އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރި މޯލްޑިވިއަން ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ އައިސް އެއެއާޕޯޓްގައި އިމަޖެންސީކޮށް ޖައްސައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، މިއަދު 1:00 ޖަހާ އެހާކަންހާއިރު މާލެ އިން ތިމަރަފުއްޓާއި ކައްދުއަށް ފުރި މޯލްޑިވިއަން ބޯޓުގެ ހައިޑްރޯލީކް މައްސަލައެއް ދިމާވެގެން ފުރިތާ 20 އަކަށް މިނެޓް ފަހުން އަނބުރާ އައިއެންއައިއޭގައި ޖައްސާފައިވާ ކަމަށެވެ.

"ވަރަށް ކުޑަކަމެއް ހިނގީ، ހައިޑުރޯލިކް ލީކެއް އުޅޭތީ ބޯޑް އައިސް ޖެއްސީ." ނަޝާތު ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި ފުލައިޓަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ނަޝާތު ވިދާޅުވީ އެ ފްލައިޓުން ދަތުރު ކުރި ފަސިންޖަރުން މޯލްޑިވިއަންގެ އިތުރު ފްލައިޓެއްގައި މިހާރު ފުރުވާލާފައިވާ ކަމަށެވެ.