09 Jul 2015, 15:43
މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އިތުރު ތިން މީހެއްގެ ޝަރީއަތް ފަށައިފި އެވެ.
މިއަދު ޝަރީއަތް ފަށާފައިވާ މީހުންނަކީ ސ. ހުޅުދޫ އިރުވައި އަހްމަދު އުނިސް އާއި ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދު އަދި ސ. ހުޅުދޫ ހޮސްޓްރޭލިޔާ އިބްރާހީމް އިބާދުއެވެ.

ދައުވާ ލިބޭ އިބްރާހީމް ރަޝީދު ޝަރީއަތަށް ފަހު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކުރިމަތިން ދެކުނުން އުތުރަށް ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ދުއްވާފައި ދަނިކޮށް މުޒާހަރާގެ ބައުވެރިއަކު އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.
ފުލުސް މީހާ ބިންމައްޗަށް ވައްޓާލުމުން އެމީހުންގެ ތެރެއިން އިބާދު ގަދަކަމުން ފުލުސް މީހާގެ އަތުގައި އޮތް މުގުރު ނަގައި އޭނާގެ ގައިގައި ތަޅާފައިވާ ކަމަށެވެ.

ދައުވާ ލިބޭ އުނައިސް ޝަރީއަތަށް ފަހު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
އެމީހުންގެ ތެރެއިން އުނައިސް ހެލްމެޓަކުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ ކަމަށާއި އަދި އިބްރާހީމް ރަޝީދު މޯބައިލް ފޯނަކުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ
އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ތިން މީހުންނަށް ވެސް ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަށް މީހެއްގެ ޝަރީއަތް އިއްޔެ ވަނީ ފަށާފައެވެ.