09 Jul 2015, 15:12
ހުޅުލެ އާއި މާލެ އާ ދެމެދު ބްރިޖްއެޅުމަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
މިއަދު ސައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މާލެ-ހުޅުލެ ބްރިޖް މަޝްރޫއަށް ފައިސާ ހަމަޖެއްސުމާ ގުޅޭ ގޮތުން ދެ ގައުމުން ކަނޑައަޅާ ނުކުތާތަކާ ބެހޭ ލިޔުމުގައި ސޮއިކުރުމަށް ފަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ކަމަށާއި 170 މިލިއަން ޑޮލަރު ޗައިނާ އިން ދެނީ ލޯނުގެ ގޮތުގައި ކަމަށެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓް ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.
ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭނެ ކަމަށާއި އެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަަމަށް ފައިސާ ހަމަޖެއްސުމުގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއި ކުރެއްވި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ޑިރެކްޓާ ޖެނެރަލް ވޮން ޔޮންގްޕުގު ވެސް ވަނީ ވިދާޅުވި އެވެ. ޗައިނާ ސަރުކާރުން ބްރިޖްއެޅުމަށް ވެދެއްވާ އެހީ އަށް މިނިސްޓަރު ޖިހާދު ވަނީ ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. ބްރިޖް އެޅުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޖިހާދު ވިދާޅުވި އެެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ޑިރެކްޓާ ޖެނެރަލް ވޮން ޔޮންގްޕުގު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮން ޔޮންގްޕުގު ވިދާޅުވީ ބްރިޖްގެ މަޝްރޫއު މިހާރު އާ ސްޓޭޖަކަށް ގޮސްފައިވާ ކަަމަށެވެ. ބްރިޖް ޕްރޮޖެކްޓަކީ ދެ ގައުމުގެ ލީޑަރުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާ އަކީ އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރާ ގައުމެއްކަމަށް ވެސް ވިދާޅުވި އެވެ.
"ގައުމު ކިތަންމެ ކުޑަނަމަވެސް އަދި ބޮޑު ނަމަވެސް އަޅުގަނޑުމެން އެގައުމަކަށް އިހްތިރާމްކުރަން،" ވޮން ޔޮންގްޕުގު ވިދާޅުވި އެވެ.
ބްރިޖް އެޅުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފަ އެވެ.
މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފެށޭނެ ކަމަށާއި ދެ އަހަރު ތެރޭ ބްރިޖްގެ މަސައްކަތް ނިންމާނެ ކަމަށް ވެސް ހައުސިން އިން ބުންޏެވެ.