށް ގެންދިއުމަށް ފަސޭހަވާނެ ކަަމަށެވެ.

"އިގްތިސާދު ފުޅާ ކުުރުމަށް ބަލާއިރު މިއީ ވަރަށް ބޮޑު ހިއްސާ އެއް އޮންނާނެ އިންފްރާސްޓަރަކްޗާ އެއް" މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ. އަދި އިގްތިސާދީ ގޮތުގެ އިތުރުން އިޖްތިމާއީ ގޮތުން ވެސް ކިތައްމެ ފައިދާ އެއް ބްރިޖްގެ ސަބަބުން ލިބޭނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.

ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮަލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައި އެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.

މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފެށޭނެ ކަަމަށާއި ދެ އަހަރުތެރޭ ބްރިޖްގެ މަސައްކަތް ނިންމާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.