މާލެ-ހުޅުމާލެ ބްރިޖް އިމާރަތްކުުރުމާއި އޮޕަރޭޓް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮމާސްގެ ޑިރެކްޓާ ޖެނެރަލް ވޮން ޔޮންގްޕުގު އެވެ.

އެ ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ އެއްބަސްވުމުގައި ޗައިނާ ސަރުކާރުން ކުރަންޖެހޭ ކަންތައްތަކާއި ދިވެހި ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ހިމެނިފައިވާ ކަމަށެވެ.

" ޗައިނާ ސަރުކާރުން މި ބްރިޖް ގާއިމުކުުރުމަށްޓަކައި އެޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް" ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ހިމެނިފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް އޮޕަރޭޓްކުރުމަށްޓަކައި ދިވެހި ސަރުކާރަށް ވެދެންޖެހޭ ހުރިހާ އެއްބާރުލުމެއް ޗައިނާ ސަރުކާރުން ވެދޭނެ ކަަމަށް ވެސް އެއްބަސްވުމުގައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް އިމާރަތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ކުރަމުންދާނެ ކަަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް ކުރިން ރޭވިފައިވާ ގޮތަށް މި އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ގިނަވެގެން ދެ އަހަރުތެރޭ ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، ސައިލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވަކި ލޭނެއް

މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކީ ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

" ހުރިހާ އުމުރުފުރައެއްގެ މީހުންނާއި އެކި ބޭނުންތަކަށް ބައްޓަންވެފައިވާ ބްރިޖެއް މިއީ" މުއިއްޒު ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅަން ޖެހޭ ހުރިހާ ކޭބަލްތަކާއި ދޭތެރޭ ވެސް ވިސްނާ އެފަދަކަންތައްތަކަށް އެއްމެ ފުރިހަމައަށް ގެންދެވޭނެ ގޮތަށް ބްރިޖް ޑިޒައިން ކޮށްފައިވާ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖާއި ބެހޭ ތަފްސީލީ ދިރާސާތައް ނިންމާ ޑިޒައިންކޮށްފައިވާ ކަަމަށާއި މިހާރު ކުރިއަށް ދަނީ ޑިޒަައިން ފައިނަލް ކުރުން ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

" އިންޖިއަނިއަރިން ގޮތަށް ބަލާއިރު ވެސް މި ސަރަހައްދުގެ އެޅޭނެ އެއްމެ ފުރިހަމަ ޑިޒައިންގަ ބްރިޖް މިހާރު ވަނީ ޑިޒައިން ކުރެވިފައި" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ޑިޒައިން ކުރުމުގައި އެ ސަރަހައްދުގެ ކަނޑުގަ ހުރި ކަަންކަމަށާއި އަދި އެއާޕޯޓް ކައިރީގައި އޮތުމުން ސަލާމަތީ ގޮތުން ވިސްނަންޖެހޭ ހުރިހާ ކަމަކަށް ވިސްނާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ޑިރެކްޓާ ޖެނެރަލް ވޮން ޔޮންގްޕުގު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮން ޔޮންގްޕުގު ވިދާޅުވީ ބްރިޖްގެ މަޝްރޫއު މިހާރު އާ ސްޓޭޖަކަށް ގޮސްފައިވާ ކަަމަށެވެ. ބްރިޖް ޕްރޮޖެކްޓަކީ ދެގައުމުގެ ލީޑަރުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަަމަށް ވެސް ވިދާޅުވިއެވެ. ޗައިނާ އަކީ އިޚްލާސްތެރިކަމާއި އެކު މަސައްކަތްކުރާ ގައުމެއްކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮަލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައި އެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.

މާލެ-ހުޅުމާލެ ބްރިޖަކީ މި ސަރުކާރުން އެއްމެ އިސްކަންދޭ އެއް ޕްރޮޖެކްޓް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.