ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުން ރާއްޖެ އިން ފޮނުވާލަން އެނގި ފަހުން މަސައްކަތް ކުރަމުން ދިޔަ ދެ ފޮޓޯގުރާފަރުން ފުރުވާލަން އިމިގުރޭޝަން އިން ނިންމައިފި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުން މިދިޔަ މަހު ހަތް ވަނަ ދުވަހުގެ ކުރިން ފޮނުވާލުމަށް އެ މީހުން ރާއްޖެ ގެނެސްފައިވާ ފަރާތްތަކަށް އިމިގުރޭޝަންއިން ވަނީ އަންގާފަ އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، ބިދޭސީ ފޮޓޯގުރާފަރުން ރާއްޖޭގައި މަސައްކަތް ކުރުން މަނާކުރި ފަހުން އެކަން ކުރި ދެ ފޮޓޯގުރާފަރަކު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.

"އަދި އެމީހުން ނުވެއް ފުރާ، ފުރުވާލުމުގެ ޕުރޮސެސްގައި އުޅެނީ، އެދެ މީހުން، އިތުރު މީހުން ބަލަމުން ދަނީ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ އިތުރު ފޮޓޯ ގުރާފަރުން ހޯދުމުގެ މަސައްކަތް ވެސް އިމިގުރޭޝަންއިން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ފޮޓޯގުރާފަރުން ކުރަނީ ޑީޕޯޓް ނޫން ކަމަށާއި ފިޔަވަޅު އަޅާނީ އެމީހުން ގެނެސްފައިވާ ފަރާތްތަކާއި މެދު ކަމަށެވެ. ނަމަވެސް އެފަރާތްތަކާ މެދު އަޅާނެ ވަކި ފިޔަވަޅެއް އަދި ނުނިންމާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ "ސަން"އަށް ވިދާޅުވީ އަދިވެސް ގިނަ އަދަދެއްގެ ބޭރު ފޮޓޯގުރާފަރުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަަމަށާއި އެކަންކަން ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ހުޅުމާލޭގައި ފުލެޓުތައް ހިފައިގެން ޗައިނާ މީހުން ގަދަޔަށް އެމަސައްކަތް އެބަކުރޭ، ރިސޯޓްތަކުގައިވެސް ކޮންމެ ރަށެއްގައިވެސް އެބަތިބި މީހަކު." ޝާފީ ވިދާޅުވި އެވެ.

އިމިގްރޭޝަން އިން ކުރިން ބުނެފައި ވަނީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ، ދިވެހި ޒުވާނުން ވަޒީފާ އަށް ނެރުމަށް ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން "ފޮޓޯގްރަފީ"ގެ މަސައްކަތައް ކޯޓާ ދޫނުކުރުމަށާއި ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.