ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑިތަކެއް އަމިއްލަ ކެންޑިޑޭޓުން ކާމިޔާބު ކުރުމަކީ އެމްޑިޕީ އާއި ޑީއާރުޕީގެ ފެއިލްވުމެއް ކަމަށް ޕީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ޑީއާރުޕީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުމާ ގުޅޭ ގޮތުން ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއޭ އިން އެ ޕާޓީގެ ރަސްމީ ނަމުގައި އެއްވެސް ކެންޑިޑޭޓަކު ނުނެރުނީ ޑީއާރުޕީ އަށް ގިނަ ގޮނޑިތަކެއް ގެއްލިދާނެތީ ކަމަށާއި ނަމަވެސް ކައުންސިލްގެ ގިނަ ގޮޑިތަކެއް އަމިއްލަ މެންބަރުން ކާމިޔާބުކުރީ ޑީއާރުޕީގެ ކެޕޭސިޓީއެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އެއީ ސިޔާސީ ޕާޓީތަކުން ކާމިޔާބުކުރަންޖެހޭ ގޮނޑިތަކެއް ކަމަށެވެ.

"ކިހާ ބައިވަރު ގޮޑިތަކެއް 170 އެތައް ގޮޑިއެއް ގެންދިޔަ ކަންނޭންގެ އިންޑިޕެންޑެންޓުން. އެހުރިހާ ގޮނޑި އިންޑިޕެންޑެންޓުންނަށް ގެންދެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ޑީއާރުޕީގެ އެ ކެޕޭސިޓީ ނެތީމަ އިންޑިޕެންޑެންޓުންނަށް އެހާ ގިނަ ގޮނޑި ގެންދެވުނީ. އެހެންނޫނިއްޔާ ސިޔާސީ ޕާޓީތަކުން މި ގޮނޑިތައް ގެންދަން ވާނީ. އެހެން ވީމަ ޑީއާރުޕީގައި ވެސް އެމްޑީޕީގައި ވެސް އެ ކެޕޭސިޓީ ނެތީ... އެއީ މި ބޮޑު ދެ ޕާޓީގެ ފެއިލްވުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާނީ،" ޔާމީން ވިދާޅުވި އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ޑީއާރުޕީ އާއި ޕީއޭ ގުޅިގެން އުފައްދާފައިވާ ކޯލިޝަން އާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ ކޯލިޝަން މިހާރު އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށާއި ކޯލިޝަން މަސައްކަތް ނުކުރަނީ ޑީއާރުޕީން ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ނުކުރާތީ ކަމަށެވެ.

ނަމަވެސް ދާދިފަހުން ވީޓީވީގެ ބޮޑު ފެންޑާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ޕީއޭ ކޯލިޝަނާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅެނީ އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ އާއި އެއްސަފުގައި ޕީއޭން ވެސް ވާދަކުރާނެ ކަން އިއުލާން ކޮށްފައިވާތީ ކަމަށެވެ. ތަސްމީނަށް ބަހުގެ ހުނޫ ހަމަލާތަކެއް ރައްދުކުރައްވަމުން ޔާމީން މިއަދު ވިދާޅުވީ "ތަސްމީން އެ ދައްކަވާ ވާހަކަފުޅުތަކަކީ ޒިންމާދާރުކަން ކުޑަ އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަތަކެއް" ކަމަށެވެ.

"ތަސްމީން ޑީއާރުޕީން ކުރިމަތިލައްވާތީއޭ ކިޔާފައި ޕީއޭއަކުން ނުޖެހޭނެ ކޯލިޝަން އެގްރިމެންޓުގެ ދަށުން ތަސްމީނަށް ތާއީދު ކުރާކަށް. އެހެންވީމާ އެއީކީއެއް ނޫން އެއްގޮތަކަށް ވެސް ކޯލިޝަން ވޯކް ނުކޮށްގެން އުޅޭ ސަބަބަކީ. އެގޮތަށް ތަސްމީން ވިދާޅުވާ ކަމަށްވަންޏާ ތަސްމީން އެ ދައްކަވަނީ ވަރަށް ހަމަ ޝެލްފިޝް، އަމިއްލަ އެދުމުން ފުރިގެން އޮތް ވާހަކައެއް،" ޔާމިން ވިދާޅުވި އެވެ.

ރައީސް މައުމޫން ޕާޓީއެއް ހައްދަވާ ނަމަ އެކަމަށް ތާއީދު ކުރައްވާނަންތޯ ސުވާލުދެންނެވުމުން މައުމޫންގެ ކޮއްކޯފުޅު ޔާމީން ވިދާޅުވީ ޑީއާރުޕީ ރަނގަޅު މަގުން ނުހިނގާތީ އެކަން އިސްލާހު ކުރެއްވުމަށް މައުމޫން ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތަކަށް ވެސް ތާއީދު ކުރައްވާނެ ކަމަށާއި މައުމޫންގެ ފަހަތުގައި ހުންނަވައިގެން އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ އަދި މިހާތަނަށް މައުމޫން އެފަދަ އެއްވެސް ވާހަކަފުޅެއް އޭނާ އާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ.

"މިހާރު އޮތް ޑީއާރުޕީ އަށް ޖަވާބުދާރީ ނުކުރެވިގެން މައުމޫންގެ ހިތްވަރުފުޅެއް ހުރެގެން މި ސަރުކާރު ރައްޔިތުންނަށްޓަކާ ޖަވާބުދާރީކޮށް އަޅުގަނޑުމެން އެންމެ ފުރަތަމަ ޑީއާރުޕީ އުފެއްދި ހިޔާލުތަކާއި ފަލްސަފާ އާއި އެއްގޮތަކަށް ޕާޓީއެއް އުފައްދަވައިގެން ރައްޔިތުންނަށް މިއަށް ވުރެ ފާގަތި ދުވަސްތަކެއް ގެންނެވުމަށް ކުރައްވާ މަސައްކަތެއްގައި ވިއްޔާ އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ދީގެން ހުރިހާ މަސައްކަތެއް ކުރަން މިހުރީ ތައްޔާރަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޮންމެވެސް ސަބަބުތަކަކާ ހުރެ ތަސްމީނަށް ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށާއި އެ ސަބަބުތައް މަޑުމަޑުން ހާމަވަމުންދާނެ ކަމަށެވެ. ސަރުކާރު ޒިންމާދާރު ކުރުމުގައި އިދިކޮޅު ފަރާތްތަކުން ފެއިލްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޑީއާރުޕީން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އޮޕޮޒިޝަންގައި އޮތް އެންމެ ބޮޑު ޕާޓީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބެލިޔަސް ކައުންސިލްގެ މެންބަރުންގެ އަދަދަށް ބެލިއަސް އަދި އާންމު މެންބަރުންގެ އަދަދަށް ބެލިއަސް ޑީއާރުޕީ ސަރުކާރު ޖަވާބުދާރީ ނުކުރުވޭ ނަމަ، ނުކުރެވޭ މެންބަރަކަށް ނުކުރެވެނީ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް އެކަން ނުކުރެވޭތީ. އެކަމާ ޝައްކެއް ވެސް ނެތް." ޔާމީން ވިދާޅުވި އެވެ.