އަނެކުނާ ގުޅުންކަނޑައިލުމާއި ވާހަކަ ދެއްކުން ހުއްޓައިލުމަކީ އިސްލާމްދީނުގައި ޙަރާމްވެގެންވާ ކަމެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ޙަދީޘުފުޅުތަކުގައި މިކަމާގުޅޭ ވަރަށް ގިނަ ރިވާޔަތްތައް އައިސްފައިވެއެވެ. އޭގެ ތެރެއިން ސަޙީޙުބުޚާރީއާއި މުސްލިމުގައި އަންނަނިވި ރިވާ އައިސްފައިވެއެވެ.

"ތިންދުވަހަަށްވުރެ ގިނަ ދުވަސްވަންދެން ތިމާގެ އަޚާއާ ގުޅުން ކަނޑައިލައިގެން ހުރުމަކީ އެއްވެސް މީހަކަށް ހުއްދަކަމެއްނޫނެވެ. އެކަކު އަނެކަކާ ބައްދަލުވުމުން އެކަކު އެފަރާތަށް މޫނު އަނބުރައިލައިގެން އަނެކަކު މިފަރާތަށް މޫނު އަނބުރައިލައިގެން ދިޔުމަކީ ހުއްދަކަމެއްނޫނެވެ. ދެމީހުންކުރެ ހެޔޮކަންބޮޑު މީހަކީ ސަލާމްކުރުމުގައި އިސްނަގާ މީހާއެވެ."

އިތުރު ސާހިބާގެ ޙަދީޘުފުޅުތަކުގެ ތެރެއިން އެހެން ރިވާއެއްގައި އައިސްފައިވެއެވެ.

"ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެއްވޭނެއެވެ. އަދި މާތްﷲ އާއި އެހެން ފަރާތަކާ ޝަރީކު ނުކުރާ ކޮންމެ އަޅެއްގެ ފާފަ ފުއްސަވައިދެއްވާނެއެވެ. ތިމާގެ އަޚާއާ އަދާވާތްތެރި ވެފައިވާ މީހާ ފިޔަވައެވެ. ބުނެވުނެވެ. އެދެމީހުންނަށްޓަކައި އިންތިޒާރު ކުރެވޭނެއެވެ. އެދެމީހުން އެކަކު އަނެކަކާ ގުޅުން ރަނގަޅުކޮށްފުމަށް ދާންދެނެވެ." (މުސްލިމު)

އަދިވެސް އެހެން ރިވާޔަތެއްގައި ވާގޮތުން ޞަހާބީއަކު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.

"ތިމާގެ އަޚާއާ ގުޅުންކަނޑައިލައިގެން ތިންދުވަހަކަށްވުރެ ގިނަދުވަހު ހުރުމަކީ މުސަލިމަކަށް ހުއްދަވެގެންވާކަމެއްނޫނެވެ. ތިން ދުވަހަށްވުރެ ގިނަ ދުވަހު ގުޅުން ކަނޑައިލައިގެން ހުއްޓައި މީހަކު މަރުވެއްޖެނަމަ އެމީހަކު ވަންނާނީ ނަރަކައަށެވެ." (ސުނަނު އަބީ ދާއޫދު: 4/281)

ވަރަށް ގިނަ ފަހަރަށް ދެމީހަކު ރުޅިއައިސްގެން އެކަކު އަނެކަކާ ގުޅުން ކަނޑައިލައެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓައިލައެވެ. މިނުބައި ސިފައަކީ އަންހެނުންގެ ތެރޭގައިވެސް ފިރިހެނުންގެ ތެރޭގައިވެސް ހުންނަ ސިފައެކެވެ. އިންތިހާ ދަރަޖައިގެ ނުރައްކާތެރި ބޮޑު ފާފައެކެވެ. ތިމާ އިސްލާޙުނުވެ ހުއްޓައި މަރުވެއްޖެކަމަށްވާނަމަ ނަރަކަވަންތަ ވެރިޔަކަށްވުމަކީ ވަރަށް ގާތް ކަމެކެވެ. ތިމާއަކީ ނަމާދުކޮށް، ރޯދަހިފައި އުޅޭ މީހަކު ކަމުގައިވިޔަސްމެއެވެ.