09 Jul 2015, 16:15
މަދިރި މަދުކުރުމުގެ މަސައްކަތުގައި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.
ޑެންގީއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން މިއަދު ފެށި ޕްރޮގްރާމްގައި އެ މިނިސްޓްރީގެ އިމާރާތުގެ ގޯތި ތެރެއާއި އެ އިމާރާތާއި އިންވެގެން ހުރި ތަންތަން ސާފުކުރުމާއި ބޭސް ޖެހުމާއި ފޮގް ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ޢަބުދުﷲ ޖިހާދެވެ. އެ މަސައްކަތް ފަށްޓަވައި ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ އެ މަސައްކަތަކީ ސަރުކާރުން ގައުމީ ކަންކަމަށް އެއްބާރުލުންދޭކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެށި މަސައްކަތަކީ މިހާ ހިސާބުން ނިމޭ ކަމެއް ނޫން ކަމަށެވެ.
"... ކުރިއަށް އޮތް ތާނގައި މިކަހަލަ އިތުރު ބުރުތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ސާފުކުރާނީ މިނިސްޓްރީގެ ވަށައިގެންވާ ސަރަހައްދުތައް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކު އެމިނިސްޓްރީގެ ގޯތި ތެރެސާފުކުރަން ވިސްނަވާ ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް ކްލަބްގެ ފަރާތުން ކުރާ އެފަދަ އެހެން މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން ބުނީ ކޮންމެ މަހަކު ވެސް ސަރުކާރުގެ އިމާރާތްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ތަނެއް ސާފުކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.