09 Jul 2015, 14:04
ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.
ފ. އަތޮޅު މަދަރުސާގައި މިއަދު ފެށި އެ މުބާރާތަކީ އެ ފީއަލީގައި ކޮންމެ އަހަރެއްގެ ރޯދަމަހު ބާއްވަމުން އަންނަ ގުރުއާން މުބާރާތެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ގުރުއާން މުބާރާތުގައި މިއަހަރު 98 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން ވަނީ ބުނެފަ އެވެ.
މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި 10 އުމުރުފުރާ އަކުން ބައިވެރި ވެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ ހަތަރު އަހަރުން ދަށާއި ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 13 އަހަރުން ދަށެވެ. މީގެ އިތުރުން 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރައިގައި ބައިވެރި ވެވޭނެ އެވެ.
ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުން ކުރިއަން ގެންދާ އެ މުބާރާތަކީ ރަށުގެ ރައްޔިތުންގެ މެދުގައި ގުރުއާނަށް އޮތް ލޯބި އިތުރު ކުރުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.