މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ފަށައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު،21 އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު،26ގެ މައްޗަށެވެ.

ދައުވާ އުފުލާފައި ވަނިކޮށް އެ މީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފަ އެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ސައީދު އިބްރާހީމް ވިދާޅުވީ އޭނާ މަރުވި ކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ބެހޭ ރަސްމީ ލިޔުންތައް ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.

ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ހުސްނުހީނާ މަގަށް ވާގޮތަށް ހުންނަ ދޮރުކައިރީގައި ބަޔަކު ތިއްބައި އެމީހުން ސައިކަލްތަކުގައި އެތަނަށް ގޮސްފައިވާ ކަމަށެވެ.

ސައިކަލްގައި ގޮސް އެމީހުންގެ ތެރެއިން މިދުހަތު ދިގުމިނުގައި ތިން ފޫޓު ހުންނަ ވަރުގެ ކޮޅަށްތޫނުކޮށްފައި ހުރި ކަނޑިއެއްފާޑު އެއްޗެއް ހިފައިގެން މަސްއޮޑިގޭ ކައިރީ ތިބި މީހުންގެ ފަހަތުން ދުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މީހުންގެ ތެރެއިން ވިޝާހު ވެސް އެއް ފޫޓު ހުންނަ ވަރުގެ ތޫނުއެއްޗެއް ހިފައިގެން މަސްއޮޑިގޭ ކުރިމަތީގައި ތިބި މީހުންގެ ފަހަތުން ދުވެފައިވާ ކަމަށް ދައުވާގައިވެ އެވެ.

މިދުހަތު އާއި ވިޝާހު މަސްއޮޑިގޭ ކައިރީ ތިބި މީހުންގެ ފަހަތުން ދުއްވައިގަތުމުން އެމީހުން ދުވެފައި މަސް އޮޑިގޭގެތެރެއަށް ވަނުމުން، މިދުހަތާއި ވިޝާހު ރަޝީދު އެ ދެ މީހުން ގެންގުޅުނު ހަތިޔާރުން އެގޭގެ ދޮރުގައި ތަޅާލާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާގައި ވަނީ އެ ހަމަނުޖެހުމުގައި އެ މީހުން އާންމުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށާއި އަދި އެވަގުތު މަގުމަތީގައި ހުރި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ މަރުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

މިދުހަތާއި ވިޝާހު އެ ހަމަނުޖެހުން ހިންގިއިރު އަހްމަދު ސައީދު އެމީހުންނާ އެކު އުޅެފައިވާތީ އޭނާވެސް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ގާޒީ ސައީދު އިބްރާހީމް މިއަދުގެ އަޑުއެހުން ނިންމާނީ ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް އެ ދެ މީހުންނަށް ދިނުމަށްފަހު އެވެ.