09 Jul 2015, 14:01
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލުއި ފަސޭހަ ކުރުމަށް މިސްކިތްތަކުގައި ފުރޮޅުލީ ގޮނޑި ބަހައްޓަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ގޮނޑިތައް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓުރީގެ ނައިބް އައިމިނަތު ހުސެއިން ޝަރީފް އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިސްކަމެއްދީގެން މިސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު މިއަދު މިސްކިތްތަކުގައި ބަހައްޓަން ފެށި ފުރޮޅުލީ ގޮނޑީގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ތިން ބުރިއަށް ހަދާފައި ހުންނަ އަދި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ މިސްކިތްތަކުގައި ވެސް ލިފްޓް ހަރުކުރުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
"މިއަދު ތިން މިސްކިތެއްގައި މި ގޮނޑިތައް ބެހެއްޓި ނަމަވެސް މުސްތަގުބަލުގައި މާގިނަ ދުވަސްތަކެއް ނުވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެ ހެދުމަށް ފަށޭހަ ގޮތަކެއް އިންތިޒާމްކުރާނަން، އަދި ތިން ބުރިއަށް ހެދިފައި ހުންނަ މިސްކިތްތަކުގައި ލިފްޓް ހަރުކުރުމަކީ ވެސް އުއްމީދެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
މިއަދުން ފެށިގެން މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ގޮނޑި ބަހައްޓާފައިވަނީ ވިޔަފާރިވެރިންގެ މިސްކިތާއި ފުރުގާން މިސްކިތުގެ އިތުރުން ނޫރު މިސްކިތުގަ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ފުރޮޅުލީ ގޮނޑި އިތުރު މިސްކިތްތަކުގައި ބަހައްޓާނެ އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ކަނޑައަޅާފައިވާ އެމްބެސެޑަރު އަހްމަދު ހިޝާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހަގީގަތަކަށް ވެގެންދިއުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.