އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ މުހިންމު ކުޅުންތެރިން ކަމުގައިވާ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) އާއި މުޙައްމަދު އާރިފު (ބަކާ) އާއި ގޯލް ކީޕަރު ޢިމްރާން މުޙައްމަދާއި ހުސައިން ނިޔާޒު މުޙައްމަދު (ބޮކުރީ) އަށް ނުކުޅެވޭނެކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ރާއްޖެ އިން ބޭރުގައި ކުޅޭ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމުގައިވާ ދަނގަޑޭއާއި ބަކާއަށް ޓީމްގައި ބައިވެރި ނުވެވެނީ އެ ދެކުޅުންތެރިން ކުޅޭ ޓީމްތަކުން ރިލީސް ނުލިބޭތީ އެވެ.

ދަނގަޑޭ ކުޅެމުން ދަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށެވެ. ބަކާ ކުޅެމުން ދަނީ މިޔަންމާ ލީގްގެ ކަންބަވާޒާ އެފްސީ (ކޭބީޒެޑް އެފްސީ) އަށެވެ.

އަނިޔާގައި ހުރި ގައުމީ ޓީމްގެ ގޯލް ކީޕަރު ޢިމްރާން މުޙައްމަދުގެ ކަކުލު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން މިދިޔަ ހަފުތާގައި އިންޑިއާގެ މުންބާއީގެ ކޮކިލަބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ވަނީ ސާޖަރީ ހަދާފަ އެވެ.

މިއަނިޔާ އިން ރިކަވާވާން ހަ މަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ގައުމީ ޓީމްގެ ޑޮކްޓަރު އަހްމަދު ޝަކީބު ވަނީ ވިދާޅުވެފަ އެވެ.

ޢިމްރާން އަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް އެގައުމުގައި ކޫލެނިކޮށެވެ. އެމެޗްގައި ލިބުނު އަނިޔައައި ގުޅިގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.

ގައުމީ ޓީމްގެ މިޑްފީލްޑާ މާޒިޔާގެ ބޮކުރީއަށް ވެސް އަނިޔަގެ ސަބަބުން ޓީމްގައި ބައިވެރި ނުވެވޭވެނެ އެވެ. އޭނާއަށް އަނިޔަވީ ލީގްގައި ކުޅެނިކޮށެވެ.

މިހަތަރު ކުޅުންތެރިންނަށް ޓީމްގައި ބައިވެރި ނުވެވޭއިރު މިކުޅުންތެރިންގެ ބަދަލުގައި އިތުރު ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭނެ އެވެ.

ކެޕްޓަން ދަނގަޑޭއާއި ވައިސް ކެޕްތަން ބަކާއަށް ނުކުޅެވޭއިރު މިމުބާރަތަށް ގައުމީ ޓީމް ކެޕްޓަން ބޭންޑު އަޅާނީ އާ ކުޅުންތެރިޔެކެވެ.