09 Jul 2015, 14:38
މިހާރު މާލެ އާއި އަތޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި އެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އޭގެތެރެއިން ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އުރުން 25 އަހަރުން މަތީގެ މީހުންގެ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެ އެވެ.

ޑެންގީ ހުމުން ސަލާމަތްވުމަށް ތަންތަން ސާފުކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރވަނީ -- ފޮޓޯ -- އެޗްޕީއޭ
ިޑެންގީ ޖެހޭ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ބުނި އިރު އޭރު ހަފްތާއެއްގެ މައްޗަށް ރިޕޯޓު ކޮށްފައި ވަނީ 50 މީހުންނެވެ.
ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި އެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ހަފްތާގައި ޑެންގީ ޖެހިގެން ޖުމްލަ 151 މީހަކު ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މިހަފްތާގެ މިހާތަނަށް އައިއިރު ޑެންގީ ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދަކީ 54 އެކެވެ.

ޑެންގީ ހުމުން ސަލާމަތްވުމަށް ތަންތަން ސާފުކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރވަނީ -- ފޮޓޯ -- އެޗްޕީއޭ
މިމަހުގެ މިހާތަނަށް އައި އިރު ޑެންގޫޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެއިންނެވެ. އެއީ 66 މީހުންނެވެ. މިމަހު އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އދ. އަދި ބ. އަތޮޅުންނެވެ. އެއިން ކޮންމެ ރަށަކުން ވެސް ޑެންގީ ޖެހިގެން ނުވަ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު މީޑިއާ ހިއްސާކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޑެންގީ ހުން ޖައްސާ އީޑީސް މަދިރި ނައްތާލުމަށް މީގެ ކުރިން ވެސް ވަރަށް ގިނަ ތަންތަނަށް ފޮގް ކުރެވިފައިވާ ކަމަށާއި ކުރިއަށް ތަނުގައި ވެސް މާލެއާއި ގިނަ ރަށްރަށުގައި ސާފު ކުރުމާއި ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ޑެންގީ ޖެހިގެން މިހާތަނަށް ރިޕޯޓުކޯށްފައިވާ މީހުންގެ ޖުމްލަ އަދަދަކީ 599 އެކެވެ. އޭގެތެރެއިން 269 ކޭސް މާލެއިން ރިޕޯޓުކޮށްފައިވާ އިރު އަތޮޅުތަކުން ޖުމްލަ 330 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.