09 Jul 2015, 13:14
ގައުމުގައި އުޅޭ ހުރިހާ ރައްޔިތުންގެ ޑީއެންއޭ ޓެސްޓު ހެދުން މަޖުބޫރުވާ ގާނޫނެއް ކުވޭތުގައި އެކުލަވާލައިފި އެވެ. އެ ގާނޫނުގެ ދަށުން ކުވޭތުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނާއި ބިދޭސީންގެ ޑީއެންއޭ ނަގައިފި ކަމުގައިވާ ނަމަ ކުވޭތަކީ މިހާތަނަށް މުޅި ގައުމުގެ އާބާދީގެ ޑީއެންއޭ ނަގާ ރައްކާ ކުރެވިފައިވާ ގައުމަށް ވާނެ އެވެ.
މިހާރު ވެސް ގިނަ ގައުމުތަކުގައި ޑީއެންއޭތައް ނަގާ އެތަކެތި ރައްކާ ކުރެވެ އެވެ. އެގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތު ފަދަ ގައުމުތަކުގައި އެ ގައުމުގެ ކުށްވެރިންގެ ޑީއެންއޭ ނަގައި ރައްކާކުރެ އެވެ. އެއީ ކުށްވެރިޔާ ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
ކުވޭތު ސަރުކާރުން އެ ފަދަ ބަދަލެއް ގެނައުމަށް ނިންމާފައި ވަނީ އެގައުމުގައި ޟިގެ ހަފްތާއެއް ކުރިން ހިނގި ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ކުވޭތުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 27 މީހުން މަރުވެ 220 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ. އެހެން ކަމުން އެ ފަދަ ކަންތައްތައް ކުރާ ފަރާތްތައް އަތުލުމުގައި ފަސޭހާ ވެގެން ދާނެ ކަމަށް ބުނެ އެވެ.
ކުވޭތުގެ އިންޓީރިއާ މިނިސްޓްރީ އިން ވަނީ އެ ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ ސަބަބުން ހިއުމަންސް ރައިޓް އިން އެކަަމަށް ފާޑު ކިޔާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހިއުމަން ރަައިޓްސް އިން ގަބޫލު ކުރާގޮތުގައި އެފަދަ ހަރަކާތެއް ސަރުކާރުން ހިންގުމަކީ ރައްޔިތުންގެ އަމިއްލަ މައުލޫމާތު ނިގުޅައިގަތުން ކަމަށެވެ.