06 Mar 2011, 17:28
މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަގާމަށް އައްޔަންކޮށްފައިވާ އާދިލް ސަލީމް އާއި މިނިސްޓަރު އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ މަގާމަށް އައްޔަންކޮށްފައިވާ ޑރ. މަރިޔަމް ޒުލްފާ އަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ކޮމެޓީން ނިންމައި، ރުހުން އޮތްތޯ ބެލުމަށް ވޯޓަކަށް އެހުމަށް މި މަހުގެ 21 ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޓްރާސްޕޯޓް މިނިސްޓަރު ކަމަށް އައްޔަކުރެއްވި އާދިލް ސަލީމް އާއި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމް ދެއްވި ޑރ. މަރިޔަމް ޒުލްފާ އަށް ރުހުން ހޯދެވުމަށްޓަކައި މަޖިލީހަށް ފޮނުވި މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ. އަދި ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތް ވަނަ ޖަލްސާއަށް ނުވަތަ މި މަހުގެ 21 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާފައިވާ ކަމަށާއި މެންބަރުންނަށް ވެސް އެކަން އަންގާފައިވާ ކަމަށް ވެސް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހު ވަޒީރުކަމުގެ ފަތްކޮޅު ދެއްވި އާދިލް ސަލީމާއި ޒުލްފާ އަށް މަޖިލީހުން ރުހުން ދިނުމާ ބޭހޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރުޕީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަޖިލީހުގެ މިދިޔަ ދައުރު ނިމިގެން ދިޔައިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، އެ ޕާޓީ ދެ ބަޔަކަށް ބެހި، ފެކްޝަންތައް އުފެދިފައި ވުމާއި، ކޯލިޝަން ހަދާފައިވާ ޕީއޭއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައި ވުމުން ބައެއް ފަރާތަކުން ދަނީ މަޖިލީހުގެ މެޖޯރިޓީއާ މެދު ސުވާލު އުފައްދަމުންނެވެ.
ނަމަވެސް މާލެ އަތޮޅާއި ށ. އަތޮޅުގެ ކައުންސިލް އިދާރާގެ މައްސަލާގައި ހޯމް ނިސްޓަރު ހަސަން އަފީފު އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނަށް ދީފައިވާ އިންޒާރުތަކާ ގުޅިގެން ޑީއާރުޕީން ދެ ފެކްޝަނުން ވެސް ހޯމް މިނިސްޓަރަށް ރުހުން ނުދިނުމަށް އިއްތިފާގުވެފައިވެ އެވެ.